އިޒްރޭލުން ދެން ހަނގުރާމަ ކުރާނީ ތުރުކީއާއި މިޞްރާ: ޖޮނަތަން ޕޮލާޑް

އެމެރިކާގައި އިޒްރޭލަށް ޖާސޫސްކޮށްދިން އެންމެ ނުރައްކާތެރި އެޖެންޓްގެ ގޮތުގައި ބެލެވޭ ޖޮނަތަން ޕޮލާޑް، ޔަހޫދީ ޖެނޮސައިޑް ނިޒާމުގެ ކުރިމަގުގެ ހަނގުރާމަތަކާ ގުޅޭގޮތުން ބޮޑު އިންޒާރެއް ދީފިއެވެ. ޕޮލާޑް ހާމަކުރި ގޮތުގައި އިރާނާއި، ޣައްޒާ އަދި ލުބުނާނުގެ ހިޒްބުﷲއާ ދެކޮޅަށް ކުރާ ހަނގުރާމަތައް ނިމުމުން، އިޒްރޭލުގެ ދެން އޮތް އަމާޒަކީ ތުރުކީއާއި މިޞްރެވެ.

މިޞްރުގެ ގަޑިން މިއަދު މެންދުރުފަހު 2:30 ހާއިރު އާންމުވި މި ޚަބަރުގައިވާ ގޮތުން، ޕޮލާޑް ބުނެފައިވަނީ އިޒްރޭލުން މިހާރު ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތައް ނިމުމަކަށް އައުމަށްފަހު "ބޮޑު ތޫފާނެއް" އަންނާނެ ކަމަށެވެ. އޭނާ ބުނި ގޮތުގައި އިރާނާއި ހިޒްބުﷲ މުޅިން ނައްތާލުމަށްފަހު، ޔަހޫދީ ޖެނޮސައިޑް ނިޒާމުން ކުރިމަތިލާނީ ތުރުކީއާއި މިޞްރާ އެވެ. އަދި މިއީ ވަރަށް ނުރައްކާތެރި އަދި އުނދަގޫ ކުރިމަތިލުމަކަށް ވާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ޖޮނަތަން ޕޮލާޑަކީ ކާކު؟

ޖޮނަތަން ޕޮލާޑަކީ 1980 ގެ އަހަރުތަކުގައި އެމެރިކާގެ ކޮންގްރެސް މެންބަރުންނަށް ޖާސޫސްކޮށް، އެމެރިކާގެ އަސްކަރީ ސިއްރުތައް ޔަހޫދީ ޖެނޮސައިޑް ނިޒާމަށް ފޯރުކޮށްދިން ކަމުގެ ކުށުގައި ހައްޔަރުކޮށް ޖަލަށް ލީ މީހެކެވެ. އޭނާ ވަނީ މި ކުށުގައި ގިނަ އަހަރުތަކެއް ވަންދެން ޖަލުގައި ހޭދަކޮށްފައެވެ. އޭނާއަކީ އެމެރިކާގެ ތާރީޚުގައި އިޒްރޭލަށްޓަކައި ޖާސޫސްކޮށްދިން އެންމެ ނުފޫޒުގަދަ އެކަކެވެ.

ޕޮލާޑްގެ މި ވާހަކަތަކާ ގުޅިގެން މެދުއިރުމަތީގެ ސަރަހައްދީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް މިޞްރާއި ތުރުކީ ފަދަ ބާރުގަދަ ގައުމުތަކާ ދެކޮޅަށް އިޒްރޭލުން ހަނގުރާމައެއް ފަށައިފިނަމަ، މުޅި ސަރަހައްދުގެ ހަމަޖެހުން ގެއްލިގެންދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ހިއްސާ ކުރައްވާ!