އީރާނާ ދެކޮޅަށް އެމެރިކާއިން ހޯދާ އެއްވެސް އަސްކަރީ ނުވަތަ ސިޔާސީ ކާމިޔާބީއެއް، އެމެރިކާގެ މީޑިއާއިން ސިފަކުރާނީ އީރާނަށް ލިބޭ ކާމިޔާބީއެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، ސޮލީބީ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގައުމުގެ މީޑިއާއަށް ފާޑުވިދާޅުވެއްޖެއެވެ. ޓްރަމްޕް ވިދާޅުވީ އީރާނުން ބަލި ގަބޫލުކޮށް "އަމާންދިނުމުގެ ލިޔުންތަކުގައި" ސޮއިކުރިއަސް، ނިއުޔޯކް ޓައިމްސް އާއި ސީއެންއެން ފަދަ މީޑިއާން އެކަން ދައްކާނީ އީރާނަށް ލިބުނު މޮޅެއްގެ ގޮތުގައި ކަމަށެވެ.
މި ދަނޑިވަޅުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ގެންދަވަނީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އުރުދުޣާން ވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ފޯނުން ގުޅުއްވައި، ސަރަހައްދީ މަސްލަހަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ތުރުކީން ބުނެފައިވަނީ އެމެރިކާގެ އުދުވާން ހުއްޓުވައި ސުލްހަ ގާއިމުކުރުމަށް ކުރެވޭ ސީރިއަސް މަސައްކަތްތަކުން ހެޔޮ ނަތީޖާއެއް ނުކުންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ކެމްޕް ޑޭވިޑްގެ ބައްދަލުވުން ވައިޓް ހައުސްއަށް ބަދަލުކުރުން
މޫސުން ގޯސްވުމުގެ ސަބަބުން، ކެމްޕް ޑޭވިޑްގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އެމެރިކާ ސަރުކާރުގެ ކެބިނެޓް ބައްދަލުވުން ވައިޓް ހައުސްއަށް ބަދަލުކޮށްފައިވާކަން ރައީސް ޓްރަމްޕް ވަނީ އިއުލާން ކުރައްވާފައެވެ.
މީގެ އިތުރުން، ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ވެސް ޓްރަމްޕް ފޯނުން މަޝްވަރާ ކޮށް ވަސްވާސް ލިބިގަންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކަނޑުމަތީގެ ހާދިސާތަކާއި ސަލާމަތީ ކަންކަން
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ހުރްމުޒް ކަނޑުއޮޅިން 25 އުޅަނދެއް ހުރަސްކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ތެޔޮ ޓޭންކަރުތަކާއި މުދާ އުފުލާ ބޯޓުތައް ހިމެނެއެވެ. ހަމައެއާއެކު، އޮމާންގެ މަސްކަތު ކައިރިން ދަތުރުކުރި ގްރީސްގެ ތެޔޮ ޓޭންކަރެއް ކަމަށްވާ "އޮލިމްޕިކް ލައިފް" ގައި ގޮވުމެއް ހިނގައި، ކޮންމެވެސް ވަރަކަށް ތެޔޮ ބޭރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ބޯޓުގެ ފަޅުވެރިން ސަލާމަތުން ތިބި ކަމަށް އިނގިރޭސި ކަނޑުގެ ސަލާމަތީ އިދާރާއިން ބުނެއެވެ.
ބައިނަލްއަގުވާމީ މުޖުތަމައުގެ އިލްތިމާސް
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވަނީ އީރާނުގެ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުން ވެސް ދޫދީ، ސޮލީބީ ސަހުޔޫނީ ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އދ. ގެ ސަލާމަތީ މަޖިލީހުގެ ރިޔާސަތު މިވަގުތު ބަލަހައްޓަމުންދާ ޗައިނާއިން ބުނީ، މަޝްވަރާގެ މޭޒަށް އައިސް ހައްލެއް ހޯދުމަކީ ސަރަހައްދީ ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.






