ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ޓެެރަރިސްޓް ބާރުތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅައި، ފަލަސްޠީނުގެ ރައްޔިތުންނަށް ހުރަސްތައް ކުރިމަތިކުރަމުންދިޔަ ނަމަވެސް، މިއަހަރުގެ އަޟްޙާ ޢީދު ނަމާދުގައި 140،000 އަށްވުރެ ގިނަ މުސްލިމުން އަލްއަޤްޞާ މިސްކިތުގައި ބައިވެރިވެއްޖެއެވެ.
ބުދަ ދުވަހުގެ ހެނދުނު ޢީދު ނަމާދުގެ ޖަމާޢަތަށް މީހުން ވަނުމަށް ހުރަސްއެޅުމުގެ ގޮތުން ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ސިފައިން ވަނީ މިސްކިތުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ދަގަނޑު ބެރިކޭޑްތައް ޖަހައި، އަސްކަރީ ފާރަވެރިކަން ވަރުގަދަކޮށްފައެވެ. ނަމަވެސް، ފަތިސް ނަމާދުން ފެށިގެން ގިނަ އަދަދެއްގެ މުސްލިމުން ވަނީ މިސްކިތުގެ ގޯތިތެރެއަށް ޖަމާވެ، ތަކުބީރުގެ އަޑުން ޔަހޫދީން ބިރުގަންނަވައި މުޅި ސަރަޙައްދު ގުގުމާލާފައެވެ.
ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ފުލުހުންނާއި ސިފައިން ގުދުސްގެ ބާޒާރުމަތީގެ މަގުތަކާއި މިސްކިތަށް ވަންނަ ދޮރުތަކުގައި ހަރުކަށި ފިޔަވަޅުތައް އަޅައި، އެތައް ހާސް ބަޔަކު މިސްކިތަށް ވަނުން މަނާކުރި ނަމަވެސް، މިސްކިތުގެ ބޯޑަރުތަކާއި ގޯތިތެރެ ވަނީ ފުރިފައެވެ. މި ނަމާދުގެ ކަންކަން އިންތިޒާމުކުރުމުގައި އިސްލާމިކް އައުޤާފް ޑިޕާޓްމަންޓުގެ ވޮލަންޓިއަރުން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.
މިފަހަރުގެ އަޟްޙާ ޢީދު ނަމާދު ކުރިއަށްދިޔައީ ވަރަށް މަތިވެރި ރޫޙާނީ މާޙައުލެއްގައެވެ. ނަމަވެސް، ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ސަލާމަތީ ބާރުތަކުން ދަނީ އަދިވެސް ގުދުސް ސިޓީއާއި އަލްއަޤްޞާ މިސްކިތުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ޚާއްޞަ ސަލާމަތީ ފިޔަވަޅުތަކެއް އަޅައި، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށް ހުރަސްއަޅަމުންނެވެ.





