އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ މީރުތު ޑިސްޓްރިކްޓްގައި މިއަހަރުގެ އަޟްޙާ އީދު ނަމާދުގެ އިންތިޒާމުތަކާ މެދު މުސްލިމުންގެ މެދުގައި އޮތީ ބޮޑު ކަންބޮޑުވުމަކާއި ބިރުވެރިކަމެކެވެ. އާންމު ތަންތަނާއި މަގުމަތީގައި ނަމާދުކުރުން އިންޑިއާގެ ބީޖޭޕީގެ ހަރުކަށި ޔޯގީގެ ސަރުކާރުން މަނާކުރުމާ ގުޅިގެން، މިސްކިތްތަކުގެ ކޮމިޓީތަކުން އިއްޔެ އީދު ދުވަސް ފާހަގަ ކުރިއިރު ދިޔައީ ނަމާދު ކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރަމުންނެވެ.
މަލިޔާނާ އަވަށުގެ މިސްކިތެއްގައި ބޭއްވި ބައްދަލުވުމެއްގައި ކޮމިޓީން އިރުޝާދު ދީފައިވަނީ މިސްކިތުން ބޭރުގައި މީހުން އެއްނުވުމަށާއި، މިސްކިތް ފުރިއްޖެ ނަމަ ދެވަނަ ޖަމާއަތަކަށް އިންތިޒާރު ކުރުމަށެވެ. އަދި އެއްވެސް ކަހަލަ ދެބަސްވުމެއްގެ ތެރެއަށް ނުވަނުމަށާއި، ވީޑިއޯ ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. މިއީ ފުލުހުންގެ ފަރާތުން އާންމުކޮށްފައިވާ ހަރުކަށި އެޑްވައިޒަރީތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކެކެވެ.
2014 ވަނަ އަހަރު ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ވެރިކަމަށް އައި ފަހުން، ހިންދޫ ހަރުކަށި ގްރޫޕްތަކުން ދަނީ މުސްލިމުން އާންމު ތަންތަނުގައި ނަމާދުކުރުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. ހިންދީން މަގުމަތީގައި އަޅުކަން ކޮށް ޕެރޭޑް ބޭއްވުމާއި ތާޅަފިލި ބޭނުންކުރުމާއި ރަނގަބީރު އެޅުން ފަދަ ކަންކަން ހުއްދައެވެ. މި ގްރޫޕްތަކުން ބުނާ ގޮތުގައި މަގުމަތީގައި ނަމާދުކުރުމަކީ ޓްރެފިކަށް ބުރޫއަރާ ކަމެކެވެ. ނަމަވެސް މުސްލިމުން ބުނަނީ މިސްކިތްތަކާއި އީދުގާހުތަކަކީ އެންމެންނަށް ޖާގަދެވޭ ވަރަށް ވުރެ ކުދި ތަންތަން ކަމަށެވެ.

އެއުރެން އެދެނީ، ﷲގެ ނޫރުފުޅު (އެބަހީ: އިސްލާމް ދީން) އެއުރެންގެ އަނގަތަކުންފުމެ، ނިއްވައިލުމަށެވެ. އަދި ކާފިރުން ނުރުހުނުކަމުގައިވިޔަސް ﷲ، އެކަލާނގެ ނޫރުފުޅު ފުރިހަމަކުރައްވާހުށްޓެވެ. (އައްޞައްފް)
އުއްތަރަ ޕްރަދޭޝްގެ މުސްލިމުންނާ ދެކޮޅަށް ހަރުކަށި ސިޔާސަތުތަކެއް ގެންގުޅުއްވާ ނުލަފާ ޗީފް މިނިސްޓަރު ޔޯގީ އަދިތްޔަނާތު ވަނީ އީދު ނަމާދު ދަންފަޅިތަކަށް ބަހާލައިގެން ކުރުމަށް އަންގާފައެވެ. އަދި ސުލްހަވެރިކަމާއެކު އެކަން ނުކޮށްފި ނަމަ އަބަދު ދޭނެ ގޮތްތައް އިޚްތިޔާރު ކުރާނެ ކަމަށް ބުނެ އިންޒާރު ދީފައި ވެއެވެ. މީގެ ކުރިން މަގުމަތީގައި ނަމާދުކުރި މީހުންގެ ޕާސްޕޯޓާއި ލައިސަންސް ކެންސަލްކޮށް، ގެދޮރު ތަޅާލާފައިވާ ކަމުގެ ރިޕޯޓްތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.
މިފަދަ ހުރަސްތަކުގެ ސަބަބުން އިއްޔެ އިންޑިއާގައި ފާހަގަ ކުރި އީދުގެ އުފާވެރިކަން ގެއްލި، މުސްލިމުންގެ މެދުގައި އޮތީ ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ. "ކުރިން އީދު ހެނދުނަކީ އުފާވެރި ވަގުތެއް، އެކަމަކު މިހާރު އީދު ވިލޭރޭ ފެށޭއިރުވެސް އޮންނަނީ ފުލުހުންނާއި ސަރުކާރުން ކޮށްފާނެ ނުހޮރޮއްޕާނެއްގެ ނުތަނަވަސްކަން،" ކަމަށް މީރުތުގެ ވިޔަފާރިވެރިއަކު ބުންޏެވެ. ގިނަ ބަޔަކު ބިރުގަންނަނީ ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ބަދުނާމުކޮށް ފުލުހުން ބޯކޮޅު ބަލައި އަދަބުދީ ގެ ތަޅާލަފާނެތީ ނުވަތަ ފުލުހުންގެ ފަރާތުން ފިޔަވަޅެއް އަތުވެދާނެތީއެވެ.
މިސްކިތްތަކުގެ އިމާމުންނާއި ކޮމިޓީތަކުން ދަނީ ފުލުހުންނާ ގުޅިގެން ސުލްހަ ވެރި ގޮތްތައް އިޚުތިޔާރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އަމާޒަކީ އެއްވެސް ކަހަލަ ހަމަނުޖެހުމަކަށް ފުރުސަތު ނުދީ، ވީހާވެސް އަވަހަކަށް ނަމާދު ނިންމައި މީހުން ފޮނުވާލުމެވެ. މިއީ ދީނީ އަޅުކަމަކަށް ވުރެ ބޮޑަށް، ސަލާމަތީ ގޮތުން ބަލަންޖެހޭ ކަމަކަށް އީދު ނަމާދު މިހާރު ވަނީ ބަދަލުވެފައެވެ.







