އިންޑިއާގެ މިނިވަންކަމުގެ ހަރަކާތުގެ އެންމެ އިސް އެއް ލީޑަރު އަދި މިނިވަން އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫ އަވަހާރަވިތާ މިއަދަށް 62 އަހަރު ވެއްޖެއެވެ. 19 އޯގަސްޓް 1947 އިން ފެށިގެން 27 މޭ 1964 އާ ހަމައަށް ބޮޑުވަޒީރުކަން ކުރެއްވި ނެހުރޫއަކީ އޭޝިއާގެ ސިޔާސީ މަސްރަހުގައި ފާހަގަކޮށްލެވޭ ވަރުގަދަ ޝަހުސިއްޔަތެކެވެ.
ނެހުރޫ ތައުލީމު ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ ހެރޯ ސްކޫލާއި ކެމްބްރިޖް ޔުނިވާސިޓީގެ ޓްރިނިޓީ ކޮލެޖުން ގާނޫނީ ދާއިރާއިންނެވެ. ތައުލީމަށްފަހު އެނބުރި ގައުމަށް ވަޑައިގެން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތީ މަހާތުމާ ގާންދީގެ އަރިހުންނެވެ. އޭނާއަކީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ އިތުރުން ހާރިޖީ ވަޒީރުކަމާއި މާލީ ވަޒީރުކަންވެސް ކުރެއްވި ބޭފުޅެކެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ނެހުރޫ ފާހަގަކުރެވެނީ 1961 ވަނަ އަހަރު އުފެއްދި ނޮން-އެލައިންޑް މޫވްމަންޓް ވަކިފަރާތަކަށް ނުޖެހޭ ހަރަކާތުގެ ބާނީންގެ ތެރޭގައެވެ. މި ހަރަކާތް އުފެއްދެވުމުގައި މިސްރުގެ ރައީސް ނާސިރާއި، އިންޑޮނޭޝިއާގެ ރައީސް ސުކާނޯ އަދި ޔޫގޯސްލާވިއާގެ ރައީސް ޓީޓޯއާއެކު އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ.
އިންޑިއާގެ ތަރައްގީއަށް ނެހުރޫ ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރޭގައި ނިއުކްލިއާ ހަކަތަ ތައާރަފްކުރުމާއި، ބޮޑެތި ސިނާއަތްތައް ގާއިމްކުރުން ހިމެނެއެވެ. ތައުލީމު ފުޅާ ކުރެއްވުމާއި އައިއައިޓީތައް އުފައްދަވައި ސައިންސްގެ ބިންގާ އެޅުއްވުމާއި އަދި އަންހެނުންގެ ހައްގުތަކާއި އިޖުތިމާއީ މިނިވަންކަން ކަށަވަރުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. 15 އޯގަސްޓް 1947 ގައި އިންޑިއާ މިނިވަންވުމާއެކު ނިއުދިއްލީގައި ފުރަތަމަ ފަހަރަށް ދިދަ ނެންގެވުމުގެ ޝަރަފް ލިބިވަޑައިގަތީވެސް ނެހުރޫއަށެވެ.
އިންޑިއާގެ ގިނަ އިލްމީ މުއައްސަސާތަކެއް ބިނާކުރެއްވި ނެހުރޫއަކީ "ޒަމާނީ އިންޑިއާގެ އާކިޓެކްޓް" ގެ ގޮތުގައި މިއަދުވެސް ސިފަކުރެވެއެވެ. އޭނާ އަވަހާރަވީ 27 މޭ 1964 ގައެވެ.




