އެމެރިކާއިން ޖަޒީރާއެއްގެ ބަޔަކަށް އޮޅުވާލައި ދިން ގެއްލުން

މާޝަލް އައިލެންޑްސްގެ ބިކިނީ އެޓޯލްގައި އެމެރިކާއިން އޮޅުވާލައގެން ކުރި ކަންތައްތަކަކީ އިންސާނީ ތާރީޚުގައި މިހާނަތަނަށް ޖަޒީރާ ބަޔަކަށް ދިންކަމަށް ފެންނަން އޮތް އެންމެ ބޮޑު އެއް ބޭއިންސާފެވެ. 1946 އާއި 1958 އާ ދެމެދު އެމެރިކާގެ ސިފައިން މި ރީތި ޖަޒީރާ ބޭނުންކުރީ ނިއުކްލިއަރ ހަތިޔާރު ޓެސްޓުކުރާ މައިދާނެއްގެ ގޮތުގައެވެ. މިއީ ފިނި ހަނގުރާމައިގެ ދުވަސްވަރު އެމެރިކާގެ އަސްކަރީ ބާރު ދެއްކުމަށްޓަކައި، އެ ސަރަހައްދުގެ އަސްލު ވަޒަންވެރިންނާއި އެމީހުންގެ ސަގާފަތް ވުޖޫދުން ފޮހެލި ހިތާމަވެރި ދަނޑިވަޅެކެވެ.

ދީނާއި އިންސާނިއްޔަތުގެ ނަމުގައި ހިންގި އޮޅުވާލުން

ބިކިނީގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުމުގެ މަސައްކަތް ފެށުނީ 1946 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައެވެ.

އެމެރިކާގެ މިލިޓަރީ ގަވަރުނަރު ކޮމޮޑޯ ބެން އެޗް. ވައިޓް، އެ ރަށުގައި އާބާދުވެފައިވާ 167 ރައްޔިތުންނާ ބައްދަލުކޮށް، އެމީހުންގެ ދީނީ އަގީދާގެ ބޭނުން ހިފައިގެން އޮޅުވާލިއެވެ. އޭނާ ބުނި ގޮތުގައި، މިއީ މުޅި އިންސާނިއްޔަތުގެ ލާބައަށްޓަކައި އަދި ދުނިޔޭގެ ހަނގުރާމަތައް ނިމުމަކަށް ގެނައުމަށްޓަކައި ކުރަންޖެހޭ "ވަގުތީ" ގުރުބާނީއެކެވެ.

އެ ރަށުގެ ކަތީބު ކިންގް ޖޫޑާ މިކަމަށް އެއްބަސްވީ، އެއީ ހަގީގަތުގައިވެސް އިންސާނިއްޔަތަށްޓަކައި ކުރެވޭ މާތް މަސައްކަތެއް ކަމަށް ހީކޮށްގެންނެވެ. ނަމަވެސް، އެ ރައްޔިތުންނަށް ނިއުކްލިއަރ ބޮމަކީ ކޮބައިކަމެއް ނުވަތަ އޭގެ ނުރައްކަލަކީ ކޮބައިކަމެއް އެއްވެސް ވަރަކަށް އޮޅުންފިލުވައެއް ނުދެއެވެ.

މި ވަރުގެ އޮޅުވާލުން ބޮޑު ބަޔަކާއެކު އިންސާނުން އެއްބަސްވުމެއް ހަދާނީ ކިހިނެއް ހެއްޔެވެ؟

 كَيْفَ وَإِن يَظْهَرُوا عَلَيْكُمْ لَا يَرْقُبُوا فِيكُمْ إِلًّا وَلَا ذِمَّةً ۚ يُرْضُونَكُم بِأَفْوَاهِهِمْ وَتَأْبَىٰ قُلُوبُهُمْ وَأَكْثَرُهُمْ فَاسِقُونَ ﴿8﴾
(އެއުރެންނަށް އެފަދަ ޢަހުދެއް އޮންނާނީ) ކިހިނަކުންހެއްޔެވެ؟ އެހެނީ ތިޔަބައިމީހުންގެ މައްޗަށް އެއުރެން ގަދަވެގެންފިނަމަ، ގާތްތިމާގެ ކަމުގެ ގުޅުމަކަށްވެސް، އަދި ޢަހުދަކަށްވެސް، ތިޔަބައިމީހުންނާމެދު އެއުރެން ނުބަލާނެތެވެ. އެއުރެންގެ އަނގައިން ތިޔަބައިމީހުން ރުއްސާނެތެވެ. އެއުރެންގެ ހިތްތައް ނުރުހިގެންވާ ޙާލުގައެވެ. އޭގެތެރެއިން ގިނަމީހުންނީ، ފާސިޤުންނެވެ.

ބިކޭނުންގެ ދިރިއުޅުން ބިކަވެގެންދިއުން

އެމެރިކާއިން ވީ ވައުދުތަކާ ޚިލާފަށް، ބިކިނީގެ ރައްޔިތުން ބަދަލުކުރި ރަށްރަށަކީ ދިރިއުޅެން އެކަށީގެންވާ ތަންތަނެއް ނޫނެވެ. ރޮންގްރިކް އަތޮޅާއި އަދި ކިލީ ޖަޒީރާއަށް އެމީހުން ބަދަލުކުރިއިރު، އެ ތަންތަނުގައި އެކަށީގެންވާ ވަރަށް ކާބޯތަކެއްޗާއި މަސްވެރިކަން ކުރެވޭނެ ފަޅެއް ނެތެވެ. މީގެ ސަބަބުން، އަމިއްލަ މަސައްކަތުން ދިރިއުޅެމުންދިޔަ ހީވާގި ބިކޭނުންގެ ރައްޔިތުން ބަނޑަށްޖެހި، އެމެރިކާއިން ފޮނުވާ ކާބޯތަކެއްޗަށް ބަރޯސާވާން ޖެހުނެވެ. މިކަމުގެ ސަބަބުން އެމީހުންގެ ޒަމާންވީ ކަނޑުދަތުރުފަތުރާއި މަސްވެރިކަމުގެ ސަގާފަތް މުޅިން ނެތިގެންދިޔައެވެ.

އެމެރިކާ މީހުންގެ މި ކުރާ ޒާތުގެ ފަސާދައިގެ އަމަލުތަކަށް މި ބަސް ފުޅު ނުފުދޭ ހެއްޔެވެ؟

 وَمِنَ النَّاسِ مَن يُعْجِبُكَ قَوْلُهُ فِي الْحَيَاةِ الدُّنْيَا وَيُشْهِدُ اللَّهَ عَلَىٰ مَا فِي قَلْبِهِ وَهُوَ أَلَدُّ الْخِصَامِ ﴿204﴾ وَإِذَا تَوَلَّىٰ سَعَىٰ فِي الْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ الْحَرْثَ وَالنَّسْلَ ۗ وَاللَّهُ لَا يُحِبُّ الْفَسَادَ ﴿205﴾
ދުނިޔަވީ ޙަޔާތާމެދު އެމީހަކު ބުނާ ބަހުން ކަލޭގެފާނުގެ ހިތްޕުޅު ރުއްސާލައި، އަދި އޭނާގެ ހިތުގައިވާ ގޮތުގެ މައްޗަށް ﷲ ހެކިކޮށް ބުނާ މީހުން މީސްތަކުންގެ ތެރެއިން ވެއެވެ. އެހިނދު އެމީހާ ވަނީ، ދެކޮޅުވެރިކަން އެންމެ ބޮޑު މީހާ ކަމުގައެވެ. އަދި އެމީހާ ފުރަގަސްދީ ހިނގައްޖެނަމަ، ބިމުގައި ފަސާދަ އުފެއްދުމަށްޓަކައި އަދި ދަނޑުފަނގާއި ދަރިފަސްކޮޅު ހަލާކުކުރުމަށްޓަކައި ބިމުގައި މަސައްކަތްކޮށް އުޅެތެވެ. ﷲ، ފަސާދަވެރިކަމަކަށް ލޯބިވެވޮޑިގެނެއް ނުވެއެވެ.

ކާސްޓްލް ބްރާވޯ: އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް

1954 ވަނަ އަހަރުގެ މާރިޗު 1 ވަނަ ދުވަހު އެމެރިކައިން ގޮއްވާލި 'ކާސްޓްލް ބްރާވޯ' ބޮމަކީ ހިރޯޝީމާއަށް ވައްޓާލި ބޮމަށްވުރެ 1000 ގުނަ ބާރުގަދަ ބޮމެކެވެ.

ވައިގެ މިސްރާބު ހުރިގޮތުން މީހުން ދިރިއުޅޭ ރަށްރަށަށް އޭގެ ނުރައްކާ ފޯރާނެކަން އެނގިތިބެމެ، އެމެރިކާގެ މުޖުރިމު ސިފައިން އެ ޓެސްޓު ކުރިއަށް ގެންދިޔައެވެ. ރަށުގެ ކުޑަކުދިންނަށް ހީވީ އެއީ އުޑުން ފައިބާ 'ސްނޯ' ތަކެއް ކަމަށެވެ. އެ ކުދިން އެ ވިހަ އަޅިތަކާ ކުޅެމުންދިޔައިރު، އެއީ އެމީހުންގެ ހަށިގަނޑު ހަލާކުކޮށްލާނެ އެއްޗެއްކަމެއް ނޭނގެއެވެ. މި ހާދިސާއަށްފަހު، އެމެރިކާއިން ހިންގި 'ޕްރޮޖެކްޓް 4.1′ ގެ ދަށުން، ރޭޑިއޭޝަންގެ އަސަރުކުރި މީހުން ބޭނުންކުރީ އެމީހުންގެ ނުގަބޫލުގައި އެމެރިކާއިން ކުރި ސިއްރު މެޑިކަލް ދިރާސާއެއްގެ މީދާތަކެއްގެ ގޮތުގައެވެ.

ނިމުމެއް ނެތް ތަހައްމަލުކުރުން

1970 ގެ އަހަރުތަކުގައި ބިކިނީއަކީ ރައްކާތެރި ތަނެއް ކަމަށް ބުނެ އެމެރިކާއިން އެ ޖަޒީރާއަށް ބައެއް މީހުން އަނބުރާ ފޮނުވިއެވެ. ނަމަވެސް މިއީވެސް ބޮޑު އޮޅުވާލުމެކެވެ. އެ ރަށުގެ ފަސްގަނޑާއި ގަސްގަހާގެހީގައި ހުރި ނުރައްކާތެރި ސީޒިއަމް-137 މާއްދާގެ ސަބަބުން، އެނބުރި ދިޔަ މީހުންގެ ހަށިގަނޑަށް އަނެއްކާވެސް ނުރައްކާތެރި މިންވަރަށް ރޭޑިއޭޝަން ފޯރިއެވެ. މިއަދާ ހަމައަށްވެސް ބިކޭނުންގެ ގެ ރައްޔިތުންނާއި އެމީހުންގެ ދަރިފަސްކޮޅު ދަނީ ކެންސަރާއި، އައިބު ކުދިން އުފަންވުމާއި، އަދި ނަފްސާނީ އެތައް ތަކުލީފުތަކެއް އުފުލަމުންނެވެ.

ބަދަލުގެ ގޮތުގައި މި ޖަޒީރާ މީހުންނަށް ދޭން ޖެހޭ 2 ބިލިއަން ޑޮލަރު މިއަދާހަމައަށްވެސް އެމެރިކާއިން ދީފައެއް ނުވެއެވެ. މިއީ ބާރުގަދަ ގައުމަކުން އެހެން ބައެއްގެ އިންސާނީ ހައްގުތަކަށް އަރައިގަނެ، ހިންގާފައިވާ ލާއިންސާނީ އަމަލެއްގެ ދިރިހުރި މިސާލެކެވެ.

۞ وَمِنْ أَهْلِ الْكِتَابِ مَنْ إِن تَأْمَنْهُ بِقِنطَارٍ يُؤَدِّهِ إِلَيْكَ وَمِنْهُم مَّنْ إِن تَأْمَنْهُ بِدِينَارٍ لَّا يُؤَدِّهِ إِلَيْكَ إِلَّا مَا دُمْتَ عَلَيْهِ قَائِمًا ۗ ذَٰلِكَ بِأَنَّهُمْ قَالُوا لَيْسَ عَلَيْنَا فِي الْأُمِّيِّينَ سَبِيلٌ وَيَقُولُونَ عَلَى اللَّهِ الْكَذِبَ وَهُمْ يَعْلَمُونَ ﴿75﴾
ނުހަނު ގިނަ މުދަލަކުން ކަލޭގެފާނު އެމީހަކާ އަމާނަތް ޙަވާލު ކުރައްވައިފިނަމަ، އެ އަމާނަތް ކަލޭގެފާނަށް އަނބުރައި ރައްދުކުރާ މީހުން ފޮތުގެ އަހުލުވެރިންގެ ތެރެއިންވެއެވެ. އަދި، ދީނާރަކުން ކަލޭގެފާނު އެމީހަކާ އަމާނަތް ޙަވާލު ކުރައްވައިފިނަމަ، (އެ އަމާނަތް އަނބުރައި ރައްދުކުރުން އެދިވަޑައިގެން) އެކަމުގެ މަތީގައި ކަލޭގެފާނު ޤާއިމް ވެވަޑައިގެން ހުންނެވިއްޔާ މެނުވީ، އެ އަމާނަތް ކަލޭގެފާނަށް އަނބުރައި ރައްދު ނުކުރާ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. އެއީ، ހަމަކަށަވަރުން، އެއުރެން ބުނެއުޅެނީ އުއްމީންނާ މެދުގައި، (އެބަހީ: ޢަރަބީންނާ މެދުގައި) އެހެން ހެދުމަކުން އެއްވެސް ފާފައެއް އަހަރެމެންގެ މައްޗަކަށް ނެތެވެ. ފަހެ، އެއުރެން ދެނެތިބެ ﷲއާމެދު ދޮގުބަސްތައް ބުނަނީއެވެ.

ހިއްސާ ކުރައްވާ!