ޕާކިސްތާނުގެ ކުވެޓާގެ ޗަމަން ފަޓަކް ސަރަހައްދުގައި ރޭލު ދަގަނޑެއްގެ ކައިރީގައި މިއަދު އެއްޗެއް ގޮވައި، މަދުވެގެން 20 މީހުން ޒަޚަމްވެއްޖެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. އާދީއްތަ ދުވަހު ހިނގި މި ހާދިސާގައި ރޭލުގެ ބައެއް ކޯޗުތަކަށާއި، ކައިރީގައި ހުރި ގެތަކަށާއި އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
މި ގޮވުމާއެކު ރޭލު ދަގަނޑު ކައިރީގައި ބޮޑު އަލިފާންގަނޑެއް އުފެދުނު އިރު، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކާއި ފަޔަރު ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސްފައެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންވެސް ވަނީ ޒަޚަމްވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވެފައެވެ.
ޕާކިސްތާނުގައި މަނާކޮށްފައިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބަލޮޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ވަނީ މި ހަމަލާގެ ޒިންމާ އުފުލާފައެވެ. އެ ޖަމާއަތުން ބުނި ގޮތުގައި މިއީ ޕާކިސްތާނުގެ އަސްކަރިއްޔާއަށް އަމާޒުކޮށް ދިން "ފިދާއީ" ނުވަތަ އަމިއްލައަށް މަރުވެގެން ދިން ހަމަލާއެކެވެ.
އޭއާރުވައި ނިއުސްއަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ، ގޮވުން ހިނގާފައިވަނީ ރޭލު ދަގަނޑާ ވަރަށް ކައިރީގައި ކަމަށެވެ. ނަމަވެސް މި ހާދިސާގައި ލިބުނު ގެއްލުންތަކާއި މީހުންނަށް ލިބުނު އަނިޔާތަކުގެ ފުރިހަމަ ތަފްސީލު އަދިވެސް ދަނީ ބަލަމުންނެވެ.
ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ އެ ސަރަހައްދު ބަންދުކޮށް، މި ހާދިސާ އިތުރަށް ތަހުގީގު ކުރަން ފަށާފައެވެ. މިއީ ފަހަކަށް އައިސް އެ ސަރަހައްދުގައި ދެވުނު ނުރައްކާތެރި ހަމަލާތަކުގެ ތެރެއިން ހަމަލާއެކެވެ.



