އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވޯލްޓަރ ރީޑް މިލިޓަރީ މެޑިކަލް ސެންޓަރުގައި ހެއްދެވި އާ މެޑިކަލް ޗެކަޕްތަކަކާ ގުޅިގެން، އޭނާގެ ސިއްހީ ހާލަތާ މެދު ކުރެވޭ ބަހުސްތައް އަލުން އާލާވެއްޖެ ކަމަށް "ނިއުސްވީކް" އިން ރިޕޯޓްކޮށްފިއެވެ. އުމުރުން 80 އަހަރާ ގާތްވަމުންދާ ރައީސްގެ ސިއްހީ މައުލޫމާތު ހާމަކުރުމުގައި ވައިޓް ހައުސްއިން ގެންގުޅޭ ދެފުށް ފެންނަ ސިޔާސަތާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
ތިން ގަޑިއިރަށް ދެމިގެންދިޔަ މި ޓެސްޓްތަކަށްފަހު ޓްރަމްޕް ވަނީ ސިއްހަތު "ވަރަށް ފުރިހަމަ" ކަމަށް ވިދާޅުވެފައެވެ. ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ "ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ފުރިހަމައަށް" ކަމަށެވެ. އަދި ޑޮކްޓަރުން ވެސް ވަނީ ޖިސްމާނީ އަދި ސިކުނޑީގެ ދުޅަހެޔޮކަން ވަރަށް ރަނގަޅު ކަމަށް ބުނެފައެވެ!
މިދިޔަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވޯލްޓަރ ރީޑަށް ޓްރަމްޕް ކުރެއްވި 4ވަނަ ޒިޔާރަތާ އެކު، އާންމުވެފައިވާ ބައެއް ފޮޓޯތަކުން ފެންނަ ކަންތައްތަކަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. އެގޮތުން އޭނާގެ އަތުގައި ކަޅުވެފައި ހުރި ނިޝާންތަކެއް ހުރުމާއި، ފައިގެ ތަނބިކަށި ދުޅަވެފައި ހުރުމުން މީހުން ބުނެފައި ވަނީ އޭނާ ދިރިހުއްޓައިއ ެތެރެއިން ކުނި ވަނީ ކަމަށެވެ.
ވައިޓް ހައުސްއިން ބުނެފައިވަނީ އަތުގެ ނިޝާންތަކަކީ ގިނައިން ސަލާމްކުރުމާއި އެސްޕިރިން ބޭނުންކުރުމުގެ ސަބަބުން ހުރި ނިޝާންތަކެއް ކަމަށެވެ.
މީގެ އިތުރުން، ޖުލައި 2025 ގައި ވައިޓް ހައުސްއިން ވަނީ ޓްރަމްޕް ލޭހޮޅިތަކުގެ ބަލިމަޑުކަމެއް ތަހައްމަލު ކުރައްވަމުންދާކަން ހާމަކޮށްފައެވެ. މިއީ އުމުރުން ދުވަސްވުމުން ލޭހޮޅިތަކުގެ ވޭލްވްތައް ބަލިކަށިވުމުގެ ސަބަބުން ދިމާވާ ހާލަތެކެވެ. މިއާއެކު 2025 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް އެތައް ފަހަރަކު މެޑިކަލް ޗެކަޕް ހެއްދެވުމުން، އޭނާގެ ސިއްހަތާ މެދު އޮތް ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
ޓްރަމްޕްގެ ސިއްހީ ރިޕޯޓްތަކުގައި މީގެ ކުރިން ވެސް ތަފާތުތަކެއް ހުރިކަން ފާހަގަކުރެވެއެވެ. 2018 ވަނަ އަހަރުގެ ފުރަތަމަ ޗެކަޕްގައި ބަރުދަން 239 ޕައުންޑުގައި ހުރިއިރު، އެއީ ފަލަބަލީގެ ބޯޑަރުގައި ހުރި މިންވަރެކެވެ. އަދި 2020 ވަނަ އަހަރު ކޮވިޑް-19 ޖެހިވަޑައިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި އިރު، ރަސްމީކޮށް ހާމަކުރި މައުލޫމާތަށްވުރެ ހާލަތު މާ ނުރައްކާ ކަމަށް ފަހުން ނިއުޔޯކް ޓައިމްސް ފަދަ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
އެމެރިކާގެ ރައީސުންގެ ސިއްހީ މައުލޫމާތު ފުރިހަމައަށް ހާމަކުރުމަކީ ގާނޫނީ ގޮތުން މަޖުބޫރު ކަމެއް ނޫން ނަމަވެސް، މިއީ އާންމުންގެ އިތުބާރު ހޯދުމަށް ސިޔާސީ ގޮތުން ކުރަމުން އަންނަ ކަމެކެވެ. ޓްރަމްޕްގެ އުމުރުން 80 އަހަރާ ގާތްވަމުންދާއިރު، އޭނާގެ ޖިސްމާނީ އަދި ސިކުނޑީގެ ގާބިލުކަމާ މެދު ޝައްކު ކުރެވެއެވެ.







