ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ޔަހޫދީ ޖެނޮސައިޑް ރެޖީމުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 20 މީހުން ޝަހީދުކޮށްލުމާ ގުޅިގެން، ޣައްޒާގައި ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވާލާނެ ކަމުގެ އިންޒާރު ހަމާސް ޖަމާއަތުން ބުރާސްފަތި ދުވަހު ދީފިއެވެ. އެ ޖަމާއަތުން ވަނީ އެއްބަސްވުމުގެ އިލްތިޒާމްތަކަށް ޔަހޫދީ ޖެނޮސައިޑް ރެޖީމުން ބޯލަނބުވުމަށްޓަކައި އެމެރިކާ އާއި އެއްބަސްވުމުގެ ޖާމިނުވާ މުސްލިމުންނާއި އަރަބި ގައުމުތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.
ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔަހޫދީ ޖެނޮސައިޑް ރެޖީމުން ހިންގަމުންދާ އުދުވާންތައް ކުށްވެރިކޮށް އެމެރިކާއިން ސާފު ރަސްމީ ބަޔާނެއް ނެރެންޖެހޭނެ ކަމަށެވެ. އަދި ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ރަހުމުކުޑަ އަމަލުތަކުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މިހާރު އޮތީ ރޫޅިގެން ދިއުމުގެ ނުރައްކަލުގެ ތެރޭގައި ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ބުދަ ދުވަހުގެ ރޭ ޔަހޫދީ ޖެނޮސައިޑް ރެޖީމުން އާންމުން ދިރިއުޅޭ އެޕާޓްމަންޓަކަށް ދިން ވައިގެ ހަމަލާއެއްގައި 10 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިންނާއި ދެ އަންހެނުން ހިމެނޭއިރު، ގިނަ އަދަދެއްގެ އާންމުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ހަމާސްއިން މި ހަމަލާ ސިފަކޮށްފައިވަނީ ޝަރުމުއްޝައިޚުގައި ބެރު ދުންމާރީގައި ޓްރަމްޕަށް ތައުރީފުކޮށް މުނާފިގު ކަމާއެކު އަރަބިންނާއި މުސްލިމުން ސޮއިކުރި އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް ދިން ލާއިންސާނީ އަމަލެއްގެ ގޮތުގައެވެ.
މި ހަމަލާގައި ގައްސާމް ބްރިގޭޑްސްގެ ޣައްޒާ ސިޓީގެ ނައިބު ކޮމާންޑަރު އިމާދު އަސްލީމް (އަބޫ ޙައްސާން) ވެސް ވަނީ ޝަހީދުވެފައެވެ. އޭނާގެ ޖަނާޒާ ބުރާސްފަތި ދުވަހުގެ މެންދުރު ނަމާދަށްފަހު ޣައްޒާގައި ވަނީ ބާއްވާފައެވެ. ނަމަވެސް ހަމާސްގެ ރަސްމީ ބަޔާނުގައި އޭނާ ޝަހީދުވިކަން ސީދާ ބަޔާންކޮށްފައެއް ނުވެއެވެ.
ހަމާސްއިން ބާރުއަޅަމުންދަނީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ހިމެނޭ ކަންކަން ފުރިހަމަކުރުމަށެވެ. އޭގެ ތެރޭގައި ހަނގުރާމަ މުޅިން ހުއްޓާލުމާއި، "ރީނދޫ ރޮނގު" ގެ ފަހަތަށް ޔަހޫދީ ޖެނޮސައިޑް ރެޖީމުން ސިފައިން ފޭބުމާއި، ދުވާލަކު 600 އެހީގެ ލޮރީ ވައްދައި ރަފަޙް ބޯޑަރު ހުޅުވުން ހިމެނެއެވެ. ނަމަވެސް ޔަހޫދީ ޖެނޮސައިޑް ރެޖީމުން ޝަރުތު ކުރަނީ އެއްބަސްވުމުގެ އެއްވެސް ކަމެއް ތަންފީޒުކުރުމުގެ ކުރިން ހަމާސް އާއި އެހެނިހެން ޖަމާއަތްތަކުން ހަތިޔާރު ބަހައްޓަން ޖެހޭނެ ކަމަށެވެ.
ޔަހޫދީ ޖެނޮސައިޑް ރެޖީމުން ފާއިތުވި ދެ ހަފުތާގައި ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، އެ ގައުމުން ބުނަމުންދަނީ އަމާޒުކުރަނީ ހަމާސްގެ އަސްކަރީ ލީޑަރުންނަށް ކަމަށެވެ. އެހެންނަމަވެސް އާންމުން ޝަހީދުވަމުންދާތީ އދ. އިން ވަނީ ކަންބޮޑުވުން ފާޅުކޮށް، މިއީ ހަނގުރާމައިގެ ކުށްތަކެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް އިންޒާރު ދީފައެވެ.




