މަސާލާ ޕައުޑަރާއި ހެރޮއިން އޮޅިގެން އިންޑިއާގެ ވިޔަފާރިވެރިއަކު ޖަލަށް ލައިފި

އިންޑިއާގެ އެއާޕޯޓެއްގެ ސެކިއުރިޓީ ސްކޭނަރަކަށް ކައްކަން ބޭނުންކުރާ މަސާލާ ޕައުޑަރުތަކެއް ހެރޮއިންގެ ގޮތުގައި ދެއްކުމުން، އިންޑިއާގެ ވިޔަފާރިވެރިއަކު 57 ދުވަހު ޖަލުގައި ހޭދަކުރަން ޖެހިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ކޯޓުން ވަނީ އެ މީހާއަށް ބަދަލުގެ ގޮތުގައި 10 ލައްކަ ރޫޕީސް ދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ބޯޕާލް އެއާޕޯޓުން އެ މީހާ ދިއްލީ މަގުން މެލޭޝިއާއަށް ދަތުރުކުރަން އުޅުމުގެ ތެރޭގައެވެ. އެއާޕޯޓުގެ އެކްސްޕްލޯސިވް ޓްރޭސް ޑިޓެކްޝަން މެޝިންތަކުން ދެއްކި ގޮތުގައި، އޭނާގެ އަތުގައި ހުރި 'ގަރަމް މަސާލާ' އާއި 'އާމްޗޫރު' ޕެކެޓްތަކުގައި ހެރޮއިން އާއި ސައިކޯޓްރޮޕިކް މާއްދާތައް ހުއްޓެވެ.

މިކަމާ ގުޅިގެން އިންޑިއާގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އޭނާ ހައްޔަރުކޮށް، އެ ތަކެތި ތަހުލީލު ކުރުމަށް ފޮނުވުނެވެ. ނަމަވެސް ސަރަހައްދީ ފޮރެންސިކް ލެބޯޓްރީގައި އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން، އެ ތަކެތި އަލުން ހައިދަރުއާބާދުގައި ހުންނަ ސެންޓްރަލް ފޮރެންސިކް ސައިންސް ލެބޯޓްރީއަށް ފޮނުވަން ޖެހުނެވެ. އެ ލެބޯޓްރީގެ ތަހުލީލުތަކުން އެއީ މަސްތުވާތަކެތި ނޫންކަން ކަށަވަރުވިއިރު، އޭނާ ވަނީ ޖަލުގައި 57 ދުވަސް ހޭދަކޮށްފައެވެ.

މަދްޔަ ޕްރަދޭޝްގެ ހައިކޯޓުން މި މައްސަލައިގައި ކުރި ހުކުމުގައި ބުނެފައިވަނީ، އިންސާނެއްގެ މިނިވަންކަމުގެ އަސާސީ ހައްގަށް އުނިކަން އައުމުގެ ޒިންމާ ދައުލަތުން އުފުލަންޖެހޭނެ ކަމަށެވެ.
"މިފަދަ މައްސަލަތައް ތަހުލީލުކުރަން ފޮނުވުމުން އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ލަސްވެ، އެއްވެސް ކުށެއް ނެތި 57 ދުވަސް ޖަލުގައި ހޭދަކުރަން ޖެހުމަކީ ބޮޑު ބޭއިންސާފެއް،" ކޯޓުގެ އަމުރުގައިވެއެވެ.

ވިޔަފާރިވެރިޔާގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ، ކެނެޑާގައި އުފައްދާފައިވާ އެ ސްކޭނަރުތަކަކީ އިންޑިއާގެ ވަސްގަދަ މަސާލާތަކަށް ތައްޔާރުކޮށްފައިވާ މެޝިންތަކަކަށް ނުވުމުން، އޭގެ ސަބަބުން 'ފޯލްސް ޕޮޒިޓިވް' އެއް ދެއްކީ ކަމަށް ބެލެވޭ ކަމަށެވެ. އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާއިން ބުނީ މަސްތުވާތަކެތި ދެނެގަތުމަކީ އިޚްތިޔާރީ ކަމެއް ކަމަށާއި، އޭގެ ނަތީޖާއަށް ބަލައި ފިޔަވަޅު އެޅުމަކީ އެހެން އިދާރާތަކުގެ ޒިންމާއެއް ކަމަށެވެ.

ކޯޓުން ވަނީ ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ބަދަލުގެ ފައިސާ ދެއްކުމަށް އަމުރުކޮށްފައެވެ. އަދި މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި މަދަނީ ދައުވާއެއް ކުރުމުގެ ފުރުސަތު ވެސް އެ ވިޔަފާރިވެރިޔާއަށް އޮންނާނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މި މައްސަލައަކީ 2011 ވަނަ އަހަރުން ފެށިގެން ކޯޓުގައި ހިނގަމުންދާ މައްސަލައެކެވެ.

ހިއްސާ ކުރައްވާ!