އިބޯލާއާ ގުޅިގެން ޕާކިސްތާނުގެ އެއާޕޯޓުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

ކޮންގޯ އަދި ޔުގެންޑާގައި ފެތުރެމުންދާ އިބޯލާގެ ސިއްހީ ވަބާކީ ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅުމާ ގުޅިގެން، ޕާކިސްތާނުގެ އެއާޕޯޓުތަކުގައި ސްކްރީން ކުރުމުގެ މަސައްކަތް ވަރުގަދަކޮށް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

ޕާކިސްތާނުގެ ފެޑަރަލް ހެލްތު މިނިސްޓަރު މުސްތަފާ ކަމާލް ވަނީ މި ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ހުރިހާ އެއާޕޯޓެއްގައި ހަރުކަށި ސްކްރީނިންގް ޕްރޮޓޮކޯލްތަކެއް ތަންފީޒު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ. މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ނޭޝަނަލް ހެލްތު ސާވިސަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެފްރިކާގެ ގައުމުތަކަށް ދަތުރުކުރަން ގަސްދުކުރާ ފަރާތްތަކުން ދަތުރު ކުރުމުގެ ކުރިން ސިއްހީ އިރުޝާދުތަކަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ޕާކިސްތާނުން ނުވަތަ އަވަށްޓެރި ގައުމަކުން ވެސް މިހާތަނަށް އިބޯލާގެ އެއްވެސް ކޭސްއެއް ފެނިފައެއް ނުވެއެވެ. އަދި އެފްރިކާގެ ގައުމުތަކާ ދެމެދު އޮންނަ ދަތުރުފަތުރުގެ ގުޅުންތައް މަދުވުމުގެ ސަބަބުން ޕާކިސްތާނަށް މި ބަލީގެ ނުރައްކާ އޮތީ ވަރަށް ކުޑަ މިންވަރަކަށް ކަމަށް ވެސް ބަޔާނުގައިވެއެވެ.

ޑަބްލިއުއެޗްއޯގެ އިރުޝާދާ އެއްގޮތަށް ބަލިމަޑުކަން މޮނިޓަރ ކުރުމުގެ މަސައްކަތް ވަރުގަދަކުރި ނަމަވެސް، ދަތުރުފަތުރު ކުރުމުގައި އެއްވެސް ހުރަހެއް އެޅުމަށް ލަފާދީފައެއް ނުވެއެވެ. ހެލްތު މިނިސްޓަރު ވިދާޅުވީ "އާންމުން ބަލިމަޑުކަމުން ރައްކާތެރިކުރުމަށްޓަކައި އިސްތިރާޖީ ފިޔަވަޅުތަކެއް ދަނީ އަޅަމުން" ކަމަށާއި، ހެލްތު މިނިސްޓްރީ އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ޑަބްލިއުއެޗްއޯއާ ގުޅިގެން ހާލަތު މޮނިޓަރ ކުރަމުންދާ ކަމަށެވެ.

ޕާކިސްތާނުގެ ހުރިހާ ޕްރޮވިންސްތަކަކަށާއި ބޯޑަރު ހެލްތު ސާވިސަސްތަކަށް ސަމާލުވެ ތިބުމަށް އަންގާފައިވާއިރު، ކުއްލި ހާލަތަކަށް އިޖާބަދިނުމަށް ސިއްހީ މުއައްސަސާތައް ވަނީ ހައި-އެލާޓަށް ގެނެސްފައެވެ. އަދި ޕާކިސްތާނުގައި އިބޯލާ ދެނެގަތުމުގެ ގާބިލުކަން ހުރިކަން ފާހަގަކޮށް، ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ފުރިހަމަކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

ހިއްސާ ކުރައްވާ!