ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) އަމިއްލަ ފަރާތްތަކަށް ވއްކާލާ އިރު، މި މުއާމަލާތުގައި ހުރި ސރިސް މައްސަލަތަކާއި ދެފުށް ނުފެންނަ ކަންތައްތަކެއްގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. 2023 ވަނަ އަހަރު 100 ބިލިއަން ރުޕީސްގެ ގެއްލުމެއް ލިބުނު ނަމަވެސް، 2024 ވަނަ އަހަރު އެއާލައިނުން ވަނީ 26 ބިލިއަން ރުޕީސްގެ ފައިދާއެއް ދައްކާފައެވެ. ނަމަވެސް މިއީ އެއާލައިންގެ ދަރަނިތައް ކަނޑާލުމާއި ޓެކްސް އިނާޔަތްތަކެއްގެ ސަބަބުން ލިބުނު ފައިދާއެއް ކަމަށް މާހިރުން ފާހަގަކުރެއެވެ.
ޕީއައިއޭގެ 75 އިންސައްތަ ހިއްސާ 135 ބިލިއަން ރުޕީސްއަށް ވިއްކާލުމަށް ނިންމާފައިވާއިރު، މި އަގު ކަނޑައެޅި ގޮތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ. ދައުލަތުން މި އަގު ކަނޑައެޅި ގޮތް ސާފުކޮށްދީފައި ނުވާއިރު، އެއާލައިންގެ މުހިންމު ރޫޓުތަކާއި ލޭންޑިން ރައިޓްސްތަކަށް ބަލާއިރު މިއީ ވަރަށް ކުޑަ އަގެއް ކަމަށް ބެލެވެއެވެ. އަދި ގަންނަ ފަރާތުން ފުރަތަމަ ދައްކަން ޖެހެނީ އެންމެ 7.5 އިންސައްތަ ފައިސާ ކަމަށްވާއިރު، ބާކީ ފައިސާ އިންވެސްޓްމަންޓުގެ ގޮތުގައި ދައްކަން ދީފައިވާ ފުރުސަތަކީ ދައުލަތަށް ގެއްލުންވާނެ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
ޕީއައިއޭ ގަންނަ ފަރާތްތަކަކީ އެއާލައިން ހިންގުމުގެ ތަޖުރިބާ ނެތް ފަރާތްތަކެއްކަން ފާހަގަކޮށް، މާހިރުން ބުނަނީ މިއީ އެއާ އިންޑިއާ ޓާޓާ ގްރޫޕުން ގަތް ފަދަ ކާމިޔާބު މުއާމަލާތަކަށް ނުވެދާނެ ކަމަށެވެ. ގަންނަ ފަރާތަށް މުވައްޒަފުން ވަކިކުރުމާއި، ޓިކެޓް އަގު ކަނޑައެޅުމުގައި ބޮޑެތި މިނިވަންކަމެއް ދީފައިވީ ނަމަވެސް، އެ ފަރާތްތަކުން ބުނަމުންދަނީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެއާލައިން އޮންނާނީ ގެއްލުމުގައި ކަމަށެވެ. މިއީ އެއާލައިންގެ ހާލަތުގެ ސަބަބުން ދިމާވާ ކަމެއްތޯ ނުވަތަ ހިންގުންތެރިންގެ ނާގާބިލުކަމުން ވާނެ ކަމެއްތޯ ވަނީ ސުވާލު އުފެދިފައެވެ.
އެއާލައިން ހިންގުން އިސްލާހު ކުރުމަށް އެހެން ގޮތްތަކެއް ހޯދުމަށް ވެސް ވަނީ ލަފާދީފައެވެ. އޭގެ ތެރޭގައި މިނިވަން ޕްރޮފެޝަނަލް ބޯޑެއްގެ ދަށުން ހިންގުން، މުވައްޒަފުންގެ ހިއްސާ އޮންނަ ގޮތަށް ބަދަލުކުރުން ނުވަތަ އާންމުންނަށް ހިއްސާ ވިއްކުން ހިމެނެއެވެ. ދައުލަތުގެ މުހިންމު ވަސީލަތްތައް އަގުހެޔޮކޮށް ވިއްކާލުމުގެ ބަދަލުގައި، ދެފުށް ފެންނަ ހަރުދަނާ ނިޒާމެއްގެ ދަށުން އިސްލާހީ ފިޔަވަޅުތައް އެޅުމަކީ ގައުމީ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.




