އެމެރިކާގެ ސޮލީބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާއިލާއިން ބާޒާރަށް ނެރުނު "ޓްރަމްޕް ޓީ1″ ފޯނަކީ އެޗްޓީސީ ޔޫ24 ޕްރޯ މޮޑެލްގެ ފޯނެއްގެ ކަވަރު ބަދަލުކޮށްގެން ނެރެފައިވާ ފޯނެއްކަން ފަހުގެ ހޯދުންތަކުން ހާމަވެއްޖެއެވެ. ކުރިން މި ފޯނަކީ ރިވްލް 7 ޕްރޯގެ މޮޑިފިކޭޝަނެއް ކަމަށް ބެލެވުނު ނަމަވެސް، މިހާރު ލިބިފައިވާ ޔުނިޓްތަކުން އެނގޭ ގޮތުގައި މިއީ ޖޫން 2024 ގައި ނެރުނު އެޗްޓީސީ ބްރޭންޑްގެ ފޯނެކެވެ.
މި ދެ ފޯނުގެ ބޭރުގެ ސިފައަށް ބަލާއިރު، ސްޕީކަރު ހުންނަ ތަނާއި، ނޮޓިފިކޭޝަން އެލްއީޑީ، ޕްރޮކްސިމިޓީ ސެންސަރު އަދި ހެޑްފޯން ޖެކް ހުންނަ ތަންތަން މުޅިން އެއްގޮތެވެ. މީގެ އިތުރުން ފޯނުގެ އެތެރޭގެ ހާޑްވެއާ ސްޕެސިފިކޭޝަންތަކަށް ބަލާއިރު، ދެ ފޯނުގައިވެސް ހިމެނެނީ 6.8 އިންޗީގެ ޑިސްޕްލޭއަކާއި، ސްނެޕްޑްރެގަން 7 ސީރީޒްގެ ޕްރޮސެސަރެއްގެ އިތުރުން 12 ޖީބީ ރޭމް އަދި 512 ޖީބީގެ ސްޓޯރޭޖެވެ.
ކެމެރާ ސެޓަޕަށް ބަލާއިރުވެސް ދެ ފޯނުގައި ހުރީ އެއް ފެންވަރެއްގެ ކެމެރާތަކެކެވެ. އެގޮތުން 50 މެގަޕިކްސެލްގެ ފްރަންޓް ކެމެރާއަކާއި، ފަހަތުގައި 50 މެގަޕިކްސެލްގެ މައި ކެމެރާއެއްގެ އިތުރުން 8 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް އަދި 50 މެގަޕިކްސެލްގެ ޓެލެފޯޓޯ ކެމެރާއެއް ހިމެނެއެވެ. އަގުތަކަށް ބަލާއިރުވެސް، އެޗްޓީސީ ފޯނު 490 އާއި 525 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ލިބެން ހުރިއިރު، ޓްރަމްޕް ފޯނު ޕްރޮމޯޝަނަލް އަގަކަށް ކަނޑައަޅާފައިވަނީ 499.99 ޑޮލަރެވެ.
މި ފޯނާ ގުޅޭގޮތުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ފޯނުގެ ފަހަތުގައި އިންނަ އެމެރިކާ ދިދައިގައި ހުންނަންޖެހޭ 13 ރޮނގުގެ ބަދަލުގައި އިނީ 11 ރޮނގުކަން ގިނަ ބަޔަކަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މިއީ އެމެރިކާގައި އުފެއްދި ފޯނެއް ކަމަށް ބުނި ނަމަވެސް، ފޯނުގެ ޕެކޭޖިންގައި ވަނީ މިއީ އެމެރިކާގައި "އެސެމްބްލް" ކުރި ޗައިނާއިން ގެނަސްފައިވާ ބައިތަކުން އެކުލަވާލި ފޯނެއް ކަން އެނގިފައެވެ.
ސޮފްޓްވެއާގެ ގޮތުން ބަލާއިރު، މި ފޯނުގައި ހިމެނެނީ އެންޑްރޮއިޑް 15 އެވެ. ނަމަވެސް އަންނަ އޮގަސްޓް މަހު އެންޑްރޮއިޑް 17 ނެރުމަށް ހަމަޖެހިފައިވާއިރު، މި ފޯނު ވަރަށް އަވަހަށް ބޭނުން ނުކުރެވޭ ފެންވަރަށް ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ. ޓްރަމްޕް މޮބައިލްގެ ފަރާތުން މިހާތަނަށް ސެކިއުރިޓީ ނުވަތަ ސޮފްޓްވެއާ އަޕްޑޭޓްތަކާ ގުޅޭ އެއްވެސް ސިޔާސަތެއް ހާމަކޮށްފައެއް ނުވެއެވެ.





