އެންޓާކްޓިކާގެ 'ޑޭންޖަރ ޒޯން' އިން އާ ޖަޒީރާއެއް ފެނިއްޖެ

އެންޓާކްޓިކާގެ ސިއްރުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ގިނަ ދުވަސްތަކެއް ވަންދެން ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް 'ޑޭންޖަރ ޒޯން' ތަނަކުން އާ ރަށެއް ސައިންސްވެރިން ފުރަތަމަ ފަހަރަށް ހޯދައި، އެތަނުގެ ޗާޓު ކުރަހައިފިއެވެ.

ޖަރުމަނުގެ ޕޯލާ ރިސާޗް ސެންޓަރެއް ކަމަށްވާ އަލްފްރެޑް ވޭގްނާ އިންސްޓިޓިއުޓް (އޭޑަބްލިއުއައި) އިން ހާމަކޮށްފައިވާ ގޮތުގައި، މި ރަށް ފެނިފައިވަނީ އެ އިންސްޓިޓިއުޓުން އެންޓާކްޓިކާގެ އުތުރު ހުޅަނގު ވެޑެލް ކަނޑުގައި ކުރިއަށް ގެންދިޔަ ދިރާސާ ދަތުރެއްގެ ތެރެއިންނެވެ. މި ދަތުރަކީ ކަނޑުގެ އައިސް މަދުވަމުންދާ މިންވަރު ބެލުމަށް ކުރިއަށް ގެންދިޔަ ދަތުރެކެވެ.

މި ދިރާސާ ކުރިއަށް ގެންދަނިކޮށް މޫސުން ގޯސްވުމުގެ ސަބަބުން، ބާރުގަދަ ވައިގެ ތެރޭގައި ސަލާމަތްތެރިކަން ހޯދުމަށް ޖޮއިންވިލް އައިލެންޑް ކައިރީގައި މަޑުކޮށްލައިގެން ތިއްބާ މި އާ ރަށް ވަނީ ފެނިފައެވެ. ސައިންސްވެރިން ބުނި ގޮތުގައި، ކަނޑުގެ ޗާޓުތަކުން އެ ސަރަހައްދަކީ ދަތުރުފަތުރު ކުރުމަށް ނުރައްކާތެރި ތަނެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތް ނަމަވެސް، އެއީ ކޮން އެއްޗެއްކަން ކުރިން ސާފުވެފައެއް ނުވެއެވެ.

ރަށުގެ ތަފްސީލު

ސައިންސްވެރިން ފުރަތަމަ ހީކުރީ އެއީ އާދައިގެ އައިސްގަނޑެއް ކަމަށެވެ. ނަމަވެސް ކައިރިން ބެލުމުން އެއީ ހިލަގަނޑެއްކަން އެނގުމުން، އެ ސަރަހައްދުގެ ސާވޭއެއް ވަނީ ހަދާފައެވެ. ޑްރޯން އިމޭޖިންގް އަދި އެކޯ ސައުންޑް ބޭނުންކޮށްގެން ހެދި ސާވޭއިން އެނގުނު ގޮތުގައި މި ރަށުގެ ދިގުމިނުގައި 426 ފޫޓު އަދި ފުޅާމިނުގައި 164 ފޫޓު ހުރެއެވެ. އަދި މި ރަށް ވަނީ ކަނޑުގެ ސަތަހުން 16 މީޓަރު އުސްމިނަށް މައްޗަށް އަރާފައެވެ.

ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައި އޮތް ސަބަބު

މި ސަރަހައްދަކީ 'ޑޭންޖަރ ޒޯން' އެއްގެ ގޮތުގައި މީގެ ކުރިން ކަނޑައަޅާފައި އޮތީ ސެޓެލައިޓް ޑޭޓާގެ ފެންވަރު ދަށްވުމުގެ ސަބަބުން ކަމަށް ސައިންސްވެރިން ލަފާކުރެއެވެ. "ސެޓެލައިޓުން ބެލި ނަމަވެސް މިފަދަ ރަށެއް ފެނުމަކީ ވަރަށް މަދުން ނޫނީ ދިމާނުވާ، އަދި ވަރަށް ފޯރިގަދަ ކަމެއް،" އޭޑަބްލިއުއައި އިން ބުނެފައިވެއެވެ.

މި ރަށަށް އަދި ވަކި ނަމެއް ދީފައި ނުވާއިރު، ނަން ދިނުމުގެ ރަސްމީ މަރުހަލާ ވަނީ ފަށާފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ވެޑެލް ކަނޑުގެ ހަތަރުބައިކުޅަ އެއްބައިވެސް އަދި ޗާޓު ކުރެވިފައި ނުވާއިރު، އެ ސަރަހައްދުގައި އަދިވެސް ހޯދިފައި ނުވާ ގިނަ ކަންތައްތަކެއް ހުންނާނެ ކަމަށް ބެލެވެއެވެ. މިމީހުންނަށް މިތަނުން ޔާޖޫޖުމައުޖޫޖު ފެނިދާނެބާ؟

ހިއްސާ ކުރައްވާ!