އެމެރިކާގެ 250 ޑޮލަރުގެ ނޫޓުގައި ޓްރަމްޕްގެ ސޫރަ ހިމަނަން އުޅޭކަމުގެ ރިޕޯޓްތަކެއް ފެންމަތިވެއްޖެ

އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އަލަށް ނެރުމަށް ތައްޔާރުވަމުންދާ 250 ޑޮލަރުގެ ނޫޓުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޫރަ ހިމެނުމަށް މަސައްކަތް ކުރަމުންދާކަން ވޮޝިންގޓަން ޕޯސްޓުން ރިޕޯޓްކޮށްފިއެވެ. މިއީ އެމެރިކާގެ ޒަމާންވީ އުސޫލުތަކާ ޚިލާފަށް، ގައުމީ މުއައްސަސާތަކުގައި ޓްރަމްޕްގެ އަމިއްލަ ނަންފުޅާއި ސޫރަ ބޭނުންކުރުމަށް ކުރަމުންދާ ކިބުރުވެރި މަސައްކަތްތަކުގެ ތެރެއިން ފެންމަތިވި ކަމެކެވެ.

ވޮޝިންގޓަން ޕޯސްޓަށް ލިބިފައިވާ މި ނޫޓުގެ ޑިޒައިން މޮކްއަޕްގައި ޓްރަމްޕްގެ ސޫރައިގެ އިތުރުން އެމެރިކާ 250 އަހަރު މި ލަފްޒުތައް ހިމަނާފައިވެއެވެ. މިއީ ޖުލައި 4، 1776 ގައި އެމެރިކާ މިނިވަންކަން އިޢުލާންކުރިތާ 250 އަހަރު ފުރުމާ ގުޅުވައިގެން ތައްޔާރުކުރާ ނޫޓެކެވެ. މިކަން ކާމިޔާބުވެއްޖެނަމަ، މިއީ ފާއިތުވި 150 އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގެ ފައިސާގައި ދިރިހުރި މީހެއްގެ ސޫރަ ޖަހާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.

މި ރިޕޯޓުގައިވާ ގޮތުން، ޓްރެޜަރީ ޑިޕާޓްމަންޓުގައި ތިއްބަވާ ޓްރަމްޕް އައްޔަންކުރެއްވި ދެ އޮފިޝަލަކު މިދިޔަ އަހަރު ވަނީ ބިއުރޯ އޮފް އެންގްރޭވިންގ އެންޑް ޕްރިންޓިންގ އަށް މިކަމުގެ ޕްރޮޓޯޓައިޕްތައް ތައްޔާރުކުރުމަށް ބާރުއަޅުއްވާފައެވެ. ނަމަވެސް، އެ އިދާރާގެ މުވައްޒަފުން ބުނާ ގޮތުގައި މިއީ ދިރިތިބި ރައީސުންގެ ސޫރަ ފައިސާގައި ޖެހުން މަނާކުރާ ފެޑަރަލް ގާނޫނާ ޚިލާފު ކަމެކެވެ. މިކަމާ ދެކޮޅު ހެއްދެވި ބިއުރޯގެ ޑިރެކްޓަރު ޕެޓްރީޝިއާ ސޮލިމީން ވަނީ ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައެވެ.

ޓްރަމްޕްގެ ސަރުކާރުން ދަނީ ސަގާފީ އަދި ސަރުކާރުގެ އެކި އިދާރާތަކުގައި އޭނާގެ ނަންފުޅާއި ސޫރަ ބޭނުންކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޖޯން އެފް ކެނެޑީ ސެންޓަރާއި ޔޫއެސް އިންސްޓިޓިއުޓް އޮފް ޕީސްގެ ނަން ވަނީ ޓްރަމްޕްގެ ނަން ހިމެނޭ ގޮތަށް ބަދަލުކޮށްފައެވެ. އަދި ޖަސްޓިސް ޑިޕާޓްމަންޓާއި އެގްރިކަލްޗަރ ޑިޕާޓްމަންޓުގެ ބެނާތަކުގައިވެސް އޭނާގެ ސޫރަ ބޭނުންކުރަމުންދާއިރު، ކުރިއަށް އޮތްތަނުގައި އެމެރިކާގެ ޕާސްޕޯޓްތަކުގައިވެސް ޓްރަމްޕްގެ ހުތުރު ސޫރަ ހިމެނުމަށް ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން ޑިމޮކްރެޓުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ސެނެޓްގެ ބޭންކިންގ ކޮމިޓީގެ މެންބަރު މާކް ވާނާ ވިދާޅުވީ، މިއީ މީގެ ކުރިން ދުވަހަކުވެސް ކޮށްފައިވާ ކަމެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ރައީސްގެ އަމިއްލަ އެދުން ފުއްދުމަށް ކުރާ ކަމެއް ކަމަށެވެ. ޓްރެޜަރީގެ ތަރުޖަމާނަކު ވިދާޅުވީ، ކޮންގްރެސްއަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ކުރަންޖެހޭ ދިރާސާތައް ޕްރިންޓިންގ އޮފީހުން ކުރަމުންދާ ކަމަށެވެ.

ހިއްސާ ކުރައްވާ!