އިންޑިއާގެ ދެކުނު ފިލްމީ އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ޖޭ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އޭނާއަށް މިސްކިތެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް އެންމެންނަކީ ހަމަހަމަ ބައެއްކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ. ތަމަޅަ ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ޖޭ ވަނީ އޭނާ އިސްލާމް ދީން ގަބޫލުކުރި ގޮތާ ބެހޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކާފައެވެ.
ހިންދޫ ދީނަށް ނިސްބަތްވި ޖޭ، 2019 ވަނަ އަހަރު އިސްލާމްވިކަން ކަށަވަރުކޮށްދީފައިވާއިރު، އޭނާ ބުނި ގޮތުގައި އިސްލާމް ދީނުގެ އުސޫލުތަކަށް އަމަލުކުރަން ފެށީ 2011 ވަނަ އަހަރުއެވެ. މި ނިންމުމަކީ ރޫހާނީ ހިތްހަމަޖެހުމާއި އަމިއްލަ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށް އޭނާ ހާމަކުރިއެވެ.
އޭނާގެ ދީނީ ދަތުރާ ބެހޭގޮތުން ވާހަކަ ދައްކަމުން ޖޭ ބުނީ، އެއް ދުވަސްވަރެއްގައި މަސީހީ ދީނަށް ގަޔާވި ނަމަވެސް، ފަހުން ފައްޅިތަކުން ކުރިމަތިވި ބައެއް ނޭދެވޭ ކަންތައްތަކާއި ތަފާތުކުރުންތަކުގެ ސަބަބުން މާޔޫސްވި ކަމަށެވެ. ނަމަވެސް މިސްކިތަކަށް ދިޔުމުން ފެނުނު މަންޒަރުން އޭނާގެ ވިސްނުން ބަދަލުވިއެވެ.
"އަހަރެން މިސްކިތަށް ދިޔައިރު ފެނުނީ އެންމެން ސަފުތަކުގައި އެކުގައި ނަމާދަށް ތިއްބާ. އަހަންނަކީ އެކްޓަރެއްކަން އެންމެންނަށް އެނގޭ، އެކަމަކު މިސްކިތުގެ ތެރޭގައި އެކަކުވެސް އަހަންނާ ވާހަކައެއް ނުދައްކާ. ނަމާދު ނިމިގެން ބޭރަށް ނުކުތުމުން ވަރަށް އަދަބުވެރިކަމާއެކު ވާހަކަދެއްކި، އަދި އެކަކުވެސް ފޮޓޯއެއް ނަގާކަށް ނޫޅޭ،" ޖޭ ބުންޏެވެ.
ޖޭ އިތުރަށް ފާހަގަކުރި ގޮތުގައި، މިސްކިތުގެ ތެރޭގައި އެންމެ މަތިވެރި ފަރާތަކީ ކަލާނގެކަން އެންމެން ގަބޫލުކުރެއެވެ. ކިތަންމެ މަޝްހޫރު މީހަކު ނަމަވެސް އެތަނުގައި ހާއްސަ އިމްތިޔާޒެއް ނޯންނަކަމާއި، އެއްވެސް މީހަކު އަނެއް މީހަކަށް ކޮއްޕާ ހާސްކަން ނުދޭކަން އޭނާ ފާހަގަކުރިއެވެ. މި ތަޖުރިބާގެ ސަބަބުން އޭނާގެ ޝަހުސިއްޔަތަށާއި ވިސްނުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް އޭނާ ބުންޏެވެ.
އެކްޓަރު ޖޭ އަކީ 2002 ވަނަ އަހަރު ތަމަޅަ ނާޑޫގެ މިހާރުގެ ޗީފް މިނިސްޓަރު ތަލަޕަތީ ވިޖޭއާއެކު ފިލްމީ ދާއިރާއަށް ތައާރަފްވި ފަންނާނެކެވެ.






