އިގްތިސާދީ ދަތިކަމާއި ޔަހޫދީ ޖެނޮސައިޑް ހަމަލާތަކުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުން އަޟްޙާ އީދާ ކުރިމަތިލަނީ

މިއަހަރުގެ އަޟްޙާ އީދު ފަލަސްތީނުގެ ރައްޔިތުންނާ ބައްދަލުކުރީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިމަތިވެފައިވާ އެންމެ ދަތި އުނދަގޫ މަރުހަލާގެ ތެރޭގައެވެ. ތަކެތީގެ އަގު އިންތިހާއަށް އުފުލި، ވަޒީފާނެތް މީހުންގެ އަދަދު އިތުރުވެ، މުސާރަ ނުލިބުމުގެ ތަދިކަމުގެ އިތުރުން ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ބާރުތަކާއި ވަޒަންވެރިންގެ ފަރާތުން ދަނޑުވެރިންނަށާއި ނައަމްސޫފި ގެންގުޅޭ މީހުންނަށް ކުރިމަތިވަމުންދާ ފިއްތުންތަކުގެ ސަބަބުން ބާޒާރުތަކަށް ވަނީ ފަޅުކަން އައިސްފައެވެ.

އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ފަލަސްތީނުގެ ޖުމްލަ އުފެއްދުންތެރިކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ވަޒީފާނެތް މީހުންގެ ނިސްބަތް 46 އިންސައްތައަށް އުފުލިފައިވާއިރު، 2021 ވަނަ އަހަރުން ފެށިގެން ސަރުކާރު މުވައްޒަފުންނަށް މުސާރަ ގަވާއިދުން ނުލިބުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. މީގެ އިތުރުން އިސްރާއީލުގެ މަސައްކަތްތެރި ބާޒާރު ފަލަސްތީނުގެ މަސައްކަތްތެރިންނަށް ބަންދުކޮށްފައި އޮތުމަކީ އާއިލާތަކުގެ އާމްދަނީއަށް އެޅުނު ބޮޑު ހުރަހެކެވެ.

އީދު މޫސުމަކީ އާންމުކޮށް ކުދި އަދި ބޮޑު ޖަނަވާރުގެ ވިޔަފާރި ފޯރިއާއެކު ހިނގާ ދުވަސްވަރަކަށް ވީނަމަވެސް، މިއަހަރު ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ވަޒަންވެރިން ދަނީ ދަނޑުވެރިންގެ ބިންތައް ފޭރި، ޖަނަވާރުތައް ވަގަށް ނަގައި، ދަނޑުވެރިންނަށް ހަމަލާދެމުންނެވެ. އިގްތިސާދީ މާހިރު ޑރ. މުއައްޔަދު އަފާނާ ވިދާޅުވި ގޮތުގައި "އިސްރާއީލުގެ ސިވިލް އެޑްމިނިސްޓްރޭޝަނުން ދަނީ ދަނޑުވެރިކަމުގެ ވަސީލަތްތައް ހަލާކުކޮށް، ފެން ލިބުން ދަތިކޮށް، އަސްކަރީ ސަރަހައްދުތަކުގެ ނަމުގައި ދަނޑުބިންތައް އަތުލަމުން" ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުން މިހާރު ތިބީ އީދުގެ އިޖުތިމާއީ ވާޖިބުތައް އަދާކުރުމާއި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމާ ދެމެދު އުނދަގޫ އިޚްތިޔާރެއްގެ ކުރިމަތީގައެވެ. ގިނަ އާއިލާތަކަކަށް އީދުގެ އުފަލުގައި ބައިވެރިވެވެނީ ދަރަންޏަށް ފައިސާ ނަގައިގެންނެވެ. ބާޒާރުތަކުގައި ތަކެތި ގަންނަ މީހުން މަދުވެ، ވިޔަފާރިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބެން ފަށާފައެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ދަނޑުވެރިކަމުގެ އުފެއްދުންތަކުން ޓެކްސް ކުޑަކުރުމަށާއި، އަމިއްލަ އުފެއްދުންތަކަށް ހިތްވަރު ދިނުމަށް މާހިރުން ގޮވާލައްވައެވެ. ފަލަސްތީނުގެ އިގްތިސާދީ ދިރާސާ ކުރާ މަރުކަޒު ގެ ރިސާޗަރު މަސީފް މަސީފް ވިދާޅުވި ގޮތުގައި، މިހާރު ފެންނަމުންދަނީ ހަމައެކަނި ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ އަސްކަރީ ކުރިމަތިލުމެއް ނޫން ކަމަށާއި، މިއީ ފަލަސްތީނުގެ ސޫރަ ފޮހެލުމަށް ޔަހޫދީ ޖެނޮސައިޑް ރެޖީމް  ހިންގާ "އިގްތިސާދީ ހަނގުރާމައެއް" ކަމަށެވެ. މި ދަތި ދަނޑިވަޅުގައި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ހަމައެކަނި ގޮތަކީ ކެތްތެރިކަމާއެކު ސާބިތުވެ ތިބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!