އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޮމާނަށް ބޮން އަޅައި އެ ދައުލަތް ނައްތާލާނެ ކަމުގެ އިންޒާރު ދީފިއެވެ. ޓްރަމްޕް މި އިންޒާރު ދެއްވީ ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އީރާނާއި އޮމާނާ ދެމެދު އެއްބަސްވުމެއް އޮތް ކަމަށް ދެކެވޭ ވާހަކަތަކަކާ ގުޅިގެން، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެއެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހޮރްމުޒް ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެއް ކަމަށާއި، އެތަން އޮންނަންވާނީ އެއްވެސް ހުރަހެއް ނެތި ހުޅުވިފައި ކަމަށެވެ. އަދި އޮމާނުން ޖެހޭނީ "ބަސްއަހައިގެން ރަނގަޅަށް އުޅެން" ކަމަށާއި، ކަނޑުދަތުރުފަތުރަށް އެއްވެސް ހުރަހެއް އަޅައިފިނަމަ އެމެރިކާއިން އެ ގައުމަށް ބޮން އަޅައި ސުންނާފަތިކޮށްލަން ފަސްނުޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އޮމާނަކީ ގަލްފްގެ އަރަބި ޝެއިޚުން ހިންގާ ގައުމުތަކާ ޚިލާފަށް އެމެރިކާގެ ތައްޕާހުން އުޅޭ ގައުމެއް ނޫނެވެ.
ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އެއީ އީރާނަށް އަމާޒުކޮށް ވިދާޅުވި އެއްޗެއްތޯ ބައިނަލްއަގުވާމީ މީޑިއާތަކުން ސުވާލު އުފެއްދި ނަމަވެސް، އެމެރިކާގެ ޚާރިޖިއްޔާއިން ވަނީ ރައީސްގެ ވާހަކަފުޅު އެއްވެސް ބަދަލެއް ނެތް ގޮތުގައި ރަސްމީކޮށް ޝާއިއުކޮށްފައެވެ. މިއީ އޮމާނާ ދެކޮޅަށް އެމެރިކާގެ ރައީސަކު މިފަދަ ހަރުކަށި ބަހުރުވައެއް ބޭނުންކުރެއްވި ފުރަތަމަ ފަހަރެވެ.
އީރާނާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ ހިފަހައްޓާފައިވާ ފައިސާ ދޫކުރާނީ އެ ގައުމުން ޔުރޭނިއަމް ފައްކާކުރުން މުޅިން ހުއްޓާލައި، ހުރްމުޒް ކަނޑުއޮޅި އެމެރިކާގެ ސީދާ ބެލުމުގެ ދަށުން ހުޅުވާލުމުން ކަމަށެވެ. އަދި އީރާނާއި އޮމާނުން ގުޅިގެން އެ ސަރަހައްދު ކޮންޓްރޯލް ކުރުމަށް ކުރާ އެއްވެސް މަސައްކަތަކަށް އެމެރިކާއިން ފުރުސަތު ނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޓްރަމްޕްގެ މުޝީރު ސްޓީވް ވިޓްކޮފް ވަނީ ސަރަހައްދީ ސަލާމަތަށްޓަކައި ސައުދީ އަރަބިއްޔާ އާއި ގަތަރު ފަދަ ގައުމުތަކުން އިބްރާޖހީ މުއާހަދާގައި ބައިވެރިވެ އިޒްރޭލްގެ ޖެނޮސައިޑަށް ވާގިވެރިވެ ގުޅުން ގާއިމުކުރުމަށް ބާރުއަޅަމުންދާ ކަމަށް ވިދާޅުވެފައެވެ. ތްރަމްޕް ވަނީ އިބްރާހީމީ މުއާހަދާގައި އަރަބިން ބައިވެރި ނުވާނަމަ އީރާނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އޭނާ ބޭނުންވަނީ ބަދަލުގައި އީރާނުން އަރަބިންނަށް ބޮން އަޅާށެވެ.







