އީބޯލާ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކަރަންޓީނު ފެސިލިޓީއެއް ގާއިމުކުރުމަށް ކެންޔާ ސަރުކާރުން އެމެރިކާއާއެކު ވެފައިވާ އެއްބަސްވުމަކަށް އަމަލުކުރުން އެގައުމުގެ ހައިކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ކޮންގޯގައި ހަލުވިކަމާއެކު އީބޯލާ ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
ކެންޔާގެ ހައިކޯޓުގެ ފަނޑިޔާރު ޕެޓްރީޝިއާ ނިއައުންޑީ ނެރުއްވި އަމުރުގައިވާ ގޮތުން، އެމެރިކާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އީބޯލާ ޖެހިފައިވާ ނުވަތަ ބައްޔަށް ހުށަހެޅިފައިވާ މީހުން ކެންޔާއަށް އެތެރެކުރުމާއި، އުފުލުމާއި އަދި އެފަދަ ފަރާތްތަކަށް މަގުފަހިކޮށްދިނުން ވަނީ މަނާކޮށްފައެވެ. މި މައްސަލައިގެ އަޑުއެހުންތައް އަންނަ ޖޫން މަހުގެ 2 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅި 'ކަޓީބާ އިންސްޓިޓިއުޓް' އިން ބުނާ ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދަނީ ދެފުށް ފެންނަ ގޮތަކަށް ނޫނެވެ. އަދި މިކަމުގެ ސަބަބުން ގައުމުގެ ސިއްހީ ނިޒާމަށާއި ސަލާމަތީ ކަންކަމަށް ކުރާނެ އަސަރުތަކާ ބެހޭ އެކަށީގެންވާ މައުލޫމާތު ހާމަކޮށްފައި ނުވާކަމަށް އެ ޖަމިއްޔާއިން ތުހުމަތުކުރެއެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މިހާރު ފެތުރެމުންދާ އީބޯލާގެ ސަބަބުން މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ޔުގެންޑާއިން ވަނީ ކޮންގޯއާ ގުޅޭ ބޯޑަރުތައް މިދިޔަ ހަފުތާގައި ބަންދުކޮށްފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސްވެރިންވެސް ދަނީ މި ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އާއި ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށްފަހު، އެމެރިކާއިން ވަނީ ކެންޔާއަށް 13.5 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައެވެ. މީގެ އިތުރުން މުޅި ސަރަހައްދުގެ ގައުމުތަކަށް 112 މިލިއަން ޑޮލަރުގެ އެހީ ދޭނެ ކަމަށް އެމެރިކާއިން ބުނެއެވެ. އެމެރިކާއިން ބޭނުން ވަނީ ވޯލްކަޕާ ދިމާކޮށް އެމެރިކާއަށް އެތެރެވާ މީހަކަށް ބައްޔަށް ޗައްކު ވެއްޖެނަމަ މިތަނަށް ފޮނުވާލާށެވެ.






