ކަޝްމީރުގެ ސްރީނަގަރުގެ އީދުގާހް އަދި ތާރީޚީ ޖާމިއާ މަސްޖިދުގައި އީދު ނަމާދު ކުރުމުގެ ފުރުސަތު އިންޑިއާ ސަރުކާރުން މިއަހަރުވެސް ނުދިނެވެ. މިއީ ޖެހިޖެހިގެން އީދު ނަމާދު މަނާކުރިތާ 8ވަނަ އަހަރެވެ. މީގެ އިތުރުން ކަޝްމީރުގެ ދީނީ އިލްމުވެރިޔާ އަދި ޖާމިޢާ މަސްޖިދުގެ އެންމެ އިސް އިމާމް މީރުވާއިޒް އުމަރު ފާރޫގު އަދިވެސް ވަނީ ގޭބަންދުކޮށްފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މީރުވާއިޒް ވިދާޅުވީ، ޖެހިޖެހިގެން އަށްވަނަ އަހަރަށް ކަޝްމީރުގެ މުސްލިމުންނަށް ތާރީޚީ އީދުގާހް އާއި ޖާމިއާ މަސްޖިދުގައި އީދު ނަމާދު ކުރުމުގެ ހައްގު ނިގުޅައިގަނެފައިވާ ކަމަށެވެ. އަދި އީދު ފަދަ މުުގައްދަސް އުފާވެރި ދުވަހެއްގައި ކަޝްމީރުގެ މުސްލިމުންނާ ކުރިމަތިލާން ޖެހެނީ ބަންދުކޮށްފައިވާ ދޮރުތަކާއި، ހުރަސްތަކާއި އަދި ބިރުދެއްކުންތަކާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މިއީ ވެރިކަން ކުރުމެއް ނޫން؛ މިއީ އަހަރެމެންގެ ދީނީ އައިޑެންޓިޓީއާއި، ކަރާމާތާއި އަދި އަސާސީ ހައްގުތަކަށް ދެވޭ ނިޒާމީ ހަމަލާއެއް،" މީރުވާއިޒް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މި އަމަލުގެ ސަބަބުން ރައްޔިތުންގެ ހިތްތަކަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމަށެވެ.
މީރުވާއިޒް ފާހަގަކުރެއްވި ގޮތުގައި، ކަޝްމީރުގެ ކުޑަކުދިން ބޮޑުވަމުން އަންނަނީ އީދުގާގައި ކުރެވޭ ރޫހާނީ އީދު ނަމާދުގެ މަންޒަރުތައް ނުފެނި ކަމީ ވަރަށް ހިތާމަވެރި ކަމެކެވެ. މީގެ ސަބަބުން މުޅި ޖީލަކަށް އެމީހުންގެ ޒަމާންވީ އާދަކާދަތަކާއި ހަނދާންތަކުން މަހުރޫމްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބާރުގެ ބޭނުންކޮށްގެން އީމާންތެރިކަން ހިފަހައްޓާ ނުވަތަ ހުއްޓުވާ ނުލެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެއްވެސް ބާރަކަށް ކަޝްމީރުގެ ރައްޔިތުންނާއި އީދުގާހް އަދި ޖާމިއާ މަސްޖިދާ ދެމެދު އޮތް ރޫހާނީ ގުޅުން ކަނޑާނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.




