ފަލަސްޠީނުގެ ދިދަ ހޫރުމުން ކެލިފޯނިއާ ޔުނިވާސިޓީގެ ދަރިވަރެއްގެ ސެޓްފިކެޓް ފޭރިގެންފި

އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާ، ބާކްލީގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި، ފަލަސްތީނުގެ ދިދަ އުފުލި ދަރިވަރެއްގެ ސެޓްފިކެޓް އެ ޔުނިވާސިޓީން ފޭރިގެންފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ދަރިވަރު ސެޓްފިކެޓް ބަލައި ސްޓޭޖަށް އެރި ވަގުތު، އޭނާގެ އަމިއްލަ ވަޒަނާއި އައިޑެންޓިޓީ ރަމްޒުކޮށްދިނުމުގެ ގޮތުން ފަލަސްތީނުގެ ދިދަ ދައްކާލުމާ ގުޅިގެންނެވެ.

މި ހާދިސާގެ ރިޕޯޓްތައް ބުނާގޮތުން، ދަރިވަރު ދިދަ ނެގުމާއެކު ޔުނިވާސިޓީގެ އޮފިޝަލުން ވަނީ ވަގުތުން އޭނާ ހުއްޓުވައި، ރަސްމިއްޔާތު ކުރިއަށް ގެންދިޔުމަށް ހުރަސްއަޅާފައެވެ. ޔުނިވާސިޓީގެ މަސްއޫލުވެރިން އެ ދަރިވަރަށް އަންގާފައިވަނީ ހޯލުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ދިދައެއް އުފުލުމަކީ މަނާކަމެއް ކަމަށެވެ. މިކަމާ ގުޅިގެން އެތަނަށް އެއްވެފައި ތިބި އެހެން ދަރިވަރުންނާއި ބެލެނިވެރިން ވަނީ ޔުނިވާސިޓީގެ އަމަލުތަކާ މެދު ނުރުހުން ފާޅުކޮށް އަޑުގަދަކޮށްފައެވެ.

ޕަލަސްޓީނިއަން ޔޫތު މޫވްމަންޓްގެ އެކްޓިވިސްޓެއް ކަމަށްވާ ހިޝާމް ނަމަކަށް ކިޔާ މި ދަރިވަރު، ޔުނިވާސިޓީގެ އެންގުމަށް ކިޔަމަންވުމުގެ ގޮތުން އޭނާގެ އަތުގައި އޮތް ދިދަ އެހެން މީހަކާ ހަވާލުކުރަން މަޖުބޫރުވިއެވެ. އޭގެ ފަހުން އޭނާއަށް ސެޓްފިކެޓް ބަލައި ދިޔުމުގެ ފުރުސަތު ދިން ނަމަވެސް، މުޅި ރަސްމިއްޔާތުގެ ތެރޭގައި އޮތީ ނުތަނަވަސްކަން އުފެދިފައެވެ. މިއީ އެމެރިކާގެ ސަހުޔޫނީ ތައުލީމީ މުއައްސަސާތަކުގައި ފަލަސްތީނުގެ މައްސަލައާ ގުޅޭގޮތުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ހާމަވެގެންދިޔަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ހިޝާމް ފަހުން ދިން ބަޔާނެއްގައި ބުނެފައިވަނީ، އޭނާ ދިދަ އުފުލީ ހަމައެކަނި ދައްކާލުމަކަށް ނޫން ކަމަށާއި، އެއީ ޔުނިވާސިޓީގެ މާލީ ސިޔާސަތުތަކާ ދެކޮޅަށް ކުރި އިހުތިޖާޖެއް ކަމަށެވެ. އޭނާ ތުހުމަތުކުރި ގޮތުގައި ޔުނިވާސިޓީން ދަނީ އިސްރާއީލުގެ އަސްކަރީ ހަރަކާތްތަކަށް އެހީތެރިވާ ކުންފުނިތަކާއެކު އިންވެސްޓްމަންޓްތައް ކުރިއަށް ގެންދަމުންނެވެ. "މިއީ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމަށް ބާރުދޭ ނިޒާމެއްގެ ތެރެއިން ފެނިގެންދިޔަ ކުޑަކުޑަ މިސާލެއް،" ހިޝާމް ބުންޏެވެ.

ހިއްސާ ކުރައްވާ!