އީރާނުގެ ދެ އެއާލައިނަކާ ދެކޮޅަށް އެމެރިކާއިން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށް އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ބުރާސްފަތި ދުވަހު އިއުލާން ކުރައްވައިފިއެވެ. މި ފިޔަވަޅުތަކުގެ ދަށުން އެ އެއާލައިންތަކުގެ ބޯޓުތައް އެއާޕޯޓްތަކަށް ޖެއްސުމާއި، ތެޔޮ އެޅުމާއި އަދި ޓިކެޓް ވިއްކުން މަނާކުރެވޭނެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ބެސެންޓް ވިދާޅުވީ، އީރާނުގެ ނިޒާމާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އިގްތިސާދީ ފިއްތުންތަކުގެ ކެމްޕޭން މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދަށާއި ފައިސާގެ އަގަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ.
އެމެރިކާއިން ހަމަލަތައް ދީ ހަނގުރާމަކޮށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުންވެސް އީރާން ގުޑުވައި ނުލެވުމުން މިހާރު ވައިގެ މަގުން އީރާން ހިސާރަ ކުރުމަށް ސޮލީބީ އެމެރިކާއިން ނިިންމީއެވެ.
ބެސެންޓް އިތުރަށް ވިދާޅުވީ، އީރާނުގެ ސިފައިންނަށް މުސާރަ ނުލިބޭ ކަމަށާއި، ފުލުހުންގެ ޚިދުމަތްތަކަށް ބުރޫއަރާފައިވާ ކަމަށެވެ. މިއީ އޭނާ ތްރަމްޕް އާންމުކޮށް ކަން ކުރާ ބީދައިން ހަދައިގެން ދެއްކި ފުލޯކު ވާހަކައެއް ކަން ނުވަތަ ނޫންކަން ސާފެއް ނުވެއެވެ.
އީރާނުގެ މުހިންމު ތެޔޮ ބަނދަރެއް ކަމަށްވާ ޚާރްޖް ޖަޒީރާގެ މަސައްކަތްތައް ހުއްޓިފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އީރާނުން ކަނޑުމަގުން ބޭރުކުރާ ސާފުނުކުރާ ތެލުގެ މިންވަރު ތާރީޚީ މިންވަރަކަށް ދަށްވެފައިވާ ކަމަށްވެސް އެމެރިކާއިން ބުނެއެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ވިދާޅުވީ، އީރާނުގެ ސިފައިން ބައިނަލްއަގްވާމީ ކަނޑުގެ ވިޔަފާރިއަށް ހުރަސްއަޅަން މަސައްކަތް ކުރުމުން އެނގެނީ އެމެރިކާގެ އިގްތިސާދީ ހިސާރުގެ ސަބަބުން އީރާނު އޮތީ މާލީ ގޮތުން ވަރަށް ބޮޑަށް ނިކަމެތިވެފައިވާ ކަމެވެ. އަދި މި ހީނަރުކަން ހުއްޓުވުމަށް އޮތް ހަމައެކަނި މަގަކީ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ހާސިލުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.







