ސަހުޔޫނީންނާއި ސޮލީބީންގެ ހިތްވަރާއެކު ބައިކޮށްފައިވާ ސޯމާލިއާގެ ސޯމާލީލޭންޑުން ހިފާފައިވާ ފަލަސްޠީނުގެ ވެރިރަށް ގުދުސްގައި އެމީހުންގެ ޑިޕްލޮމެޓިކް އޮފީހެއް ހުޅުވައިފިއެވެ. މިއީ މި އުންމަތަށް ނިސްބަތްވާ މީހުން ޖެނޮސައިޑް ޔަހުދީންނާ ގުޅިގެން ވިޔަފާރިކޮށް ނަސްލު ނައްތާލުމަށް ހިތްވަރު ދީފައި ވެއެވެ. ނަމަވެސް މިއީ މި އުންމަތަށް ނިސްބަތްވާ ބަޔަކު ޔަހޫދީންގެ ސިޔާދަތު ޤުދުސްއަށް އޮތް ކަމަށް ބަލައިގެްނ ސިޔާސީ އޮފީހެއް ހުޅުވި ފުރަތަމަ ފަހަރެވެ.
އިސްލާމީ އަދި އަރަބި 19 ގައުމަކުން ގުޅިގެން ނެރުނު ބަޔާނެއްގައި، ސޯމާލިއާއިން ވަކިވެގަނެފައިވާ 'ސޯމާލީލޭންޑް' އިން ޖެނޮސައިޑް ޔަހުދީ ރެޖީމުން ހިފާފައިވާ ގުދުސްގައި 'ސަފާރާއެއް' ކަމަށް ބުނާ އޮފީހެއް ހުޅުވުން އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފިއެވެ. މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ގައުމުތަކުން ވަނީ ބުނެފައެވެ.
މި ބަޔާނުގައި ސޮއިކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، މިސްރު، ގަތަރު، އުރުދުން، ތުރުކީ، ޕާކިސްތާން، އިންޑޮނޭޝިއާ، އަދި ސޯމާލިއާ ހިމެނެއެވެ. މީގެ އިތުރުން ފަލަސްތީނު، އޮމާން، ސޫދާން، ޔަމަން، ލުބުނާން، މޮރިޓޭނިއާ، ކުވެއިތު، އަލްޖީރިއާ، ބަންގްލަދޭޝް އަދި މަޣުރިބު ގައުމުން ވެސް ވަނީ މި ބަޔާނުގައި ބައިވެރިވެފައެވެ.
އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުން ވިދާޅުވީ، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ނިންމުންތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ. އަދި މިއީ ގުދުސްގެ ގާނޫނީ އަދި ތާރީހީ ހާލަތަށް އުނިކަން އަންނާނެ ފަދަ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"އިރުމަތީ ގުދުސްއަކީ 1967 އިން ފެށިގެން އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިމެއް. އެ ތަނުގެ ގާނޫނީ ހާލަތު ބަދަލުކުރުމަށް ކުރާ ކޮންމެ މަސައްކަތަކީ ބާތިލު ކަމެއް،" ވަޒީރުންގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ. އަދި ގުދުސްގެ ހާލަތު ބަދަލުކުރުމަށް އަމިއްލައަށް ނިންމާ ނިންމުންތަކަކީ އެއްވެސް ގާނޫނީ ބުރަދަނެއް ހުރި ކަންކަން ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން، މިސްރުން ވަނީ ވަކިން ބަޔާނެއް ނެރެ، ސޯމާލީލޭންޑްގެ މި ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މިސްރުން ބުނީ މިއީ ސޯމާލިއާގެ ސިޔާދަތަށް އަރައިގަތުން ކަމަށާއި، އެ ގައުމުގެ އެއްބައިވަންތަކަމަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ.
ސޯމާލީލޭންޑަކީ ޔަހޫދީ ޖެނޮސައިޑް ރެޖީމާ ގާތް ގުޅުމެއް ބާއްވާ ޔޫއޭއީއިން މަދަދު ލިބޭ ބާޣީ ސަރަހައްދެކެވެ.
ބަޔާން ނެރުނު ގައުމުތަކުން ވަނީ ސޯމާލިއާގެ މިނިވަންކަމާއި އިސްތިގުލާލަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. އަދި ސޯމާލިއާގެ ބިންތައް ވަކިކުރުމަށް ނުވަތަ އެ ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ފަދަ އެއްވެސް އަމަލެއް ބަލައިނުގަންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.





