ޗައިނާއިން ޓައިވާން ކައިރިއަށް 100 އަށްވުރެ ގިނަ މަނަވަރު ފޮނުވައިފި

ޗައިނާއިން ޓައިވާން ކައިރީގައިވާ ކަނޑުގެ ސަރަހައްދުތަކަށް 100 އަށްވުރެ ގިނަ ހަނގުރާމަމަތީ މަނަވަރާއި ކޯސްޓްގާޑް އުޅަނދުތައް ފޮނުވާފައިވާ ކަމަށް ޓައިވާނުގެ އިސް އޮފިޝަލަކު ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ. މި އުޅަނދުތައް ފޮނުވާފައިވަނީ ރީނދޫ ކަނޑުން ފެށިގެން ދެކުނު ޗައިނާ ކަނޑާއި ހުޅަނގު ޕެސިފިކް ކަނޑުގެ ސަރަހައްދުތަކަށެވެ.

ޓައިވާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ރައީސް ޖޯސެފް ވޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޗައިނާއިން މި އުޅަނދުތައް ރުކުރުވާލާފައިވާ ކަމަށެވެ. އޭނާ ވަނީ ޗައިނާއިން ސަރަހައްދީ ހަމަޖެހުން ނަގާލައި، ސުލްހައަށް ނުރައްކާ ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. ޓައިވާނުގެ ސަލާމަތީ އިދާރާތަކުން ބުނާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ކުރިންވެސް މި އުޅަނދުތައް ފެންނަން ހުރި ނަމަވެސް، ފަހަކަށް އައިސް އޭގެ އަދަދު 100 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.

މިކަން ހިނގާފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވިތާ ދިހަވަރަކަށް ދުވަސް ފަހުންނެވެ. އެ ދަތުރުފުޅުގައި ޓްރަމްޕް ވަނީ މިނިވަންކަން އިޢުލާން ކުރުމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޓައިވާނަށް އިންޒާރު ދެއްވާފައެވެ. ނަމަވެސް ޓައިވާނުން ބުނެފައިވަނީ އެއީ މިނިވަން މުސްތަގިއްލު ދައުލަތެއް ކަމަށާއި، ޗައިނާގެ ދަށުގައިވާ ތަނެއް ނޫން ކަމަށެވެ.

ރައީސް ޓްރަމްޕް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، ޓައިވާނުގެ ލީޑަރު ލައި ޗިންގް-ތޭ އާ ވާހަކަދައްކަވާނެ ކަމަށެވެ. މީގެ އިތުރުން ވައިޓް ހައުސްއިން ދަނީ ޓައިވާނަށް ހަތިޔާރު ވިއްކުމާ މެދު ވިސްނަމުންނެވެ. ޓްރަމްޕް ވިދާޅުވީ އޭނާ ހުރިހާ ފަރާތްތަކާވެސް ވާހަކަދައްކަވާނެ ކަމަށާއި، ޗައިނާގެ ރައީސްއާ އެކު ބޭއްވި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ.

މި ދަނޑިވަޅުގައި ޓައިވާނުގެ ވެރިރަށް ތައިޕޭގައި އެތައް ސަތޭކަ ބަޔަކު ވަނީ ދިފާއީ ޚަރަދުތައް އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ތާއީދުކޮށް މުޒާހަރާކޮށްފައެވެ. ޓައިވާނުގެ ރައީސް ލައި ޗިންގް-ތޭ ވަނީ ދިފާއީ ބަޖެޓަށް 40 ބިލިއަން ޑޮލަރު ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން ކޮންޓްރޯލް ކުރާ ޕާލަމެންޓުން ފާސްކޮށްފައިވަނީ އޭގެ ތިންބައިކުޅަ އެއްބައި ކަމަށްވާ ހަމައެކަނި އެމެރިކާއިން ހަތިޔާރު ގަތުމަށް ބޭނުންވާ ފައިސާއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، ކޯމިންޓަންގް (ކޭއެމްޓީ) އިން ބުނަމުންދަނީ އެމީހުން ދިފާއީ ޚަރަދުތަކަށް ތާއީދުކުރާ ކަމަށާއި، ނަމަވެސް ސަރުކާރުން ބޭނުންވާ ގޮތަށް ބޮޑެތި ޚަރަދުތައް ކުރަން ފުރުސަތު ނުދޭނެ ކަމަށެވެ. އެ ޕާޓީގެ ލީޑަރު ޗެންގް ލީ-ވުން ވިދާޅުވީ ޓައިވާނުން އިންވެސްޓް ކުރަންވީ ހަނގުރާމައަށް ނޫން ކަމަށާއި، ސުލްހައަށް ކަމަށެވެ. ނަމަވެސް ޓައިވާން ސަރުކާރުން ބުނަނީ ޓައިވާނުގެ މުސްތަގުބަލު ނިންމާނީ އެ ގައުމުގެ ރައްޔިތުން ކަމަށެވެ. ޓަައިވާނަކީ ޗައިނާގެ ބާޣީ ސަރަހައްދެކެވެ.

ހިއްސާ ކުރައްވާ!