އެފްރިކާގެ ގައުމަކުން ދާދި ފަހުން އެނބުރި އައި އުމުރުން 37 އަހަރުގެ ފިރިހެނެއްގެ ކިބައިން އެބޯލާ ބަލީގެ އަލާމާތްތައް ފެނުމާ ގުޅިގެން، އިންޑިއާގެ އަހުމަދުއާބާދުގެ ހޮސްޕިޓަލެއްގައި އޭނާ އެކަހެރިކޮށް ފަރުވާދޭން ފަށައިފިއެވެ. މި މީހާއަކީ އެބޯލާ ފެތުރެމުންދާ އެފްރިކާގެ ގައުމަކުން ދަތުރުކޮށްފައިވާ މީހެކެވެ.
އަމޫރީ ލޮކޫލާ ނަމަކަށް ކިޔާ މި މީހާ ކޮންގޯ އިން މުމްބާއީއަށް އައީ މީގެ 10 ދުވަސް ކުރިންނެވެ. މުމްބާއީގައި ފަސް ދުވަހު މަޑުކުރުމަށްފަހު، އޭނާ ވަނީ ސިލްވާސާ އަދި ދަމަންގައި ހަތަރު ދުވަސް ހޭދަކޮށްފައެވެ. އޭނާ ވަޅޯދްރާއަށް ދިޔައީ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.
ހުން އައުމާއި އަރިދަފުސް ރޯގާގެ އުނދަގޫތައް ހުންނާތީ އޭނާ ފުރަތަމަ އެޑްމިޓްކުރީ ވަޅޯދްރާގެ ހޮސްޕިޓަލެއްގައެވެ. ނަމަވެސް އޭނާގެ ދަތުރުގެ ތަފްސީލް ޑޮކްޓަރުންނަށް އެނގުމާއެކު، ވަގުތުން އަހުމަދުއާބާދުގެ ސަރުކާރު ހޮސްޕިޓަލަކަށް ބަދަލުކޮށް، އައިސޮލޭޝަން ވޯޑެއްގައި ވަނީ ބާއްވާފައެވެ. އޭނާގެ ޓެސްޓުތައް މިހާރު ހަދަމުންދާއިރު، ނަތީޖާ އަދި ލިބިފައެއް ނުވެއެވެ.
ގުޖުރާތުގެ ސިއްހީ ވުޒާރާއިން ބުނެފައިވަނީ އޭނާއާ ކޮންޓެކްޓްވި ޑޮކްޓަރުން ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ވަޅޯދްރާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިކަން ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް އެ ފަރާތުން ބުނެއެވެ.
މި ހަފްތާގެ ކުރީކޮޅު ބެންގަލޫރުން ވެސް ޔުގެންޑާގެ 28 އަހަރުގެ އަންހެނަކު އެބޯލާ އަށް ޝައްކުކުރެވިގެން އެކަހެރިކުރިއެވެ. ނަމަވެސް، ކަރްނާޓަކާގެ މިނިސްޓަރު ދިނޭޝް ގުންޑޫ ރާއޯ ވިދާޅުވި ގޮތުގައި އޭނާގެ ޓެސްޓުތައް ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަދި ޔުގެންޑާގައި ފެތުރެމުންދާ އެބޯލާގެ އައުޓްބްރޭކަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މެއި 17 ގައި ކަނޑައަޅާފައެވެ.




