ވިލާތުގެ އިއްތިހާދު (އީޔޫ) ގެ މެންބަރު ގައުމުތަކުގެ ތެރެއިން ނުފޫޒުގަދަ ގައުމުތަކަކުން ގުޅިގެން، ޗައިނާގެ ވިޔަފާރި އުސޫލުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ބްރަސަލްސްއަށް ބާރުއަޅަން ފަށައިފިއެވެ. ސްޕެއިން، އިޓަލީ، ނެދަލޭންޑްސް، ފްރާންސް އަދި ލިތުއޭނިއާ ގުޅިގެން ނެރުނު ކަރުދާހެއްގައި ވަނީ، ޗައިނާގެ ސިނާއީ އުފެއްދުންތައް އިންތިހާއަށް އިތުރުވުމުގެ ސަބަބުން ވިލާތުގެ ސިނާއަތްތަކަށް ކުރިމަތިވަމުންދާ ނުރައްކާތަކުން ސަލާމަތްވުމަށް އާ ދިފާއީ އުސޫލުތަކެއް ކަނޑައެޅުމަށް ގޮވާލާފައެވެ.
މި ގައުމުތަކުން ބުނާ ގޮތުގައި، ޗައިނާ ސަރުކާރުން ދޭ ބޮޑެތި ސަބްސިޑީތަކުގެ އެހީގައި އުފައްދާ މުދާ ވިލާތުގެ ބާޒާރަށް އަގުހެޔޮކޮށް ފޮނުވުމުގެ ސަބަބުން، 2019 އާއި 2025 އާ ދެމެދު ވިލާތުގެ ސިނާއީ ދާއިރާއިން އެއް މިލިއަން ވަޒީފާ ވަނީ ގެއްލިފައެވެ. ވަކިން ހާއްސަކޮށް ޖަރުމަނުވިލާތުން އެކަނިވެސް 400,000 އަށްވުރެ ގިނަ ވަޒީފާ ގެއްލިފައިވާ ކަމަށް ދިރާސާތަކުން ދައްކައެވެ. މި ހާލަތަށް ގައުމުތަކުން ނަންދީފައިވަނީ "ޗައިނާ ޝޮކް 2.0″ ގެ ނަމުންނެވެ.
ހުށަހަޅާފައިވާ މުހިންމު ފިޔަވަޅުތައް
ވިލާތުގެ ގައުމުތަކުން ހުށަހަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި، މުދާ އެތެރެކުރުން ކުއްލިއަކަށް އިތުރުވާ ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅޭނެ "އިމަޖެންސީ ޓެރިފް" ތަކެއް ތައާރަފުކުރުން ހިމެނެއެވެ. މީގެ އިތުރުން، ވިލާތުގެ ކުންފުނިތަކުން މުދާ ހޯދުމުގައި ހަމައެކަނި ޗައިނާއަށް ބަރޯސާވުން ހުއްޓުވުމަށް "ރެސިލިއަންސް ޓޫލް" އެއް ތައާރަފުކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ. މި އުސޫލުގެ ދަށުން މުހިންމު ސިނާއަތްތަކަށް ބޭނުންވާ ތަކެތި މަދުވެގެން ދެ ގައުމެއްގެ ތިން ސަޕްލަޔަރުންގެ އަތުން ހޯދަން މަޖުބޫރުވާނެއެވެ.
މީގެ އިތުރުން، ޗައިނާގެ ކުންފުނިތަކުން އެހެން ގައުމުތަކުގައި އުފައްދާ ސަބްސިޑަރީ ކުންފުނިތައް މެދުވެރިކޮށް ޓެކުހަށް މަކަރު ހެދުން ހުއްޓުވުމަށް، ކުންފުނީގެ ފެންވަރުގައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުމަށް ވެސް މި ހުށަހެޅުމުގައިވެއެވެ. މިއީ ޗައިނާގެ މުދާ އެހެން ގައުމުތައް މެދުވެރިކޮށް ވިލާތަށް އެތެރެކޮށް، މިހާރު ހުރި ޓެރިފްތަކުން ރެކުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް އަޅާ ފިޔަވަޅެކެވެ.
މި ހުށަހެޅުންތަކާ މެދު ވިލާތުގެ ކޮމިޝަންގެ ރައީސާ އުރުސުލާ ފޮން ޑަަަ ލޭޔަން އިސްވެ ހުންނަވައި ހުކުރު ދުވަހު މަޝްވަރާ ކުރައްވާނެއެވެ. މި މަޝްވަރާތަކަކީ އަންނަ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރަޕިއަން ކައުންސިލް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުންތަކެކެވެ. މި ސަމިޓުގައި އީޔޫގެ 27 ގައުމުގެ ވެރިން ޗައިނާއާ މެދު ގެންގުޅޭނެ އެއްބައިވަންތަ އަދި ހަރުކަށި ސްޓްރެޓެޖީއެއް ކަނޑައަޅާނެއެވެ.
ޗައިނާގެ ކޮމާސް މިނިސްޓަރު ވަންގް ވެންޓާއޯ ޖޫން މަހުގެ ފަހުކޮޅު ބްރަސަލްސްއަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާއިރު، މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. ޗައިނާއިން ވަނީ ވިލާތުން އަޅާ ކޮންމެ ފިޔަވަޅަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް، ވިލާތުގެ ގައުމުތަކުން މިހާރު ތިބީ އިގުތިސާދީ ރައްކާތެރިކަމަށްޓަކައި ޗައިނާގެ ވިޔަފާރި އުސޫލުތަކާ ކުރިމަތިލާން ތައްޔާރަށެވެ.





