"މުހައްމަދު ދީޕަކް" ގެ ޖިމް ހުސްކުރަން އަންގައިފި

އުމުރުން ދުވަސްވީ މުސްލިމަކަށް ކުރި ގޯނާ ތަން ފެނުމުން އެކަމާ ދެކޮޅަށް ތެދުވުމުން ހަރުކަށި ހިންދޫ ގްރޫޕްތަކުގެ ފިއްތުންތަކާ ކުރިމަތިލާން ޖެހުނު ދީޕަކް ކުމާރު (މުހައްމަދު ދީޕަކް) ހިންގަމުން އައި ޖިމް ހުސްކުރަން އިމާރާތުގެ ވެރިފަރާތުން އަންގައިފިއެވެ. މީގެ މަސްތަކެއް ކުރިން ހިނގި މި ހާދިސާއަށްފަހު ދީޕަކްގެ ވިޔަފާރިއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު، ޕާކިންސަން ބަލި ތަހައްމަލު ކުރަމުންދާ 70 އަހަރުގެ މުސްލިމް ފިހާރަވެރިއަކަށް ބަޔަކު ގޯނާކުރަމުން ދަނިކޮށް ދީޕަކް ވަނީ އެކަމާ ދެކޮޅަށް ތެދުވެފައެވެ. އެ ގްރޫޕުން އެދެމުން ދިޔައީ ފިހާރައިގެ ނަމުން "ބާބާ" ކިޔާ ބައި އުނިކުރުމަށެވެ. އެ ވަގުތު އެކަމަށް ހުރަސް އެޅި ދީޕަކްގެ ނަން އެހުމުން އޭނާ ވަނީ އޭނާގެ ނަމަކީ "މުހައްމަދު ދީޕަކް" ކަމަށް ބުނެފައެވެ. މި ހާދިސާގެ ވީޑިއޯ ވައިރަލްވުމާ ގުޅިގެން ހަރުކަށި ޓެރަރިސްޓް ބަޖްރަންގް ދަލްގެ މެންބަރުން އޭނާއަށް ބިރުދައްކަން މަސައްކަތް ކުރި ނަމަވެސް ފުލުހުން ވަނީ އެކަން ހުއްޓުވާފައެވެ.

މިހާރު މީސްމީޑިއާގައި އޭނާ މަޝްހޫރު ވެފައި ވަނީ މުހައްމަދު ދީޕަކްގެ ނަމުންނެވެ.

މި ހާދިސާއަށްފަހު ދީޕަކްގެ ޖިމަށް ދާ މީހުންގެ އަދަދު 150 އިން 15 އަށް ދަށްވިއެވެ. ނަމަވެސް ބައެއް ގާނޫނީ ވަކީލުންނާއި އާންމުންގެ އެހީތެރިކަމާއެކު އަލުން މެންބަރުންގެ އަދަދު 70 އަށް އެރިއެވެ. އެހެންނަމަވެސް، އިޖުތިމާއީ ގޮތުން އޭނާ އެކަހެރިކޮށް، އިގްތިސާދީ ގޮތުން ދަތިކުރުމަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ޖިމްގެ މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ 40,000 ރޫޕީސް ދެއްކުމަށް އޭނާ ވަނީ ނުކުޅެދިފައެވެ.

ދީޕަކް ބުނި ގޮތުގައި ހަތަރު މަސް ދުވަހުގެ ކުލި ނުދެއްކި އޮތުމުން އިމާރާތުގެ ވެރިފަރާތުން މިހާރު ވަނީ ޖިމް ހުސްކުރަން އަންގާފައެވެ. "އަހަރެން މުސްލިމުންގެ ހައްގުގައި ތެދުވުމުން، އަހަންނަށް އިމާރާތް ކުއްޔަށް ދޭން ބޭނުންނުވާކަން ވެރިފަރާތުން ވަނީ ދޭހަކޮށްދީފައި،" ދީޕަކް އިންޑިއަން އެކްސްޕްރެސްއަށް ކިޔައިދިނެވެ.

ކުލީގެ އިތުރުން، އަމިއްލަ ގެއެއް އެޅުމަށް ނަގާފައިވާ ލޯނުގެ އިންސްޓޯލްމަންޓްތަކާއި ދަރިފުޅުގެ ސްކޫލް ފީ ދެއްކުމުގައިވެސް ދީޕަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ސުޕްރީމް ކޯޓުގެ ވަކީލުންތަކެއް ޖިމްގެ އަހަރީ ފީ ދައްކައިގެން އޭނާއަށް އެހީތެރިވާން މަސައްކަތް ކުރި ނަމަވެސް، ޖިމް ކުރިއަށް ގެންދިއުމަށް އެއަށްވުރެ ބޮޑު ޚަރަދެއް ހިނގާ ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގައި ދީޕަކް ވަނީ އޭނާއާ ދެކޮޅަށް އުފުލާފައިވާ އެފްއައިއާރް ބާތިލްކުރުމަށް އުއްތްރާކަންޑް ހައިކޯޓަށް ހުށަހަޅާފައެވެ. ކޯޓުން ވަނީ ތަހުގީގަށް އެއްބާރުލުން ދިނުމަށާއި، ސޯޝަލް މީޑިއާގައި މެސެޖުތަކާއި ވީޑިއޯތައް ނުފެތުރުމަށް އޭނާއަށް އަންގާފައެވެ.

ހިއްސާ ކުރައްވާ!