އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާއެކު އެކުލަވާލުމަށް ހުށަހަޅާފައިވާ އެއްބަސްވުމުގެ މުހިންމު ތަފްސީލްތަކެއް ހުކުރު ދުވަހު ހާމަކުރައްވައިފިއެވެ. ޓްރަމްޕް ވިދާޅުވީ މި އެއްބަސްވުމާ މެދު އެންމެ ފަހުގެ ނިންމުން ނިންމަވާނީ ވައިޓް ހައުސްގެ "ސިޗުއޭޝަން ރޫމް" ގައެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުވަތަ ބޮމެއް އުފައްދައިގެން ނުވާނެ ކަމަށް އެއްބަސްވާންޖެހޭނެ ކަމަށެވެ. އަދި ހުރްމުޒް ކަނޑުއޮޅި ވަގުތުން ހުޅުވާލައި، އެއްވެސް ފީއަކާ ނުލައި ދެފަރާތަށް އުޅަނދުފަހަރަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ކަނޑުއޮޅީގައި ހުރި މައިންތަކާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، ކަނޑުއަޑީގައި ހުރި ހުރިހާ މައިންތަކެއް ނައްތާލަންޖެހޭނެ ކަމަށެވެ. އެމެރިކާގެ މައިން ސުވީޕަރުތަކުން މިހާރުވެސް ގިނަ އަދަދެއްގެ މައިންތައް ގޮއްވާލާފައިވާ ކަމަށާއި، ބާކީ ހުރި މަދު މައިންތައް ނައްތާލުމުގެ ޒިންމާ އީރާނުން އުފުލަންޖެހޭނެ ކަމަށް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އީރާނުން ހިންގި ބަންދުކުރުމުގެ ސަބަބުން ދަތުރުނުކުރެވި ހުރި އުޅަނދުފަހަރަށް މިހާރު ދަތުރު ފެށޭނެ ކަމަށާއި، އެ ބްލޮކޭޑް މިހާރު އުވާލެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނިއުކްލިއާ މާއްދާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މީގެ 11 މަސް ކުރިން އެމެރިކާގެ ބީ-2 ބޮމާ މަތިންދާބޯޓުތަކުން ދިން ހަމަލާތަކެއްގައި ފަރުބަދަތަކުގެ އަޑީގައި އެ ތަކެތި ވަޅުލެވިފައިވާ ކަމަށެވެ.
އެމެރިކާއިން އީރާނާއި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީއާ ގުޅިގެން އެ ތަކެތި ނަގައި ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މި މަސައްކަތް ކުރުމުގެ ފަންނީ ގާބިލްކަން އޮތީ ހަމައެކަނި އެމެރިކާ އާއި ޗައިނާއަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން ވަކި ގޮތެއް އަންގަންދެން އެއްވެސް ފައިސާއެއްގެ މުއާމަލާތެއް ނުހިންގާނެ ކަމަށާއި، މީގެ އިތުރުންވެސް މާ ބޮޑު ނޫން ބައެއް ކަންކަމަށް އެއްބަސްވެވިފައިވާ ކަމަށް ރައީސް ޓްރަމްޕްގެ ބަޔާނުގައިވެއެވެ.






