ނޯތު ވަޒީރިސްތާނުގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި 11 ހަނގުރާމަވެރިން މަރާލައިފި

ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ނޯތު ވަޒީރިސްތާނުގައި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ސަލާމަތީ ބާރުތަކުން ހިންގި އިންޓެލިޖެންސް އޮޕަރޭޝަންތަކެއްގައި ޓެރަރިސްޓް ގްރޫޕަކަށް ނިސްބަތްވާ 11 ހަނގުރާމަވެރިން މަރާލައިފި ކަމަށް ސިފައިންގެ މީޑިއާ ވިންގް (އައި.އެސް.ޕީ.އާރު) އިން ބުނެފިއެވެ.

އައި.އެސް.ޕީ.އާރުން ހާމަކުރި ގޮތުގައި، ސަލާމަތީ ބާރުތަކުން ދާތާ ޚޭލް ސަރަހައްދުގައި ހުރި ހަނގުރާމަވެރިންގެ މަރުކަޒަކަށް ހަމަލާދީފައިވެއެވެ. މި ކުރިމަތިލުންތަކުގައި 11 ޓެރަރިސްޓުން މަރާލާފައިވާއިރު، އެމީހުންގެ އަތުން ގިނަ އަދަދެއްގެ ހަތިޔާރާއި ވަޒަން ވަނީ އަތުލައިގަނެފައެވެ. މި ހަނގުރާމަވެރިންނަކީ އެ ސަރަހައްދުގައި ދެވުނު ގިނަ ހަމަލާތަކެއްގައި ބައިވެރިވެފައިވާ ބައެއް ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.

މީގެ އިތުރުން، ޚައިބަރު ޕަޚްތޫންކުވާގެ ބަންނޫ ޑިސްޓްރިކްޓްގައި ޕާކިސްތާން އާމީއާއި، ފުލުހުން އަދި ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓް (ސީ.ޓީ.ޑީ) ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 16 ހަނގުރާމަވެރިން މަރާލާފައިވެއެވެ. މީގެ ތެރޭގައި އެ ގްރޫޕްގެ އިސް ދެ ލީޑަރަކުވެސް ހިމެނެއެވެ. މި ކުރިމަތިލުމުގައި ދެ ފުލުހަކު ޝަހީދުވެފައިވާ ކަމަށް ސަލާމަތީ މަސްދަރުތަކުން މައުލޫމާތުދެއެވެ.

2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައި ފަހުން، ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚުވާ އާއި ބަލޯޗިސްތާން ޕްރޮވިންސްގައި ބޯޑަރު ހުރަސްކޮށްދޭ ޓެރަރިސްޓް ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އާދީއްތަ ދުވަހު ކުއެޓާގެ ރޭލްވޭ ޓްރެކެއް ކައިރީގައި ދިން ބޮމުގެ ހަމަލާއެއްގައި 14 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ފްރޮންޓިއަރ ކޯޕްސްގެ ތިން ސިފައިން ހިމެނެއެވެ.

ޕާކިސްތާނުން ތަކުރާރުކޮށް އަފްޣާން ސަރުކާރަށް ގޮވާލަމުންދަނީ އެގައުމުގެ ފަސްގަނޑު ބޭނުންކޮށްގެން ޕާކިސްތާނަށް ހަމަލާދޭ ހަނގުރާމަވެރި ޖަމާއަތްތައް ހުއްޓުވުމަށެވެ. ނަމަވެސް، ތާލިބާން ސަރުކާރުން މިހާތަނަށް އެފަދަ ގްރޫޕްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިންކާރު ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ފެބްރުއަރީ މަހު ޕާކިސްތާނުން ވަނީ "އޮޕަރޭޝަން ޣަޒަބު ލިލް-ޙައްޤު" ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ބޯޑަރުގެ މައްސަލައިގައި ވާހަކަދެކެވި، އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން ފެށި އޮޕަރޭޝަނެކެވެ.

ހިއްސާ ކުރައްވާ!