އެމެރިކާއިން ހަމަލަ ދޭނެ އީރާނުގެ އަސްކަރީ އަމާޒުތަކުގެ އާ ލިސްޓެއް ތައްޔާރުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ސޮލީބީ އަސްކަރީ އޮޕަރޭޝަންތައް އަލުން ފެއްޓެވުމަށް ނިންމަވައިފި ނަމަ، ހަމަލާދޭނެ އީރާނުގެ އަސްކަރީ އަމާޒުތަކުގެ އާ ލިސްޓެއް އެމެރިކާގެ ދިފާއީ ވުޒާރާ އިން ތައްޔާރުކޮށްފި ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ނަމަވެސް، މިދިޔަ ފެބްރުއަރީ މަހު ފެށި ސޮލީބީ ހަމަލާތަކާ އަޅާބަލާއިރު، ކުރިއަށް އޮތް މަރުހަލާ މާ ބޮޑަށް ވެސް އުނދަގޫވެފައި ނުރައްކާތެރިވާނެ ކަމަށް އަސްކަރީ މަސްއޫލުވެރިން ގަބޫލުކުރެއެވެ.

އެމެރިކާގެ އެންބީސީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން މިހާރު ވަނީ އެގައުމުގެ ގިނަ އަސްކަރީ ވަސީލަތްތަކެއް ބިމުގެ އަޑީގައިވާ ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައެވެ. އަދި ބައެއް ހަތިޔާރުތައް އެއްތަނުން އަނެއްތަނަށް ފަސޭހައިން އުފުލޭ ގޮތަށް ހެދުމުގެ ސަބަބުން، އެ ތަންތަން ދެނެގަނެ ހަމަލާދިނުމަށް އެމެރިކާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ދިފާއީ ވުޒާރާގެ ލިސްޓުގައި ހިމެނޭ މުހިންމު އަމާޒުތަކުގެ ތެރޭގައި ޝިހާބް، ސިއްޖީލް އަދި ޚުއްރަމްޝަހަރު މަރުކާގެ ބެލިސްޓިކް މިސައިލް ފޮނުވާ މޯބައިލް ލޯންޗަރުތަކާއި، ފޯރްޑޯ ފަދަ ފަރުބަދަތަކުގެ އަޑީގައި ހުރި ނިއުކްލިއާ މަރުކަޒުތައް ހިމެނެއެވެ. މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅި ކައިރީގައިވާ އީރާނުގެ ކަނޑުގެ އަސްކަރީ އުޅަނދުތަކާއި، ޑްރޯން އޮޕަރޭޓްކުރާ މަރުކަޒުތައް ވެސް މި ލިސްޓުގައި ހިމެނެއެވެ.

އަސްކަރީ މާހިރުން ބުނާ ގޮތުގައި އީރާނުން މިހާރު ގެންގުޅެނީ "ސްޓްރެޓެޖީ އޮފް ދަ ހެޖްހޮގް" ގެ ދިފާއީ އުކުޅެކެވެ. މިއީ އެއް ތަނެއްގައި އަސްކަރީ މަރުކަޒުތައް ބެހެއްޓުމުގެ ބަދަލުގައި، ފަރުބަދަތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހަތިޔާރުތައް ފޮރުވައިގެން ގެންގުޅުމުގެ ސިޔާސަތެކެވެ. މީގެ މަގްސަދަކީ އެމެރިކާގެ ވައިގެ ހަމަލާތަކުން ލިބޭ ގެއްލުން ކުޑަކުރުމެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އީރާނުގެ އަސްކަރީ އޮނިގަނޑަށް ފުރަތަމަ މަރުހަލާގެ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެގައުމުން ވަނީ އެ ތަޖުރިބާގެ އަލީގައި އަސްކަރީ ގާބިލްކަން އަލުން ތަރުތީބުކޮށްފައެވެ. މިގޮތުން ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތަށް ނުރައްކާކުރުމުގެ ގާބިލްކަން އީރާނުން އަދިވެސް ދަމަހައްޓަމުންދެއެވެ.

މި ހާލަތުގައި، ޓްރަމްޕްގެ ސަރުކާރުން އަސްކަރީ ފިޔަވަޅުތަކާއެކު ސިޔާސީ އަދި ޑިޕްލޮމެޓިކް މަޝްވަރާތަކަށް ވެސް ޖާގަ ދެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން، އީރާނަށް ދެން ދޭނެ ހަމަލާއެއް ބިނާވެފައި އޮންނާނީ އަސްކަރީ ފައިދާއަށްވުރެ ބޮޑަށް ސަރަހައްދީ ހަމަޖެހުމާއި ބައިނަލްއަގުވާމީ މަސްލަހަތުތަކުގެ މައްޗަށެވެ.

ހިއްސާ ކުރައްވާ!