އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމުގެ ބަދަލެއްގެ ގޮތުން ގަތަރުން އީރާނަށް 12 ބިލިއަން ޑޮލަރު ހުށަހަޅާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ރިޕޯޓްތައް ގަތަރުގެ ފޮރިން މިނިސްޓްރީން ދޮގުކޮށްފިއެވެ.
ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ރިޕޯޓްތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ދޮގު ވާހަކަތައް ފަތުރަނީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށާއި، މަޝްވަރާގެ މަގުން މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއަޅަން ބޭނުންވާ ފަރާތްތަކުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަންސާރީ އިތުރަށް ވިދާޅުވީ، ގަތަރުގެ ސުލްހަވެރި ޚާރިޖީ ސިޔާސަތަކީ އެންމެނަށް އެނގޭ ސާފު ކަންތައްތަކެއް ކަމަށާއި، މިފަދަ ވާހަކަތަކަކީ ބައިނަލްއަގުވާމީ މައިދާނުގައި ސުލްހަ ގާއިމުކުރުމަށް ގަތަރުން ކުރާ އިތުބާރު ހުރި މަސައްކަތްތަކަށް ހުތުރު ނަން އެރުވުމަށް ކުރާ ނާކާމިޔާބު މަސައްކަތްތަކެއް ކަމަށެވެ.
މި ދޮގު ރިޕޯޓްތައް ފެންމަތިވެފައި މިވަނީ، އީރާނުގެ އިސް މަންދޫބުންނާއި ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ގަތަރަށް ކުރެއްވި ދަތުރުފުޅަކާ ދިމާކޮށެވެ. މި ދަތުރުފުޅަކީ ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދެމުންދާ އުދުވާނީ ހަމަލަތައް ހުއްޓުވުމަށް ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރާ މަޝްވަރާތަކުގެ ތެރެއިން ކުރެވުނު ދަތުރުފުޅެކެވެ.
އީރާނުގެ ވަފުދުގައި އެގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަބްދުއްނާސިރު ހިއްމަތީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މަސްދަރުތަކުން ބުނާ ގޮތުގައި ގަވަރުނަރު މި ދަތުރުގައި ބައިވެރިވެވަޑައިގަތީ، އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ހިމެނޭ އީރާނުގެ ހިފަހައްޓާފައިވާ ފައިސާގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ.
އެމެރިކާގެ އީރާނާ ދެކޮޅުވެރި އުދުވާން ހައްލުކުރުމުގައި ގަތަރުން މުހިންމު ދައުރެއް އަދާކުރަމުންދާއިރު، އެންމެ ބޮޑު އެއް މައްސަލައަކީ ހިފަހައްޓާފައިވާ ފައިސާ ދޫކުރުމުގެ މައްސަލައެވެ. މި ފައިސާ ދޫކުރާނެ މިންވަރާއި، ވަގުތާއި އަދި ގޮތްތަކާ މެދު އަދިވެސް ދަނީ މަޝްވަރާ ކުރެވެމުންނެވެ.






