އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ 'އެލެން ހައި ސްކޫލް' ގެ ދަސްވެނިވުމުގެ ހަފްލާގައި، ފަލަސްތީނުގެ ދިދަ އުފުލި ދަރިވަރަކު ފުލުހުން މެދުވެރިކޮށް ހަފްލާއިން ބޭރުކޮށްލި ހާދިސާއަކާ ގުޅިގެން ބޮޑު ބަހުސެއް އުފެދިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ދަރިވަރު ސަނަދު ހާސިލުކުރުމަށް ސްޓޭޖަށް އެރި ވަގުތު ފަލަސްތީނުގެ ދިދަ ދައްކާލުމާ ގުޅިގެންނެވެ.
އެލެން ސިޓީގެ 'އީގަލް ސްޓޭޑިއަމް' ގައި ބޭއްވި މި ހަފްލާގައި ގާތްގަނޑަކަށް 1,772 ދަރިވަރުން ބައިވެރިވިއެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި، ދަރިވަރު ސްޓޭޖް މަތީގައި ހިނގަމުން ދަނިކޮށް ހަފްލާ އިންތިޒާމުކުރާ ފަރާތްތަކުން އޭނާގެ އަތުން ދިދަ އަތުލަން މަސައްކަތް ކުރުމުން މަސްލަހަތު ގޯސްވިއެވެ. މިކަމާ ގުޅިގެން ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުން ވަނީ ވަގުތުން ސްޓޭޖަށް އަރައި، އެ ދަރިވަރު ހިފަހައްޓައިގެން ސްޓޭޑިއަމުން ބޭރަށް ނެރެފައެވެ.
މި ހާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އޭއިން ފެންނަ ގޮތުގައި ފުލުހުން އެ ދަރިވަރު ބޭރުކުރަމުން ދިޔައިރު އޭނާގެ އެކުވެރިންނާއި ހަފްލާގެ ބައިވެރިން ތިބީ ހައިރާންކަމެއްގެ ތެރޭގައެވެ. ނަމަވެސް، ހަފްލާއިން ބޭރުކުރުމުން ވެސް އެ ދަރިވަރު ވަނީ ސްޓޭޑިއަމް ބޭރުގައި ހުރެ ފަލަސްތީނުގެ ދިދަ ވިހުރުވަމުން އޭނާގެ ކާމިޔާބީ ފާހަގަކޮށްފައެވެ. އެކްސްގައި އާންމުވި ވީޑިއޯތަކުން ފެންނަނީ އޭނާ ހިނިތުންވުމާއެކު ފަލަސްތީނަށް ތާއީދުކުރާކަން ހާމަކުރަމުންދާ މަންޒަރެވެ.
މިކަމާ ގުޅިގެން 'އެލެން އިންޑިޕެންޑެންޓް ސްކޫލް ޑިސްޓްރިކްޓް' އިން މިހާތަނަށް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. ޓެކްސަސްގެ ގަވާއިދުތައް ބުނާގޮތުން، ދަސްވެނިވުމުގެ ހަފްލާތަކުގައި ތައުލީމީ މުއައްސަސާއާ ގުޅުމެއް ނެތް ރަމްޒުތަކާއި ސިޔާސީ ޝިއާރުތައް ބޭނުންކުރުމަކީ މަނާކަމެކެވެ. ސްކޫލް އިދާރާތަކުން ދެކޭގޮތުގައި މިއީ ހަފްލާގެ ޕްރޮޓޮކޯލާ ހިލާފު ކަމެކެވެ.
މި ހާދިސާއަކީ ޔަހޫދީ ޖެނޮސައިޑާ ދެކޮޅަށް އެމެރިކާގެ އެކި ކަންކޮޅުތަކުގައި ދަރިވަރުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ބައެކެވެ. އެމެރިކާގެ ގިނަ ޔުނިވަރސިޓީތަކާއި ސްކޫލްތަކުގެ ދަސްވެނިވުމުގެ ހަފްލާތަކުގައި ދަރިވަރުން ދަނީ ފަލަސްތީނާ އެކު ތިބިކަން ހާމަކުރަމުންނެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ތައުލީމީ ދާއިރާގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޯޑަރާ މެދު ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.






