ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްއާ ދެކޮޅަށް ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީސް އިން ނޮން-ކޯޕަރޭޝަން ނޯޓިހެއް ނެރެފިއެވެ. މި ނިންމުމާ އެކު، އެ ފެޑެރޭޝަނުގެ ދަށުން މަސައްކަތްކުރާ 4 ލައްކައަށްވުރެ ގިނަ ފިލްމީ އާޓިސްޓުންނާއި މަސައްކަތްތެރިން ރަންވީރުގެ އެއްވެސް ޕްރޮޖެކްޓެއްގައި ބައިވެރިނުވުމަށް ވަނީ އަންގާފައެވެ.
މި މައްސަލަ ފެންމަތިވީ ކުރިއަށް އޮތް ފިލްމު "ޑޮން 3″ ގެ މަސައްކަތް ފެށުމަށް ކައިރިވެފައި ވަނިކޮށް، ކުއްލި ގޮތަކަށް ރަންވީރު އެ ފިލްމުން ވަކިވުމާ ގުޅިގެންނެވެ. ތިން އަހަރު ދުވަހުގެ ތައްޔާރީތަކަށްފަހު ފަށަން އުޅުނު މި ފިލްމުގެ ޕްރީ-ޕްރޮޑަކްޝަނަށް ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުނެއެވެ. މި މައްސަލަ ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީސް އަށް ހުށަހެޅީ ފިލްމުގެ ޑައިރެކްޓަރު ފަރުހާން އަޚްތަރު އަދި ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީއެވެ.
ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީސް އިން ބުނި ގޮތުގައި މި ނިންމުން ނިންމާފައިވަނީ ރަންވީރުގެ ފަރާތުން ޖަވާބެއް ހޯދުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވުމުންނެވެ. މި އެންގުމުގެ ދަށުން ކެމެރާ ޓީމުތަކާއި، ޓެކްނީޝަނުންނާއި، ލައިޓް ކްރޫ އަދި ޕްރޮޑަކްޝަންގެ އެކި ދާއިރާތަކުގެ މަސައްކަތްތެރިން ރަންވީރާ އެކު މަސައްކަތް ކުރުން ހުއްޓާލާނެއެވެ. މިއީ ގާނޫނީ ގޮތުން ފިލްމު ކުޅުން މަނާކުރުމެއް ނޫން ނަމަވެސް، އަމަލީ ގޮތުން ބަލާއިރު މީގެ ސަބަބުން ރަންވީރުގެ ކުރިއަށް ހުރި ފިލްމުތަކުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެއެވެ.
މިކަމާ ގުޅިގެން ރަންވީރުގެ ތަރުޖަމާނު ބުނެފައިވަނީ، ރަންވީރު ފިލްމީ ދާއިރާގެ އެންމެހާ ފަރާތްތަކަށް އިހުތިރާމް ކުރާ ކަމަށެވެ. އަދި މި މައްސަލައަކީ ކޮންޓްރެކްޓާ ގުޅުންހުރި މައްސަލައެއް ކަމަށްވާތީ، މިއީ އިންޑަސްޓްރީގެ ޖަމިއްޔާއަކުން ނިންމުމުގެ ބަދަލުގައި ގާނޫނީ ގޮތުން ހައްލުކުރަންޖެހޭ ކަމެއް ކަމަށް އޭނާ ދެކެއެވެ. ރަންވީރު ބޭނުންވަނީ މިކަން އާންމުންގެ ތެރޭގައި ބަހުސް ކުރުމުގެ ބަދަލުގައި، އަބުރުވެރިކަމާ އެކު މަޝްވަރާގެ އުސޫލުން ހައްލުކުރުމަށެވެ.
ބޮލީވުޑްގެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ މިކަން ނިމިގެންދާނީ މަޝްވަރާގެ ތެރެއިންތޯ ނުވަތަ ކޯޓު މަރުހަލާއަށް ދާނެތޯ ބެލުމަށެވެ.




