ޕާކިސްތާނުގެ ސަލާމަތީ ކަންކަން ގޯސްވަމުންދާ މި ދަނޑިވަޅުގައި، ސިންދު ޕޮލިހުން ހިންގި ނުރައްކާތެރި އޮޕަރޭޝަނެއްގައި ޕެޝާވަރުން ވަގަށް ނަގާފައިވާ 11 އަހަރުގެ އަންހެން ކުއްޖަކު ސަލާމަތްކޮށްފިއެވެ. ޝިކާރުޕޫރުގެ ކަޗާ ސަރަހައްދުގައި ހިންގި މި ކުރިމަތިލުމަކީ އެ ގައުމުގެ ކުށްވެރި ގްރޫޕްތަކުގެ ބާރު އޮތް މިންވަރާއި ދައުލަތުގެ ނުކުޅެދުންތެރިކަން ހާމަވެގެންދިޔަ ކަމެކެވެ.
ސަލާމަތްކުރެވުނު ހޫރައިން ސައީދު ޕަތާން ފެނިފައިވަނީ އެއްވެސް އަނިޔާއެއް ނުލިބި ހުއްޓައެވެ. ނަމަވެސް، މި ހާދިސާއާއެކު ޕާކިސްތާނުގެ ޕްރޮވިންސްތަކުގެ ބޯޑަރުތައް ހުރަސްކޮށް މިނިވަންކަމާއެކު ހަރަކާތްތެރިވާ ކުޑަކުދިން ވަގަށް ނަގާ ނެޓްވޯކްތައް ހުއްޓުވުމަށް ސަރުކާރު ނުކުޅެދިފައިވާ މިންވަރު ވަނީ އަނެއްކާވެސް ފާހަގަވެފައެވެ.

މި ރޭޑްގެ ތެރޭގައި ފުލުހުން ވަނީ ނުރައްކާތެރި ގޭންގް ލީޑަރެއް ކަމަށްވާ އަބްދުލް ވަހީދު (މުއްލާ) މަރާލާފައެވެ. އަދި އޭގެ ފަހުން ޔާސީން ބަންގްލާނީ ނަމަކަށް ކިޔާ އިތުރު ފޭރުުންތެރިއަކު މަރުވިކަން ވެސް ވަނީ ކަށަވަރުވެފައެވެ. މި ކުރިމަތިލުމުގައި އިތުރު ބަޔަކަށް އަނިޔާވެފައިވާއިރު، ކަޗާ ސަރަހައްދަކީ ދައުލަތުގެ ބާރު ނުހިނގާ، ކުށްވެރިންގެ އަމިއްލަ ބާރު ހިނގާ ތަނެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މި އޮޕަރޭޝަން ފަށާފައިވަނީ ކުއްޖާ ވަގަށް ނެގި މައްސަލަ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. މިއީ ޕާކިސްތާނުގައި މުއައްސަސާތަކުގެ ހިންގުން ދަށްވުމުގެ ސަބަބުން، އާންމުންގެ ޕްރެޝަރަށް ބަލައިގެން ކަންކަން ކުރަންޖެހޭ މިންވަރު ދައްކުވައިދޭ ކަމެކެވެ. މީގެ އިތުރުން، މި އޮޕަރޭޝަނުގެ ތެރެއިން ލާހޯރުން ވަގަށް ނަގާފައިވާ ޖެނިފާ އާމިރު މަސީހު ވެސް ވަނީ ސަލާމަތްކޮށްފައެވެ. އޭނާ ވަގަށް ނަގާފައިވަނީ ދޮގު ވަޒީފާގެ ފުރުސަތެއް ދައްކައިގެންނެވެ.
ސިންދު އައިޖީޕީ ޖާވިދު އާލަމް އޯޑޯ ވަނީ ފުލުހުންގެ ޓީމަށް ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ދެއްވާފައެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިފަދަ އިނާމުތަކުން ފުލުހުންގެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާއި، ހަތިޔާރު އެޅި ގޭންގްތައް އިތުރުވުމާއި، އަދި ރަށްފުށުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސަރުކާރު ނުކުޅެދިފައިވާ މައްސަލައަށް ހައްލެއް ނުލިބެއެވެ.
ޕާކިސްތާނުގެ ކަޗާ ބެލްޓަކީ އަހަރުތަކެއް ވަންދެން ވަގަށް މީހުން ވަގަށ ްނެގުމާއި ފޭރުުންތެރިންގެ ރައްކާތެރި މަރުކަޒެއްގެ ގޮތުގައި އޮންނަ ތަނެކެވެ. މި ހާދިސާއިން ހާމަވަނީ ޕާކިސްތާނުގެ އެތެރޭގެ ސަލާމަތީ ކަންކަން އިންތިހާއަށް ދަށަށް ގޮސް، އާންމު ރައްޔިތުން ކުށްވެރި ނެޓްވޯކްތަކުގެ ޝިކާރައަކަށް ވެފައިވާ މިންވަރެވެ.


