އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ތާޖް މަހަލްއަށް ޒިޔާރަތްކުރައްވައި ނެންގެވި ފޮޓޯއާ ގުޅިގެން އީރާނުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައި މަލާމާތްކޮށްފިއެވެ. މި ފާޑުކިޔުންތައް އަމާޒުވެފައިވަނީ އީރާނަށް އެމެރިކާއިން އުދުވާނީ ހަމަލަތައް ދިނުމަށްފަހު އީރާނުން އެމެރިކާ ގިއްގަޅުވާލުމަށްފަހު ދިމާވެފައިވާ ހަލަބޮލި ކަމުގައެވެ.
އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓުން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "ރޫބިއޯއަށް ތާރީޚާއި އިމާރާތް ކުރުމުގެ ފަންނާ ބެހޭ މައުލޫމާތު އެނގިވަޑައިގަންނަވާ ނަމަ، އެ ތަނުގައި (ތަޖުމަހަލްގައި) ހުންނަވައިގެން އަނބިގޮއްޔައާއެކު ފޮޓޯއެއް ނުނެންގެވީސް" ކަމަށެވެ. މާކޯ ރޫބިއޯ އާއި އޭނާގެ އަނބިކަނބަލުން ތާޖް މަހަލްއަށް ޒިޔާރަތްކުރެއްވީ ހޯމަ ދުވަހުއެވެ.

އީރާނުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ތާޖް މަހަލްއަކީ އީރާނުގެ ދަރިކޮޅުގެ ރަސްކަލެއްގެ އަނބިކަނބަލުންގެ ހަނދާނުގައި، އީރާނުގެ ފަންނުވެރި އާކިޓެކްޓުންގެ މޮޅު ފަރުމާއަށް ބިނާކޮށްފައިވާ މުސްލިމު އާސާރީ ބިނާއެކެވެ.
ރޫބިއޯއާއި އޭނާގެ ބޮޑު މީހާ ޓްރަމްޕަކީ އީރާނުގެ ހަޟާރަތާއި ސަގާފަތް ފޮހެލާނެ ކަމުގެ އިންޒާރު ދިން މީހުންނެވެ. އެކަމަކު އެފަދަ ތަނެއްގައި ހުރެ ފޮޓޯ ނެގުމަކީ މިމީހުންގެ ތަންދޮރު ނުފިލާ ކަމާއި ދެކޮޅުނުޖެހޭ ކަމެއްގެ ގޮތުގައި އީރާނުން ސިފަކުރެއެވެ.
މިކަމުގައި އީރާނުން ބުނެފައިވަނީ އެމެރިކާގެ މިހާރުގެ ސަރުކާރުން ދަނީ އެހެން ހަޟާރަތްތަކަށް އިހާނެތިކޮށް ހިތަމުން ކަމަށެވެ. އަދި އެހެން ހަޟާރާތަކުްނ އިންސާނީ ތަރިއަކަށް ހިބަކޮށްފައިވާ ކަންކަންވެސް މިމީހުންނަށް ރޯފިލާފައި ނެތް ކަމަށެވެ. އަދި ރޫބިއޯގެ މި އަމަލަކީ ތާރީޚީ ގޮތުން އެތަނުގެ ފަހަތުގައިވާ ހަގީގަތްތައް ނޭނގި ކުރެއްވި ކަމެއްގެ ގޮތުގައި އީރާނުން ވަނީ ތުހުމަތުކޮށްފައެވެ.





