އިސްލާމްދީން ގަބޫލުކޮށް ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ އިސްރާއީލު އަންހެނެއް

ޒޮހާރް ރީގެވް އަކީ އިސްރާއީލުގެ ދަނޑުވެރިކަންކުރާ އަވަށެއްގައި ޔަހޫދީ އާއިލާއަކަށް އުފަންވި ނަމަވެސް، ފަހުން އިސްލާމްދީން ގަބޫލުކޮށް ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކުރަމުންދާ ހަރަކާތްތެރިއެކެވެ. އޭނާ އިސްލާމްދީން ގަބޫލުކުރީ ބައިތުލްލަހަމްގައި ދިރިއުޅުނު ދުވަސްވަރު ފަލަސްތީނުގެ މުޖުތަމައާ އޮތް ގާތް ގުޅުމުގެ ސަބަބުންނެވެ.

1972 ވަނަ އަހަރު އުފަންވި ޒޮހާރް ބޮޑުވީ ނާސިރަތު ކައިރީގައި އޮންނަ ޔަހޫދީ ބަސްތީ ކްފާރް ހަހޯރްޝްގައެވެ. ނަމަވެސް، ބައިތުލްލަހަމްގައި ދެ އަހަރު ދުވަހު އުޅުމަށްފަހު އޭނާގެ ފިކުރަށް ބޮޑެތި ބަދަލުތަކެއް އައިސް، އިސްލާމްދީން ގަބޫލުކުރިއެވެ. އޭގެ ފަހުން 2004 ވަނަ އަހަރު އޭނާ ވަނީ އިސްރާއީލު ދޫކޮށް ސްޕެއިނަށް ދިރިއުޅުން ބަދަލުކޮށްފައެވެ.

ސިޔާސީ ހަރަކާތްތަކާއި ޣައްޒާގެ ހިސާރު އުވާލުމަށް ކުރާ މަސައްކަތް

ޒޮހާރް އަކީ ޣައްޒާގެ ހިސާރު އުވާލުމަށް މަސައްކަތްކުރާ "ފްރީޑަމް ފްލޮޓިލާ" ކޯލިޝަންގެ އިސް މެންބަރެކެވެ. 2008 ވަނަ އަހަރުން ފެށިގެން އޭނާ ދަނީ ގައްޒާއަށް އެހީ ހިފައިގެންދާ އުޅަނދުފަހަރުގައި ބައިވެރިވަމުންނެވެ. މީގެ އިތުރުން 2016 ވަނަ އަހަރު އަންހެނުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކުގައިވެސް އޭނާ އިސް ދައުރެއް އަދާކުރިއެވެ.

މޭ 2026 ގައި ތުރުކީން ފުރައިގެން ޣައްޒާއަށް ދަތުރުކުރި "ފްލޮޓިލާ އޮފް ރެޒިލިއަންސް" ގައި ބައިވެރިވަނިކޮށް އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ހުރި މުއްދަތުގައި، އޭނާގެ ދީނީ އަގީދާއާ ޚިލާފަށް އޭނާގެ ބޮލުގައި އަޅައިގެން ހުރި ބުރުގާ ޔަހޫދީ ސިފައިން ކަނޑާލައިގެން ނަގާފައިވާ ކަމުގެ ރިޕޯޓްތައް ވަނީ ފެންމަތިވެފައެވެ.

ޔަހޫދީ ޖެނޮސައިޑް ރެޖީމުން އަސްގަލާންގެ ކޯޓަށް އޭނާ ހާޒިރުކުރުމުން، ފަނޑިޔާރު ވަނީ 60 ދުވަހުގެ މުއްދަތަށް ޣައްޒާއާ ކައިރިނުވުމަށް ޝަރުތުކޮށް އޭނާ ދޫކޮށްލާފައެވެ. ޖަރުމަނުގެ ބާލިންގައި ދިރިއުޅޭ ޒޮހާރް ވަނީ އޭނާ ހައްޔަރުކުރުމާ ދެކޮޅަށް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްވެސް ކޮށްފައެވެ. މިއީ އޭނާގެ އިންސާނީ ހައްގުތަކަށް ކުރާ މަސައްކަތުގައި އިސްރާއީލުގެ ކޯޓަކަށް ހާޒިރުކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ.

ހިއްސާ ކުރައްވާ!