ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަގުބޫލުވެފައިވާ "ކޮކްރޯޗް ޖަންތާ ޕާޓީ" އަށް ޕާކިސްތާނާއި ބިލިއަނަރު ޖޯޖް ސޯރޯސްއާ ގުޅުންހުރި ނެޓްވޯކްތަކުގެ އެހީތެރިކަން ލިބޭކަމަށް އިންޑިއާގެ ސަރުކާރުގެ ބީޖޭޕީ މިނިސްޓަރު ކިރެން ރިޖިޖޫ ކުރެއްވި ތުހުމަތުތައް އެ ޕާޓީގެ ބާނީ އަބީޖީތު ދިޕްކޭ ދޮގުކޮށްފިއެވެ.
އެކްސް މެދުވެރިކޮށް ދިޕްކޭ ވަނީ މިނިސްޓަރުގެ ވާހަކަތަކަށް ރައްދު ދީފައެވެ. އޭނާ ވަނީ އެ ޕާޓީގެ ސޯޝަލް މީޑިއާ ފޮލޯވަރުންގެ ޑެމޮގްރަފިކްސް ދައްކައިދޭ ސްކްރީން ރެކޯޑިންއެއް ހިއްސާކޮށްފައެވެ. އެ ރެކޯޑިންއިން ފެންނަ ގޮތުގައި އެ ޕާޓީ ފޮލޯކުރާ މީހުންގެ 94 އިންސައްތައަށްވުރެ ގިނައީ އިންޑިއާ މީހުންނެވެ.
މިނިސްޓަރު ރިޖިޖޫ ކުރިން ވިދާޅުވެފައިވަނީ ކޮކްރޯޗް ޖަންތާ ޕާޓީ ކުއްލިއަކަށް މަގުބޫލުވެގެން ދިޔައީ ބޭރުގެ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ކަމަށެވެ. މިކަމާ ގުޅިގެން ދިޕްކޭ ބުނީ މިނިސްޓަރު މަސައްކަތް ކުރައްވަނީ "އިންޑިއާގެ ޒުވާނުންނަކީ ޕާކިސްތާނު ބައެއްގެ ގޮތުގައި ލޭބަލް ކުރަން" ކަމަށެވެ. އަދި މި ހަރަކާތް ކުރިއަރަނީ ބޭރުގެ ނުފޫޒަކުން ނޫން ކަމަށާއި، އެއީ ގައުމުގެ އެތެރޭގައި ހުރި ކަންބޮޑުވުންތަކުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.
ދިޕްކޭ އިތުރަށް ފާހަގަކުރި ގޮތުގައި، އެ ޕާޓީގެ އިންސްޓަގްރާމް އެކައުންޓް ހެކް ކުރުމުގެ ކުރިންވެސް މި ޑޭޓާ ވަނީ މީޑިއާއާ ހިއްސާކޮށްފައެވެ. އޭނާ ވަނީ އެކައުންޓް ހެކްކުރި ކަމަށް ބުނާ ވާހަކަވެސް އަލުން ތަކުރާރުކޮށްފައެވެ.
ކޮކްރޯޗް ޖަންތާ ޕާޓީއަކީ އިންޑިއާގެ އުއްތަމަ ފަނޑިޔާރު ދެއްކެވި "ކޮކްރޯޗް" ޒުވާނުންނަކީ ކުރަފިތަކެއް ކަމަށް ބުނާ ވާހަކައަކަށްފަހު، އިންޑިއާގެ ޒުވާނުންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތަކީ މިހާރު ސިޔާސީ ގޮތުން ބޮޑެތި ބަހުސްތަކެއް އުފެދިފައިވާ ކަމަކަށް ވަނީ ވެފައެވެ.





