ޑޮނަލްޑް ޓްރަމްޕަކީ ކާމިޔާބު ވިޔަފާރިވެރިއެއްގެ ގޮތުގައި އަމިއްލައަށް އިޝްތިހާރު ކުރެއްވި ނަމަވެސް، އާންމު ރެކޯޑުތަކާއި ކޯޕަރޭޓް ފައިލިންގްތަކުން ދައްކާ ގޮތުގައި ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އޭނާގެ ވިޔަފާރިތައް ވަނީ ތަކުރާރުކޮށް ބަނގުރޫޓުވެ، ނާކާމިޔާބުވެފައެވެ. ތަފާތު އެކި ދާއިރާތަކުން އޭނާ ފެއްޓެވި ގިނަ މަޝްރޫއުތަކެއް ވަނީ މެދުކަނޑާލަން ޖެހިފައެވެ.
ޓްރަމްޕްގެ ކެސިނޯ އެމްޕަޔަރަކީ އެންމެ ފުރަތަމަ ބަނގުރޫޓުވާން ފެށި އެއް ވިޔަފާރިއެވެ. އެގޮތުން 1991 ވަނަ އަހަރު ޓްރަމްޕް ތާޖް މެހެލް ބަނގުރޫޓުވިއިރު، 1992 ވަނަ އަހަރު ޓްރަމްޕް ޕްލާޒާ ހޮޓެލް އަދި ޓްރަމްޕް ކާސްލް ވެސް ވަނީ ބަނގުރޫޓުވެފައެވެ. މީގެ އިތުރުން އޭނާގެ ހިއްސާ އޮންނަ ކުންފުނި ޓްރަމްޕް ހޮޓެލްސް އެންޑް ކެސިނޯ ރިސޯޓްސް 2004 ވަނަ އަހަރު ބަނގުރޫޓުވިއިރު، އޭގެ ފަހުން އުފެއްދި ތްރަމްޕް އެންޓަރޓެއިންމެންޓް ރިސޯޓްސް 2009 ވަނަ އަހަރު ވަނީ އަނެއްކާވެސް ބަނގުރޫޓުވެފައެވެ.
ކެސިނޯގެ ބޭރުން ފެނުނު ނާކާމިޔާބީތައް
ކެސިނޯ ވިޔަފާރީގެ އިތުރުން ޓްރަމްޕްގެ އެހެން ވިޔަފާރިތަކަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. އެގޮތުން ޓްރަމްޕް ޔުނިވާސިޓީ ގިނަ ދައުވާތަކަކަށްފަހު 25 މިލިއަން ޑޮލަރުގެ ސެޓްލްމަންޓަކާއެކު ބަންދުކުރަން ޖެހުނެވެ. އަދި ވިޓަމިން ވިއްކުމަށް އުފެއްދި ޓްރަމްޕް ނެޓްވޯކް ވެސް ވަނީ މާކެޓް ދަށްވުމުގެ ސަބަބުން ހުއްޓާލާފައެވެ.
ޓްރަމްޕްގެ ނަމުގައި ނެރުނު ގިނަ އުފެއްދުންތަކެއް ވެސް ވަނީ މާކެޓުން ގެއްލިފައެވެ. މީގެ ތެރޭގައި ޓްރަމްޕް އައި، ޓްރަމްޕް ވޮޑްކާ، ޓްރަމްޕް ސްޓޭކްސް، ޓްރަމްޕް ފެން، އަދި ޓްރަމްޕް މެގަޒިން ހިމެނެއެވެ. މީގެ އިތުރުން އޭނާ ފެއްޓެވި ޓްރެވަލް ވެބްސައިޓް ގޯ ޓްރަމްޕް ޑޮޓް ކޮމް އާއި މޯގޭޖް ވިޔަފާރި ޓްރަމްޕް ފައިނޭންޝަލް ވެސް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުއްޓާލަން ޖެހިފައެވެ.
ނުނިމި ހުރި ރިއަލް އެސްޓޭޓް މަޝްރޫއުތައް
ޓްރަމްޕްގެ ނަމުގައި ހިންގަން އުޅުނު ބައެއް ބޮޑެތި ރިއަލް އެސްޓޭޓް މަޝްރޫއުތައް ވެސް ވަނީ ނާކާމިޔާބުވެފައެވެ. ޓަމްޕާގައި ބިނާކުރަން އުޅުނު ޓްރަމްޕް ޓަވަރު ދުވަހަކުވެސް ބިނާނުކުރެވުނުއިރު، މެކްސިކޯގެ ޓްރަމްޕް އޯޝަަން ރިސޯޓް ވެސް ވަނީ ދައުވާތަކާ ގުޅިގެން ހުއްޓިފައެވެ. އަދި ޓޮރޮންޓޯގައި ހުރި ޓްރަމްޕްގެ ހޮޓާ ބަނގުރޫޓުވެ، އެތަނުން އޭނާގެ ނަން ވަނީ އުނިކޮށްފައެވެ.
ފާއިތުވި 30 އަހަރަށް ބަލާއިރު، ޓްރަމްޕްގެ ވިޔަފާރީގެ ތާރީޚުން ފެންނަނީ ވަރަށް ބޮޑު އިޝްތިހާރަކާއެކު ވިޔަފާރިތައް ފެށުމަށްފަހު، މާލީ ގެއްލުންތަކާއި، ދައުވާތަކާއި، ބަނގުރޫޓުވުމުގެ ސިލްސިލާއެކެވެ.




