ޕާކިސްތާނުގެ އާމްދަނީ އިތުރުވި ނަމަވެސް ރައްޔިތުން ކުރިއަށްވުރެ ފަގީރުވެއްޖެ

ޕާކިސްތާނުގެ ސަރުކާރުން އެންމެ ފަހުން އާންމުކުރި 'ހައުސްހޯލްޑް އިންޓަގްރޭޓެޑް އިކޮނޮމިކް ސާވޭ (އެޗް.އައި.އީ.އެސް) 2024-25′ ގެ ނަތީޖާތަކުން ދައްކާގޮތުގައި، އެގައުމުގެ ގޭބިސީތަކުގެ އެވްރެޖް އާމްދަނީ އިތުރުވި ނަމަވެސް، ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ވަނީ ދަށަށް ގޮސްފައެވެ.

ސާވޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2018-19 އާ އަޅާބަލާއިރު ގޭބިސީއެއްގެ އެވްރެޖް މަހު އާމްދަނީ 41,545 ރުޕީސް އިން 82,179 ރުޕީސް އަށް ވަނީ އުފުލިފައެވެ. މިއީ ގާތްގަނޑަކަށް 97.81 އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް، ހަމަ މި މުއްދަތުގެ ތެރޭގައި ގޭބިސީތަކުގެ އެވްރެޖް ޚަރަދު ވަނީ 113 އިންސައްތަ އިތުރުވެފައެވެ. ޚާއްސަކޮށް ސިޓީތަކުގައި ދިރިއުޅޭ ފަގީރު އާއިލާތަކުގެ ހަގީގީ އާމްދަނީ ވަނީ 23 އިންސައްތަ ދަށަށް ގޮސްފައެވެ.

އާމްދަނީގެ ބޮޑު ބައެއް (36.72 އިންސައްތަ) އަސާސީ ކާބޯތަކެއްޗަށް ހޭދަކުރަން ޖެހުމުގެ ސަބަބުން، ރައްޔިތުން ކާބޯތަކެތި ބޭނުންކުރާ މިންވަރު ވަނީ މަދުވެފައެވެ. ގޮދަން، ހަނޑޫ، މޭވާ، މަސް އަދި ކިރު ފަދަ ތަކެތި ބޭނުންކުރާ މިންވަރު މީގެ ހަ އަހަރު ކުރިއާ އަޅާބަލާއިރު ވަނީ ދަށްވެފައެވެ. މީގެ އިތުރުން، ތައުލީމަށް ކުރާ ހޭދަ 4 އިންސައްތައިން 2.5 އިންސައްތައަށް ވަނީ ދަށްވެފައެވެ.

މި ނޭދެވޭ ބަދަލުތަކާއެކުވެސް ބައެއް ދާއިރާތަކުން ކުރިއެރުންތަކެއް ލިބިފައިވާކަން ސާވޭއިން ފާހަގަވެއެވެ. އޭގެ ތެރޭގައި އިންޓަނެޓް ބޭނުންކުރާ މީހުންގެ ނިސްބަތް 17 އިންސައްތައިން 57 އިންސައްތައަށް މަތިވުން ހިމެނެއެވެ. ނަމަވެސް ބަލިތަކުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވަނީ 73 އިންސައްތަ ކުދިން ކަމަށްވާއިރު، ބާކީ 27 އިންސައްތަ ކުދިން އަދިވެސް ތިބީ ނުރައްކަލުގެ ތެރޭގައެވެ.

ޕާކިސްތާނުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ހަމައެކަނި އައި.އެމް.އެފްގެ އެހީއަށް ބަރޯސާވުމުގެ ބަދަލުގައި، ދިގުމުއްދަތުގެ ދެމެހެއްޓެނިވި އިސްލާހީ މަސައްކަތްތަކެއް ބޭނުންވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

"ގައުމީ ކާމިޔާބީ މިނަންވާނީ ފަގީރު އާއިލާތަކުގެ ދިރިއުޅުމަށް އަންނަ ހަގީގީ ބަދަލުތަކުން،" ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. މިކަމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތަކާއި ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުން މުހިންމެވެ.

ހިއްސާ ކުރައްވާ!