ޔަހޫދީ ޖެނޮސައިޑް ރެޖީމުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި، ހަމާސްގެ އަސްކަރީ ގިނަ ކޮމާންޑަރުންތަކެއް ޝަހީދުކޮށްލުމަށް އިސްރާއީލުން ބޭނުންކުރާ މައިގަނޑު އުކުޅުތަކާއި ސަބަބުތައް ދިރާސާވެރިން ފާހަގަކޮށްފިއެވެ. މިގޮތުން ފާއިތުވި މެއި މަހުގެ ތެރޭގައި އެކަނިވެސް އިއްޒުއްދީން އަލްޙައްދާދު އާއި މުޙައްމަދު އައުދާ ފަދަ އިސް ކޮމާންޑަރުން ވަނީ ޝަހީދުކޮށްލާފައެވެ.
ޖިއޮގްރަފީ ހަނިވުމާއި އޭއައި އަދި މުވާސަލާތީ ރެކޯޑުތައް
- އިސްރާއީލުގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ސަބަބަކީ ޣައްޒާގެ ބިމުގެ 60 އިންސައްތަ މިހާރު އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައި އޮތުމެވެ.
މީގެ ސަބަބުން ކޮމާންޑަރުންނަށް ފިލައިގެން އުޅޭނެ ޖާގަ ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. މީގެ އިތުރުން، އާ ކޮމާންޑަރުން މަގާމާ ހަވާލުވާ ވަގުތަކީ އެންމެ ނުރައްކާތެރި ވަގުތުގެ ގޮތުގައި ފާހަގަކުރެވެއެވެ. - ދެވަނަ ކަމަކީ މުވާސަލާތު ބޭނުން ކުރުމެވެ. ކޮންމެ މީހަކަށްވެސް ކޮންމެވެސް އިރެއްގައި މުވާސަލާތު ބޭނުން ކުރަން ޖެހޭތީ އެކަން މިހާރު ހަމާސް ލީޑަރުންނަށް ވަނީ ނުރައްކަލަކަށް ވެފައެވެ.
- ޓެކްނޮލޮޖީ ކުންފުނިތޔަކުގެ އެހީގައި އާޓިފިޝަލް އިންޓެލިޖެންސް އާއި ޖާސޫސީ ވަސީލަތްތައް ވެސް މީހުން ހޯދުމަށް ޔަހޫދީ ޖެނޮސައިޑް ރެޖީމުން ބޭނުން ކުރެއެވެ.
އިސްރާއީލުގެ ޔުނިޓް 8200 އިން ދަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މީހުންގެ ހަރަކާތްތަކާއި މުވާސަލާތީ އުކުޅުތައް ދިރާސާކުރަމުންނެވެ. - ޣައްޒާގެ އިގްތިސާދީ ހާލަތު ދަށްވުމުގެ ނާޖާއިޒު ފައިދާ ނަގައި، ބައެއް މީހުން ލައްވައި ޖާސޫސީ މައުލޫމާތު ހޯދުމަކީވެސް ޔަހޫދީ ޖެނޮސައިޑް ރެޖީމުން ކުރަމުންދާ ކަމެކެވެ.
- އެއްގަމު މަގުން ހިންގާ އޮޕަރޭޝަންތަކުގައި ޣައްޒާގެ ބިންގަރާސްތަކުގެ ބޮޑު ބައެއް ހަލާކުކޮށްލުމަކީވެސް ކޮމާންޑަރުންނަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
- ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، ކޮމާންޑަރުން ޝަހީދުކޮށްލުމަށް އިސްރާއީލަށް ލިބޭ އެންމެ ބޮޑު ފުރުސަތަކީ އެބޭފުޅުންގެ އާއިލާއެވެ. "އާއިލާއަކީ އިންސާނީ ގޮތުން އޮތް އެންމެ ބޮޑު ނާޒުކު ދާއިރާ،" ކަމަށް ބުނެވޭއިރު، ގިނަ ކޮމާންޑަރުން ޝަހީދުކޮށްލާފައިވަނީ އެބޭފުޅުންގެ އަނބިދަރިންނާއެކު ތިއްބަވަނިކޮށެވެ. މިއީ ކިތަންމެ ސަމާލުވެގެން އުޅުނު ނަމަވެސް، އާއިލާއާ ދުރުގައި ނ ުހުރެވޭނެއެވެ. އަދި އެއީ ނުރައްކަލަށް ހުށަހެޅޭ ކަމެކެވެ.
މި ހަމަލާތަކާ ގުޅިގެން، ހަމާސްގެ ކޮމާންޑަރުން ފިލައިގެން އުޅުމުގައި ގެންގުޅޭ އުކުޅުތަކަށް ބަދަލުތަކެއް ގެންނާނެތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ.






