ޔަހޫދީ ޖެނޮސައިޑް ހަނގުރާމައިގެ ޖަރީމާތައް އަދިވެސް ދަނީ ހިންގަމުން: އދ

ފަލަސްތީނުގައި ހުންނަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ހާމަކުރި ގޮތުގައި، ޣައްޒާގައި ޔަހޫދީ ޖެނޮސައިޑް ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުން ތަހައްމަލު ކުރަމުންދަނީ ނުހަނު ހިތްދަތި ހާލަތެކެވެ. މިދިޔަ އޮކްޓޫބަރު މަހު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރި ފަހުން ވެސް، ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ހަމަލާތަކުގައި 880 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ތަރުޖަމާނު މައި އަލްޝައިޚް ވިދާޅުވީ، ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ. އަދި ޔަހޫދީ ޖެނޮސައިޑް ރެޖީމުން ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން ބޭނުންކުރަމުންދަނީ ގަތުލުއާންމުތައް ހިންގުމުގެ އައްޑަނައެއްގެ ގޮތުގައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ފަހުގެ ހަމަލާތަކުގައި އެކަނިވެސް ފޭލިގެތަކާއި މަގުމަތީގައި ތިބި 180 އާންމުން ވަނީ ޝަހީދުވެފައެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ، ޔަހޫދީ ޖެނޮސައިޑް ރެޖީމުން ދަނީ ގަސްތުގައި ޣައްޒާއަށް އެތެރެކުރާ އެހީގެ މިންވަރު މަދުކުރަމުންނެވެ. މި މަހުގެ 15 އިން 21 އަށް ރަފަހް ބޯޑަރު ހުރަސްކޮށް ދަތުރުކުރުމުގެ ހުއްދަ ދީފައިވަނީ އަމާޒުކުރި އަދަދުގެ އެންމެ 28 އިންސައްތަ މީހުންނަށެވެ. އަދި އެ މުއްދަތުގައި އެތެރެކުރަން ކަނޑައެޅި 4200 ލޮރީގެ ބަދަލުގައި އެތެރެކުރެވުނީ އެންމެ 2287 ލޮރީއެވެ.

މައި އަލްޝައިޚް އިތުރަށް ވިދާޅުވީ، ޔަހޫދީ ޖެނޮސައިޑް ރެޖީމުން ދަނީ ކާބޯތަކެއްޗާއި ބޭސްފަރުވާ ކޮންޓްރޯލްކޮށް، އިންސާނީ ގޮތުން ޣައްޒާ ބަނޑަށް ޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. ވަކިން ހާއްސަކޮށް އައްސޭރިފަށުގެ ސަރަހައްދުތަކުގައި ތިބި ރެފިއުޖީ އާއިލާތަކަށް އަމާޒުކޮށް ވައިގެ މަގުންނާއި ކަނޑުގެ މަގުން ހަމަލާތައް ދީ، ބިރުވެރިކަން އުފައްދަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އދ. ގެ އެކި ޖަމިއްޔާތަކުން ދަނީ ޣައްޒާގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އުންރުވާ އިން ބުނި ގޮތުގައި ޣައްޒާގެ މައްސަލައަކީ ހަމައެކަނި ސިޔާސީ މައްސަލައެއް ނޫނެވެ. އެއީ ކާބޯތަކެއްޗާއި، ސިއްހީ ހިދުމަތާއި، ބޯފެނާއި ބޯހިޔާވަހިކަމާ ގުޅިފައިވާ އިންސާނީ ބޮޑު ކާރިސާއެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ޒަހަމްވެފައިވާ އެތައް ހާސް ބަޔަކަށް އެކަށީގެންވާ ފަރުވާ ނުލިބޭކަމުގެ އިންޒާރު ދީފައެވެ.

ޣައްޒާގެ މީޑިއާ އޮފީހުން ބަޔާންކުރި ގޮތުގައި، ތެލާއި އިންސާނީ އެހީއަށް ހުރަސްއެޅުމުގެ ސަބަބުން ޣައްޒާ ވަނީ އަރައިގަންނަން އުނދަގޫ ބޮޑު ކާރިސާއެއްގެ ތެރޭގައެވެ. ޔަހޫދީ ޖެނޮސައިޑް ހަނގުރާމައިގައި ލިބިފައިވާ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ މި އަމަލުތަކުގެ ސަބަބުން ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ހިއްސާ ކުރައްވާ!