ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ބައްޗަންބެ ގެ "ޖަލްސާ" ގެ ބޭރުގައި އޭނާގެ ފެނިލުމަކަށް އިންތިޒާރު ކުރަމުންދިޔަ ސަޕޯޓަރަކު، ގަދަ ހޫނުގެ ސަބަބުން ހޭނެތިގެން ވެއްޓިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހު ބައްޗަންގެ ފެނިލުމަކަށް އެތައް ސަތޭކަ ބަޔަކު އެއްވެ ތިއްބައެވެ.
އިންސްޓަގްރާމްގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، މަގުމަތީގައި މަޑުކޮށްގެން ހުރި އެ މީހާ ކުއްލިއަކަށް ހޭނެތިގެން ވެއްޓުމާއެކު، ކައިރީގައި ތިބި މީހުން ވަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދީ ރައްކާތެރި ތަނަކަށް ގެންގޮސްފައެވެ. ބައްޗަން އަކީ ކޮންމެ އާދީއްތަ ދުވަހަކު އޭނާގެ ގޭގެ ބޭރަށް ނުކުމެ ސަޕޯޓަރުންނާ ބައްދަލުކުރާ ފަންނާނެކެވެ.
މިކަމާ ގުޅިގެން އަމީތާބް އޭނާގެ ބްލޮގްގައި ލިޔެފައިވަނީ، ސަޕޯޓަރުންނާ މެދު ރަނގަޅަށް ކަންތައް ކުރުމަށް އޭނާގެ ސެކިއުރިޓީ ޓީމަށް އަންގާފައިވާނެ ކަމަށެވެ. "އެއީ އަހަރެންގެ ފަޚުރެއް އަދި ޝަރަފެއް. އެމީހުންގެ ދުއާ އަކީ އަހަރެން ދިރިހުރުމުގެ ހިތްވަރު އަދި އިތުރަށް މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް ފައިސާ އިތުރުކޮށް ދޭ ކަމެއް،" އަމީތާބް ލިޔެފައިވެއެވެ.
އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، ގަދަ އަވީގައި ގަޑިއިރުތަކެއް ވަންދެން އިންތިޒާރު ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އެހެންކަމުން އެފަދަ ލޯތްބެއް ދޭ ބަޔަކާ މެދު އިހާނެތިކޮށް ކަންތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަމީތާބް އޭނާގެ ސަޕޯޓަރުން ސިފަކުރަނީ އޭނާގެ އާއިލާގެ ބައެއްގެ ގޮތުގައެވެ. އެކަމަކު މުދަލުން ލޯލާރިއެއްވެސް ނުދޭނެކަން ޔަގީނެވެ!






