އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ އެމެރިކާގެ އުދުވާން ހުއްޓާލުމުގެ މަޝްވަރާތަކުގެ ތެރެއިން، ފޭރިގެންފައިވާ އީރާނުގެ 24 ބިލިއަން ޑޮލަރު ދޫކޮށްލުމާ ގުޅޭގޮތުން ގަތަރުގެ ދޯހާގައި ކުރިއެރުންތަކެއް ލިބިފައިވާކަމަށް އީރާނުގެ މީޑިއާ ރިޕޯޓްކޮށްފިއެވެ. އީރާނުގެ މީޑިއާއިން ބުނި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އެކުލަވާލާ 14 މާއްދާގެ މައްޗަށް އެކުލެވޭ ފަހުމުނާމާގައި މި ފައިސާ ދޫކޮށްލުމުގެ ކަންކަން ވަނީ ހިމަނާފައެވެ.
މަޝްވަރާތަކާ ގާތް މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި، އީރާނުން ބާރުއަޅަމުންދަނީ ފަހުމުނާމާ އިއުލާންކުރާ ވަގުތުން ފެށިގެން މި ފައިސާގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 ބިލިއަން ޑޮލަރު ވަގުތުން ދޫކޮށްލުމަށެވެ. އަދި ބާކީ ހުރި ފައިސާ ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ދޫކޮށްލުމަށްވެސް ވަނީ ހުށަހަޅާފައެވެ. އީރާނުގެ ނިއުސް އެޖެންސީން ބުނެފައިވަނީ މި ފައިސާގެ މައްސަލައަކީ މަޝްވަރާތަކުގައި މިހާރު ހުރި އެންމެ ބޮޑު އަދި އެންމެ ފަހުގެ ހުރަސް ކަމަށެވެ.
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ގަތަރަށް ކުރެއްވި ޒިޔާރަތުގެ މައިގަނޑު ބޭނުމަކީ މި ފައިސާ ހޯދުމުގައި ހުރި ގާނޫނީ އަދި އިދާރީ ހުރަސްތައް ނައްތާލުމާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ކުރިން ދެކުނު ކޮރެއާ އަދި ގަތަރު މެދުވެރިކޮށް ފައިސާ ހޯދުމުގައި ދިމާވި ދަތިތަކަށް ބަލައި، މިފަހަރު އެކަންކަން ތަކުރާރު ނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް އީރާނުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ ދޯހާގައި ކުރިއަށްދާ މަޝްވަރާތަކަކީ އީރާނާއެކު އެއްބަސްވުމަކަށް އައުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. "އަޅުގަނޑުމެން ގަތަރުގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފިން، އަދި ކުރިއެރުންތަކެއް ލިބޭތޯ މި ބަލަނީ. އެއްބަސްވުމުގެ ބައެއް އިބާރާތްތަކާ މެދު އަދިވެސް ބަހުސްތަކެއް އެބަހުރި، އެހެންކަމުން މީގެ ނަތީޖާއެއް ފެނުމަށް މަދު ދުވަސްކޮޅެއް ނަގާފާނެ،" ރޫބިއޯ ވިދާޅުވިއެވެ. މީގެ އިތުރުން ހުރްމުޒް ކަނޑުއޮޅި ދަތުރުފަތުރަށް ހުޅުވިފައި އޮންނާނެކަމުގެ ޔަގީންކަންވެސް އޭނާ ވަނީ ދެއްވާފައެވެ.
ދޯހާގައި ހޯމަ ދުވަހުން ފެށިގެން ކުރިއަށްދާ މި މަޝްވަރާތަކުގައި މައިގަނޑު ތިން ކަމަކަށް ވަނީ ފޯކަސްކޮށްފައެވެ.
- އެއީ: ފެރިގެންފއިވާ އީރާނުގެ ފައިސާ ދޫކޮށްލުން،
- ހޯރްމޫޒް ކަނޑުއޮޅީގައި ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުން،
- އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރުމުގެ މިންވަރު ކޮންޓްރޯލްކުރުމެވެ.
އީރާނުން ބުނެފައިވަނީ އެމެރިކާއަކީ އިތުބާރު ކުރެވޭ ފަރާތެއް ނޫން ކަމަށާއި، އެހެންކަމުން މި މަޝްވަރާތަކުގައި ވަރަށް ބޮޑަށް އެގައުމުން ސަމާލުވާނެ ކަމަށެވެ.





