އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށާއި، ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ މުއްދަތު އިތުރުކުރުމަށް ދެ ގައުމުގެ ދެމެދުގައި އިބްތިދާއީ އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ވައިތްހައުސްއާ ގުޅުން ހުރި ޒަޔަނިސްޓް މީޑިއާ އެކްސިއޯސް ނިއުސް ސައިޓުން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ރަސްމީ މަޝްވަރާތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި މައުލޫމާތު އެނގޭ ދެ މަސްދަރަކާ ހަވާލާދީ އެކްސިއޯސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ކަންކަން ނިމުމަކަށް އަންނާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތްޕުޅުން ލިބޭ އެންމެ ފަހުގެ ހުއްދައަށް ފަހުގައެވެ. މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި ދެ ގައުމުގެ ދެމެދުގައި މި އެއްބަސްވުމަށް އާދެވިފައިވަނީ އަންގާރަ ދުވަހުއެވެ. ނަމަވެސް، މި އެއްބަސްވުން ރަސްމީކޮށް އިއުލާނު ކުރުމުގެ ކުރިން ދެ ގައުމުގެ އިސް ވެރިންގެ ފުރިހަމަ ރުހުމާއި ހުއްދަ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ހަނގުރާމަ ހުއްޓާލުމުގެ އިތުރުން، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ދެމެހެއްޓެނިވި މަޝްވަރާތަކަކަށް މަގުފަހިކުރުމެވެ. ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ މަޝްވަރާތަކަކީ މި އެއްބަސްވުމުގެ އެންމެ މުހިންމު އެއް ބައެވެ.







