އީރާނާއެކު އެކުލަވާލާ އެއްބަސްވުމުގެ ދެލިކޮޕީ އެމެރިކާއިން އިސްރާއީލަށާއި އެކުވެރި ގައުމުތަކަށް ފޮނުވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާއެކު ސޮއިކުރުމަށް ހުށަހަޅާ އެއްބަސްވުމެއްގެ ދެލިކޮޕީ ޔަހޫދީ ޖެނޮސައިޑް ރެޖީމާއި އެމެރިކާގެ އެހެނިހެން އެކުވެރި ގައުމުތަކަށް ފޮނުއްވާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ 'ދަ ގާޑިއަން' އިން ރިޕޯޓްކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ހުރުމުޒް ކަނޑުއޮޅި ހުޅުވާލުމާއި، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން ފޭރިގެންފައިވާ އީރާނުގެ 12 ބިލިއަން ޑޮލަރުގެ އެސެޓްތަކަށް އެ ގައުމަށް އަލުން ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ހުރުމުޒް ކަނޑުއޮޅީގެ ހާލަތު 30 ދުވަހުގެ ތެރޭގައި ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ރުޖޫއަކުރުމަށް ވެސް މި ދެލިކޮޕީގައި ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، ޗައިނާއިން ބޭނުންވަނީ މި އެއްބަސްވުމުގެ އެންމެ ފަހުގެ ނިންމުން އދ. އިން ކަށަވަރު ކުރުމަށެވެ.

މި ދަނޑިވަޅުގައި ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލަސާނީ ވަނީ ރައީސް ޓްރަމްޕާ ފޯނުން ގުޅުއްވައި ސަރަހައްދީ މަސްލަހަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ގަތަރުގެ އަމީރު ވަނީ މެދުއިރުމަތި އިތުރަށް ސުންނާފަތި ވިޔަ ނުދިނުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ވެސް ޑިޕްލޮމެސީއަށް އިސްކަންދިނުމަށް ގޮވާލައްވާފައެވެ. ރައީސް ޓްރަމްޕް ވަނީ މި މައްސަލައިގައި ގަތަރާއި ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ.

މި ޚަބަރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އެއް އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސްފައެވެ. ބްރެންޓް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 92 ޑޮލަރުގައެވެ. އަދި އޭޝިއާގެ ހިއްސާގެ ބާޒާރުތަކަށާއި ޕާކިސްތާން ސްޓޮކް އެކްސްޗޭންޖަށް ވެސް މިކަމުގެ ސަބަބުން ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ. ނަމަވެސް، އެމެރިކާއާއެކު ކުރާ މަޝްވަރާތަކަކީ އިހާނެތިކަމާއެކު ކުރާ މަޝްވަރާތަކަކަށް ވެގެން ނުވާނެ ކަމަށާއި، ދުނިޔޭގެ ބާރުގަދަ ގައުމުތަކާ ކުރިމަތިލުމުގައި ހުރި ގޮންޖެހުންތައް އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!