2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޓިކެޓްތައް "އަތްނުފޯރާ ފަށުގެ" އަގުތަކެއްގައި ވިއްކަމުންދާ ކަމަށް ބުނެ، އެމެރިކާގެ ނިއުޔޯކް އަދި ނިއުޖާޒީ ސްޓޭޓުން ފީފާއާ ދެކޮޅަށް ތަހުގީގެއް ފަށައިފި ކަމަށް އިއުލާންކޮށްފިއެވެ. މި ދެ ސްޓޭޓްގެ ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، ފީފާއިން ދަނީ ޓިކެޓް ވިއްކުމުގައި ފުޓްބޯޅަ ސަޕޯޓަރުންގެ ނާޖާއިޒު ފައިދާ ނަގަމުންނެވެ.
ނިއުޖާޒީގެ އެޓާނީ ޖެނެރަލް ޖެނިފާ ޑެވަންޕޯޓް ވިދާޅުވީ، "ވޯލްޑް ކަޕް ޓިކެޓެއް ގަތުމަކީ އޮޅުންބޮޅުން ބޮޑު، އަދި ނުހަނު އަގުބޮޑު ކަމަކަށް ފީފާއިން ހަދާފައިވާ" ކަމަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނިއުޖާޒީގައެވެ. މި ތަހުގީގުގައި ބަލާނީ ޓިކެޓްގެ ޑިމާންޑަށް ބަލައި އަގު އުފުލުމާއި، ސީޓްތައް ހުރި ތަންތަނާ ގުޅޭގޮތުން ސަޕޯޓަރުންނަށް އޮޅުވާލާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކެވެ.
ނިއުޔޯކްގެ އެޓާނީ ޖެނެރަލް ލެޓީޝިއާ ޖޭމްސް ވިދާޅުވީ، ނިއުޔޯކްގެ ރައްޔިތުން ވޯލްޑް ކަޕަށް އިންތިޒާރު ކުރާތާ އަހަރުތަކެއް ވެފައިވާ ކަމަށާއި، އެމީހުންނަށް ހަމަހަމަ އަގުތަކެއްގައި ޓިކެޓް ލިބެންޖެހޭނެ ކަމަށެވެ. "ބޮޑެތި އަގުތަކެއް ދައްކަން އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.
މި މައްސަލައިގެ ތެރޭގައި ޓިކެޓްގެ އިތުރުން ދަތުރުފަތުރުގެ އަގުތައް ބޮޑުވުންވެސް ހިމެނެއެވެ. އެގޮތުން ނިއުޔޯކުން މެޗުތައް ކުޅޭ ސްޓޭޑިއަމަށް ދިއުމަށް އާންމުކޮށް ނަގާ 12.90 ޑޮލަރުގެ ބަދަލުގައި، މުބާރާތުގެ ދުވަސްވަރު ރޭލު ދަތުރަކަށް 100 ޑޮލަރު ނަގާނެ ކަމަށް ވަނީ ބުނެފައެވެ. ފުޓްބޯލް ސަޕޯޓާސް ޔޫރަޕް (އެފްއެސްއީ) އިން ވަނީ މިއީ ސަޕޯޓަރުންނަށް ވެވޭ ބޮޑު ހިޔާނާތެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ޝަކުވާތަކަށް ރައްދު ދެއްވައި، މިއީ މިހާތަނަށް ބާއްވާ އެންމެ ކާމިޔާބު ވޯލްޑް ކަޕް ކަމަށް ވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވީ ޓިކެޓްތައް ވިކެމުންދާ ހަލުވިމިނަށް ބަލާއިރު މިއީ ތާރީހީ ކާމިޔާބީއެއް ކަމަށެވެ.





