އީރާނާއި އެމެރިކާއާ ދެމެދު އެކުލަވާލާ އެއްބަސްވުމުގެ ދަށުން އެމެރިކާ ސިފައިން ސަރަހައްދުން ފޭބުމުގެ ފުރުސަތު ބޮޑުވެއްޖެ

މެދުއިރުމަތީގައި އެމެރިކާއިން އުފެއްދި ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި އެމެރިކާ އާއި އީރާނާ ދެމެދު އާ އެއްބަސްވުމެއްގެ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ސިފައިން އެ ސަރަހައްދުން ފޭބުމާއި، ހުރްމުޒް ކަނޑުއޮޅިން އަލުން އާންމު ދަތުރުފަތުރުތަކަށް ހުޅުވާލުން ހިމެނެއެވެ.

މި މަޝްވަރާތައް ފެށިފައި މިވަނީ ހޯމަ ދުވަހު އެމެރިކާއިން އީރާނުގެ މިސައިލް ސައިޓްތަކަށާއި ބޯޓުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން މަސްރަހު ހޫނު ވެފައި ވަނިކޮށެވެ. އީރާނުން ވަނީ އެމެރިކާގެ މި ހަމަލާތަކަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު އަމަލެއްގެ ގޮތުގައި ސިފަކޮށް ކުށްވެރިކޮށްފައެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓްކުރާ ގޮތުގައި، މިހާރު މަޝްވަރާ ކުރެވެމުންދާ އެއްބަސްވުމުގެ ދަށުން 30 ދުވަހުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅިން ކުރާ ވިޔަފާރި ދަތުރުފަތުރުތައް ހަނގުރާމައިގެ ކުރިން އޮތް މިންވަރަށް އިއާދަކުރެވޭނެއެވެ. އޭގެ ބަދަލެއްގެ ގޮތުން އެމެރިކާއިން އީރާނު ކައިރީގައި ބައިތިއްބާފައިވާ އަސްކަރީ ބާރުތައް މަދުކޮށް، އީރާނުން ސިފަކުރާ ގޮތުގައި އެމެރިކާއިން ހިންގާ ކަނޑުގެ ބްލޮކޭޑް ނިމުމަކަށް ގެންނަން ޖެހެއެވެ.

ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް މިހާރު އޮތީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ދަށުގައެވެ. އީރާނުގެ މީޑިއާ ބުނާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ޖަމާއަތުގެ އެހީތެރިކަމާއެކު 23 އުޅަނދެއް ވަނީ އެ ސަރަހައްދު ހުރަސްކޮށްފައެވެ.

މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދިޔަ ނަމަވެސް، އީރާނުން ބުނަނީ "ދުޝްމަން ގައުމުތަކާ" ގުޅުން ހުރި އުޅަނދުފަހަރަށް އެ ސަރަހައްދުން ދަތުރު ނުކުރެވޭނެ ކަމަށެވެ. އަދި މި އެއްބަސްވުން އަމަލީ ގޮތުން ތަންފީޒު ކުރަން ފަށާނީ ކަނޑައެޅޭ ވަކި ކަންތައްތަކެއް ފުރިހަމަވުމުން ކަމަށްވެސް އީރާނުން ބުނެއެވެ. މީގެ އިތުރުން، އޮމާނާ ގުޅިގެން ކަނޑުއޮޅީގެ ޓްރެފިކް ބެލެހެއްޓުމުގެ އިސް ދައުރެއް އީރާނުން ބޭނުންވެއެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާ ސިފައިން ބޭލުމާ ގުޅޭގޮތުން އަދިވެސް ދަނީ ބަހުސް ކުރެވެމުންނެވެ. އެމެރިކާއިން ބާލާނީ ހަމައެކަނި މި ފަހަކަށް އައިސް ފޮނުވި ސިފައިން ކަމެއް ނުވަތަ ދާއިމީ ބޭސްތަކުގައި ތިބި ސިފައިން ކަމެއް އަދި ސާފެއް ނުވެއެވެ. އެމެރިކާއިން މި މީހުން ބޭލުމަށް އެއްބާސްވާ އެއް ސަބަބަކީ އީރާނުން ދިން ހަމަލަތަކުގައި މި ބޭސްތައް މަރާމާތު ނުކުރެވޭ ވަރަށް ހަލާކޮށްފައި ވުމުންނެވެ. ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި މި އެއްބަސްވުން ފައިނަލް ކުރެވިއްޖެނަމަ، އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރެއްގެ ދަށުން މިއީ ގާނޫނީ ގޮތުން ބާރުލިބޭ އެއްބަސްވުމަކަށް ހެދުމަށް ވަނީ ހުށަހަޅާފައެވެ.

ހިއްސާ ކުރައްވާ!