ވޯލްޑް ކަޕާ ދިމާކޮށް އެމެރިކާގައި އެބޯލާ ފެތުރޭނެ

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕާ ދިމާކޮށް އެމެރިކާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނުން މީހުން ޒިޔާރަތްކުރާނެތީ، އެ ގައުމުގައި ނުރައްކާތެރި އެބޯލާ ވައިރަސް ފެތުރިދާނެ ކަމުގެ އިންޒާރު ސިއްހީ މާހިރުން ދީފިއެވެ. އެބޯލާއަކީ ބައެއް ވައްތަރުތަކުގައި މަރުވާ ރޭޓު 90 އިންސައްތައަށް އަރާ ނުރައްކާތެރި ބައްޔެކެވެ.

ވެކްސިން އުފައްދާ ކުންފުންޏެއް ކަމަށްވާ 'ޖިއޯވެކްސް' ގެ ސީއީއޯ ޑޭވިޑް ޑޮޑް ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު އެމެރިކާއަށް ވަނުމަކީ ބަލި ޖެހިފައިވާ މީހުން އެތެރެވުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށެވެ. ބަލީގެ އަލާމާތްތައް ފެނުމުގެ ކުރިން 21 ދުވަހުގެ 'އިންކިއުބޭޝަން' މުއްދަތެއް އޮންނާތީ، ބަލި ކޮންޓްރޯލް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކެލިފޯނިއާ ޔުނިވަރސިޓީގެ އެޕިޑެމިއޮލޮޖީ ޕްރޮފެސަރު ޑރ. އާތަރ ރިންގޯލްޑް ވިދާޅުވި ގޮތުގައި، ވޯލްޑް ކަޕް ފަދަ ބޮޑު އެއްވުމެއްގެ ތެރެއިން އެންމެ ކޭސް ފެނުނު ކަމުގައި ވިޔަސް، އެކަމުގެ ސަބަބުން އާންމުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދި، ސިއްހީ ނިޒާމަށް ބޮޑު ބާރެއް ބޮޑުވާނެއެވެ. މީގެ އިތުރުން ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ބުނެފައިވަނީ ޖޫން 11 ގައި ފަށާ މި މުބާރާތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފީފާއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ކޮންގޯ ފަދަ ބަލި ފެތުރެމުންދާ ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އަންގައި، ބައެއް ގައުމުތަކުން އަންނަ މީހުންނަށް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮންގޯގައި މިހާރު ފެތުރެމުންދާ އިބޯލާގެ ސަބަބުން 600 އެއްހާ މީހުންނަށް ބަލި ޖެހިފައިވާ އިރު، 139 މީހުން ވަނީ މަރުވެފައެވެ. މިހާރު ފެތުރެނީ 'ބޮންޑިބުގްޔޯ' ނަމަކަށް ކިޔާ ސަލާލާއެއް ކަމަށާއި، މި ސަލާލާއަށް އަދި މިހާތަނަށް ރަސްމީކޮށް ހުއްދަ ދެވިފައިވާ ވެކްސިނެއް ނެތް ކަމަށް މާހިރުން ބުނެއެވެ.

މާހިރުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން 3 މަހާއި 6 މަހާ ދެމެދު ވެކްސިނެއް އުފެއްދިދާނެ ކަމަށް ބެލެވުނު ނަމަވެސް، އެންމެ ބޮޑު ގޮންޖެހުމަކީ ބަލި މޮނިޓަރ ކުރުމާއި އަވަހަށް އިޖާބަދެވޭނެ ނިޒާމެއް ގާއިމުކުރުމެވެ. ދުނިޔޭގެ ގައުމުތައް ބޮޑަށް ގުޅިފައި އޮތުމަކީ ބަލިތައް ހަލުވިކަމާއެކު ފެތުރުމަށް މަގުފަހިވާ ކަމެއް ކަމަށްވެސް އެ ފަރާތްތަކުން އިންޒާރު ދެއެވެ.

ހިއްސާ ކުރައްވާ!