އަންހެން ކުއްޖާއަށް 22 އަހަރު 6 ވަނަ ދަރިއަށް ބަނޑުބޮޑު

އިންޑިއާގެ ރާޖަސްތާނަށް ނިސްބަތްވާ އުމުރުން އެންމެ 22 އަހަރުގެ އަންހެނަކު، ފިރިހެން ދަރިއަކު ހޯދުމުގެ ބޭނުމުގައި 6 ވަނަ ދަރިއަށް ބަނޑުބޮޑުވުމާ ގުޅިގެން ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި މައްސަލަ ފެންމަތިވީ އުއްތަރު ޕްރަދޭޝްގެ ބާގްޕަތު ޑިސްޓްރިކްޓްގެ ހޮސްޕިޓަލެއްގެ ކްލިނިކަށް އެ އަންހެން މީހާ ދެއްކުމުން، އެތަނުގެ ޑޮކްޓަރަކު އާންމުކުރި ވީޑިއޯއަކާ ގުޅިގެންނެވެ.

ހޮސްޕިޓަލުގެ އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ޕްރަގްޔާ ތޯމަރު ހިއްސާކުރި ވީޑިއޯއެއްގައިވާ ގޮތުން، އެ އަންހެން މީހާ މިހާރު އިންތާ 5 މަސް ވެއްޖެއެވެ. އޭނާގެ މިހާރުވެސް ފަސް ކުދިން ތިބިއިރު، އޭގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. އޭނާ ބުނި ގޮތުގައި އޭނާ ކައިވެނި ކުރީ އުމުރުން އެންމެ 15 ނުވަތަ 16 އަހަރުގައެވެ. މިއީ މުސްލިމު އާއިލާއެއް ނޫނެވެ. އަދި މިއީ އަފްޣާން ނުވަތަ ޠާލިބާނުން ވެރިކަން ކުރާ ތަނެއްގެ ވާހަކައެއްވެސް ނޫނެވެ!

މިހާ ޒުވާން އުމުރެއްގައި ގިނަ އަދަދެއްގެ ކުދިން ހޯދުމުގެ ސަބަބުން އެ އަންހެން މީހާގެ ސިއްހަތަށް ވަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. ބަލިވެ އިނުމާ ގުޅިގެން ބޯ އެނބުރުމާއި ނޭވާލާން އުނދަގޫވުން ފަދަ ސިއްހީ މައްސަލަތައް އޭނާއަށް ކުރިމަތިވަމުންދާ ކަމަށް ޑޮކްޓަރު ފާހަގަކުރެއްވިއެވެ. ޑރ. ތޯމަރު ވަނީ ވިދިވިދިގެން މިގޮތަށް ބަނޑުބޮޑުވުމަކީ އަންހެން މީހާގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމުގެ އިންޒާރު ދީފައެވެ.

ފިރިހެން ދަރިއަކު ހުރި ނަމަވެސް އިތުރު ކުދިން ހޯދަނީ ކީއްވެތޯ ޑޮކްޓަރު ސުވާލު ކުރުމުން، އެ އަންހެން މީހާގެ ފިރިމީހާ ބުނީ އެންމެ ފިރިހެން ދަރިއަކު މަދު ކަމަށާއި މަދުވެގެން ދެ ފިރިހެން ކުދިން ބޭނުންވާ ކަމަށެވެ. އަދި ގިނަ ކުދިން ތިބުމަކީ މުސްތަގުބަލުގައި ދަނޑުހައްދައި އާމްދަނީ ހޯދުމަށް ލިބޭނެ ބާރެއް ކަމަށްވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ޑރ. ތޯމަރު ވަނީ ސޯޝަލް މީޑިއާގައި ސުވާލު އުފައްދަވާފައެވެ. "ފިރިހެން ދަރިއަކު ހޯދުމުގެ އެދުމުގައި މީހެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމަކީ ރަނގަޅު ގޮތެއް ހެއްޔެވެ؟" އޭނާގެ ޕޯސްޓުގައި ސުވާލުކޮށްފައިވެއެވެ. އަދި އާއިލާގެ ނަސްލު ކުރިއަށް ގެންދިއުމުގެ ނަމުގައި އަންހެނުންނަށް ކުރިމަތިކުރާ މިފަދަ ފިއްތުންތަކަށް ޑޮކްޓަރު ވަނީ ފާޑުކިޔާފައެވެ. މިހާތަނަށް މި ވީޑިއޯއަށް 40 މިލިއަނަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.

ހިއްސާ ކުރައްވާ!