ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ޖަންގަލީ ވަޒީރު އިތަމާރު ބެން-ގްވީރު ފަރަންސޭސިވިލާތަށް ވަނުން މިއަދުން ފެށިގެން މަނާކޮށްފައިވާކަން އެ ގައުމުގެ ފޮރިން މިނިސްޓަރު ޖީން-ނޮއެލް ބަރޯޓް ހޮނިހިރު ދުވަހު އިއުލާނު ކުރައްވައިފިއެވެ. މި ނިންމުމަކީ މިދިޔަ އަންގާރަ ދުވަހު ކަނޑުފޭރިގަތް 'ގްލޯބަލް ސުމޫދު ފްލޮޓިލާ' ގެ ބައިވެރިންނާ މެދު ބެން-ގްވީރު އަމަލުކުރި ގޮތާއި ޔަހޫދީ ޖެނޮސައިޑް ރެޖީމުން އެމީހުން ރޒެޕް ކުރުމުގެ ނަތީޖާއެވެ.
ފަރަންސޭސި ފޮރިން މިނިސްޓަރު ވިދާޅުވީ، ފަރަންސޭސި ރައްޔިތުންނަށް ބިރުދައްކައި، ފުރައްސާރަކޮށް ރޭޕްކޮށް އަދި އަނިޔާވެރިވުމަކީ، ހާއްސަކޮށް ސަރުކާރުގެ އިސް މަގާމެއްގައި ހުރި މީހަކު އެފަދަ އަމަލެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. "މިއަދުން ފެށިގެން އިތަމާރު ބެން-ގްވީރު ފަރަންސޭސިވިލާތުގެ ސަރަހައްދަށް ވަނުން ވަނީ މަނާކުރެވިފައި،" ބަރޯޓް ވިދާޅުވިއެވެ.
މީގެ އިތުރުން، ބެން-ގްވީރު ޔޫރަޕްގެ ބައްރަށް ވަނުން މަނާކުރުމަށް ފަރަންސޭސިވިލާތުން ވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެހެން ގައުމުތަކަށް ވެސް ގޮވާލާފައެވެ. އިޓަލީން ވެސް ވަނީ މިދިޔަ ހަފްތާގައި މިފަދަ ނިންމުމެއް ނިންމާފައެވެ. އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ތަޖާނީ ވިދާޅުވީ ބެން-ގްވީރުގެ އަމަލުތަކަކީ އިންސާނީ ކަރާމާތަށް އުނިކަން އަންނަ، ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ.
އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވިދާޅުވީ، ކިޑްނެޕްކުރި އިޓަލީގެ ރައްޔިތުން ވަގުތުން މިނިވަންކުރުމަށްޓަކައި އެންމެ މަތީ ފަންތީގައި މަސައްކަތް ކުރި ކަމަށެވެ. އަދި އީޔޫގެ ފޮރިން މިނިސްޓަރުންގެ ކުރިއަށް އޮތް ބައްދަލުވުމުގައި ބެން-ގްވީރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިޓަލީން ވަނީ ރަސްމީކޮށް ހުށަހަޅާފައެވެ.
ބެން-ގްވީރު ވަނީ ފްލޮޓިލާގެ ބައިވެރިންނަށް ފުރައްސާރަކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ފަލަސްތީނަށް މިނިވަންކަން ދިނުމަށް ގޮވާލި އަންހެން އެކްޓިވިސްޓެއްގެ ބޯ ތިރިކުރުމަށް މަޖުބޫރުކޮށް، "އަނގަ މަޑުންލައިގެން ހުރޭ" އޭ ބުނެ އޭނާ ވަނީ ހަޅޭއްލަވާފައެވެ. އަދި އިޒްރޭލުގެ ދިދަ ހޫރުވަމުން "މިއީ އަހަރެމެންގެ ތަނެއް" ކަމަށް އޭނާ ވަނީ ގޮވާފައެވެ.
ޔޫރަޕިއަން ޔޫނިއަންގެ ރައީސް އެންޓޯނިއޯ ކޮސްޓާ ވެސް ވަނީ ބެން-ގްވީރުގެ އަމަލުތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ.







